ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު ދައުލަތުގެ ދަރަނި 132 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި، އެ ދަރަނިތައް ދައްކަވަމުން ގެންދަވައި، ޤައުމު ބަނގުރޫޓުވިޔަ ނުދިނުމަށް ކުރެއްވި މަސައްކަތްތަކަކީ ތަޢުރީފުގެ ޙައްޤު މަސައްކަތްތަކެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ، ޤާސިމް އިބްރާހިމް މިފަދައިން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާމިގިލީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޤާސިމް އިބްރާހިމްގެ ވާހަކަފުޅުގައި ވަނީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޤައުމުގެ އިޤްތިޞާދު އޮތް ހީނަރު ހާލަތާއި، އެ ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރެއްވި ހަރުދަނާ މަސައްކަތްޕުޅުތަކަށް އަލިއަޅުވާލައްވާފައެވެ. އަދި ނިމިދިޔަ ސަރުކާރުތަކުން އެކި ނަންނަމުގައި ނަގާފައިވާ ދަރަނިތަކުގެ ސަބަބުން ޤައުމު އޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެފައި ކަމަށް ވިދާޅުވިއެވެ.
President Dr @MMuizzu addresses ADh. Maamigili residents, outlining plans for key infrastructure projects, underscoring his Administration’s dedication to the community’s advancement. #RayyithunGaathah #AlifuDhaaluAtollVisit pic.twitter.com/vknAUotPzr
— The President's Office (@presidencymv) October 6, 2025
"މަނިކުފާނު އެއްވެސް މީހަކާ ދިމާއަށް ކުޑައިމީސް ބަހެއް ވިދާޅުވި ބަހެއް އަޅުގަނޑު ނާހަން. އެއްވެސް ސިޔާސީ މީހަކު ދަމާފައި ގެންގޮސް ޖަލަށްލީތަނެއް އަޅުގަނޑު ނުދެކެން. ސުޕްރީމް ކޯޓުގައި ތަޅުއެޅުވިތަނެއް ވެސް ނުދެކެން،" ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވަނީ ބައެއް ފަރާތްތަކުން ރައީސަށް ކުރައްވާ ތުހުމަތުތަކަކީ ހަޤީގަތާ ޚިލާފު ވާހަކަތަކެއްކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ޙަޤީގަތާ ޚިލާފު ވާހަކަތައް ޤަބޫލުނުކުރުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވޯޓު ހޯދުމުގެ ނިޔަތުގައި އިތުރުފުޅު ނުހައްދަވާނެކަމަށާއި އެމަނިކުފާނު އޮތީ ކަންކަން ކޮށްދިނުމުގެ އިޚުލާސްތެރި ނިޔަތެއްގައި ކަމަށްވެސް ވިދާޅުވިއެވެ.