ދުނިޔެ މައްޗަށް އަލިކުރަމުން އިރުގެ ދޯދިތަށް އުދަރެހުން ފާޅުވެގެން އައިއިރު އީތަން އޮތީ ޖޯލިފަތީގައި އޮށޯވެލައިގެންނެވެ. އީތަންގެ ނަޒަރު ހުއްޓިފައި ހުރީ ކުރިމައްޗަށެވެ. ފަތިހާ ހޭލިއިރު މުރުޝިދާގެ ހުންގަނޑު އެކީ ވަނީ ނިވާލާފައެެވެ. މުޅި ރޭ ހަތަރުދަމު އީތަން ހުރީ ހޭލައެވެ. ކަންތަށްވެގެން މި ދިޔައީ އީތަން ހީކުރިގޮތާއި މުޅިން ހިލާފަށެވެ. ޕަރީ ރޭ އެގެއަށް ނާންނަންވީ އެއްވެސް ސަބަބެއް އީތަންއަކަށް ނުވިސްނުނެވެ. ކުރިމައްޗަށް ނަޒަރު ދޫކޮށްލައިގެން އިންއިރު އީތަންގެ ލޮލުގެ ކުރިމަތިން ތަސްވީރުވަމުން ދިޔައީ ޕަރީއާއެކު ބޯހަރޭގައި އީތަން ހޭދަކުރި އުފާވެރި ދުވަސްތަކެވެ. ޕަރީއާއެކު އީތަން ބޯހަރޭގައި ހޭދަކުރި މަސްދުވަހަކީ ދުވަހަކުވެސް އީތަންއަށް ހިތުން ފިލުވާލެވިދާނެ ދުވަސްތަކެއް ނޫނެވެ. އެއަށްވުރެން އުފާވެރި ދުވަސްތަކެއް ދެން އީތަންގެ ހަޔާތަށް ނުވެސް އަންނާނެވެ. އިއްޔެއިން ފެށިގެން ޕަރީ އެއުޅެނީ އީތަންއަށް ފިލައިގެންނެވެ. އެނބުރި އީތަންގެ ހަޔާތަށް ޕަރީ ގެންނަން އީތަން ކިތަންމެހާ ވެސް ބޭނުމެވެ. ނަމަވެސް ދެވަނަ ފަހަރު އެގެއަށް ޕަރީ ގެންނާނެހާ ހިތްވަރެއް އީތަން ގަޔަކު ނެތެވެ. ހުއްޓުން އަރާފައި އޮތް އީތަންއަށް ބަލާލެވުނީ ނުހާ ކަރުކެހިލުމުންނެވެ. އީތަން ހޭލާ ހުރުމުންނާއިއެކު ޕަރީގެ ހަމަލައެއް އައިސްދާނޭކަމުގެ ބިރަށް މުޅި ރޭ ނުހާވެސް އުޅުނީ ހޭލައެވެ. ނުހާ ފެނުމުން އީތަން ފުން ނޭވާއެއް ދޫކޮށްލަމުން އޭނާގެ އަތުގައި އޮތް ސިގިރޭޓުބުރި ފައިދަށަށް އެއްލާލައިފިއެވެ. އެއަށްފަހު ނޭފަތް ދަމާލަމުން މޫނު ރަނގަޅުކޮށްލީ ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވާލަމުންނެވެ. އީތަންގެ ހާލު ފެނުމުން ނުހާ ވަރަށް ބޮޑަށް ދެރަވިއެވެ. ރޭ އެތަނުގައި އޮވެ އީތަން ހުސްކުރިހާ ސިގިރޭޓެއްގެ ފިލްޓަރުތަށް އީތަންގެ ފައިދަށުގައި ހުއްޓެވެ.
"އީތަން ތިހާލުގަ ފެނިއްޖިއްޔާ މަންމަ ކިހާ ދެރަވާނެ."
ނުހާ އިށީނީ އީތަންގެ ކައިރީގައެވެ.
"މަށަކަށް ނުވިސްނޭ ރޭ ޕަރީ ނާންނަންވީ ސަބަބެއް. އޭނަ އެއްކޮށް ދިޔައީކީ ނޫންބާ."
އީތަން ސުވާލުކޮށްލީ ކަންބޮޑުވެފައެވެ. ޕަރީ އީތަންއާ ވަކިވަން ނޭޭދޭވަރު އީތަންގެ ކޮންމެ ހަރަކާތަކުންވެސް ދިޔައީ ފެންނަމުންނެވެ. ރޭ އީތަން ގަދައަށް ރޮއެފައިވާ ކަމުގެ ހެކިވެސް އެ ދޮލުން ހުރީ ފެންނާށެވެ. ޕަރީއާ ނުލާ އީތަންގެ ހާލަކީ އެއީ ކަމުގައި ވާނަމަ ދާދި އަވަހަށް އީތަން މަސްތުގެ ދުނިޔެއަށް އެނބުރި ހިނގައިދާނެއެވެ. އީތަންގެ ހާލާއިމެދު ހަމްދަރުދީ ވަމުން ޕަރީ ހިފާލީ އީތަންގެ އަތުގައެވެ.
"އެއީ އިންސާނެއްނަމަ އަހަރެން އޭނަގެ ދެފައިބުޑަށްވެއްޓި އާދޭސްކޮށްގެން ވެސް އީތަންގެ ކައިރިއަށް އޭނަ ގެންނާނަން. އެކަމަކު އިންސާނެއް ނޫން އެއީ. އީތަން ޖެހޭނީ މި ހަގީގަތް ގަބޫލުކޮށްފަ އޭނަ މަތިން ހަނދާން ނައްތާލަން މަސައްކަތްކުރަން. އަހަރެންގެ މައިންބަފައިން އެކުގަ ވަކިވެގެން ދިޔަ ދުވަހު އަހަރެންވެސް ހިތްވަރުކުރިން. ކެތްތެރިވިން. މަސައްކަތް ކުރިއްޔާ އީތަންއަށް ވެސް ކެތްތެރިވާން ދަސްވާނެ. މަންމަވެސް އަހަރެން ވެސް މިހުރީ އީތަންއާއެކު."
ނުހާ ދެމުންދިޔަ ނަސޭހަތް އަޑުއަހަން އީތަން އިނީ އިސްޖަހާލައިގެންނެވެ. ކެތްތެރިވެ ޕަރީގެ މަތިން ހަނދާން ނައްތާލަން އީތަންެވެސް ބޭނުމެވެ. ނަމަވެސް ރޭ ޕަރީ އެގެއަށް ނައުމުން ޕަރީ އޭނާގެ ހަޔާތުން އެކީ ނުކުމެގެން ހިނގައްޖެކަން އީތަންއަށް ވިސްނިއްޖެއެވެ. ދެން ދުވަހަކުވެސް އީތަންއަށް ޕަރީ ނުފެންނާނެއޭ ހިތް ބުނަން ފަށައިފިއެެވެ.
"މުރުޝިދާ.. މުރުޝިދާ."
ދެމީހުންގެ މެދަށް ވެރިވެގެން ދިޔަ ހިމޭންކަން ނަގާލީ ހަސީނާ މާބާރަކަށް ހިނގާފައި އައިސް އެގޭގެ ގޯތިތެރެއަށް ވަނުމުންނެވެ. ދެމީހުނަށް އެކުގައި ބަލާލެވުނީ ހަސީނާގެ މޫނަށެވެ.
"އީތަން ސައްތާރު މަރާލައިގެން އެބައުޅޭ. ފަތިހު އެގޭ މީހުން ހޭލިއިރު ސައްތާރު އޮތީ ލެއިން ކަޅިވެފަ."
ހަސީނާ ގެއަށް ވަންނަން ބާރަށް ހިނގާފައިދަމުން ދިން ޚަބަރަކުން އީތަންގެ ދެފައިދަށުން ހީވީ ބިންގަނޑު ލުހިގެން ދިޔަހެންނެވެ. ދެލޯ ތަންމިނަށް ބޮޑުވެެގެން ދިޔައިރު އީތަން ތެދުވެ ހުރީ ކޮޅަށެެވެ. ހަސީނާއަށް ގޭގެ ދޮރުމައްޗަށް ހުއްޓެވުނީ ގެއިން ނުކުތް މުރުޝިދާގެ ކުރިމައްޗަށެވެ.
"ހިނގާބަލަ ހޮސްޕިޓަލަށް. ރޭ ސައްތާރު މަރާލައިގެން އެބައުޅޭ."
"މަރާލީއޭ."
މުރުޝިދާގެ ގަޔަށް ދިޔައީ ފިނިގަނޑެއް އަރައިގެންނެވެ.
"އާނ. ޒުހުރީ ބުނީ އެގޭ ފާއިޒު ބުންޏޭ ކަރުދޮށުގަ ދެ ލޯވަޅުވެސް އެބަ ހުއްޓޭ. މުޅި ގައިގަ އޮތީ ވަކިއަޅުވާފަ. ހާލިދަށް ވެސް ހަދާފަ އޮތީ ހަަމަ އެހެންނޯ. އިންސާނެއްގެ ކަމެއް ނޫން މީކީ."
"ޔާ ރައްބީ. މީ ކޮންހާ ކަންތަށްގަނޑެއް. ކުރީރޭ ބުޅަލަކަށް ވެސް ވަރަށް އަނިޔާކޮށްފަ އޮތެއްނު."
ހަސީނާއާއެކު މުރުޝިދާ އެވާހަކަ ދައްކަމުން ނުކުމެގެން ހިނގައްޖެއެވެ. އޭރު އީތަންއަށް ވާންހުރި ގޮތެއްވެ ނިމިއްޖެއެވެ. ތުރުތުރު އަޅަމުން ދިޔަ އީތަންއަށް ކޮޅަށްވެސް ނުހުރެވުނެވެ. އަލުން އީތަން އިށީނީ ދެފައިން ބާރުދާހެން ހީވާން ފެށުމުންނެވެ.
"ޕަރީތަ އެހެން ހެދީ. އޭނަ ބައްޕައެއް ނޫންތަ އެއީ.؟
ބިރުގެންފައި ހުރި ނުހާ ހިފެހެއްޓީ އީތަންގެ އަތުގައެވެ. އީތަންއަށް އެސުވާލަށް އެއްވެސް ޖަވާބެއް ނުދެވުނެވެ. ޕަރީ އެރަށުން ބޭރުކުރަން ސައްތާރު ބުނެފައި އޮތުމުން ޕަރީ ސައްތާރަށް އެހެން ހަދައިފާނެއެވެ. އެހެންކަމަށް ވާނަމަ ރޭ އެގެއަށް ނައިސް ޕަރީ އެދިޔައީ ސައްތާރާ ކުރިމަތިލާށެވެ.
"އީތަން. އ…"
"މަ އެބަ އަންނަން."
އީތަން އިންތަނުން ތެދުވުމުން ބިރުން ނުހާ ހިފެހެއްޓީ އީތަންގެ ގައިގައެވެ.
"ކޮންތާކަށް ދާން."
"މި ހުރިހާކަމެއް ފެށި މީހަކީ އަހަރެން. އަހަރެންގެ ސަބަބުން ސައްތާރުގެ ދުވަސް އެދިޔައީ. މިކަން ހުއްޓުވަންވެސް ޖެހޭނީ އަހަރެން."
"ނޫން ނޫން. އޭނައަށް އޭނާގެ ބައްޕަ މަރާލަން ކެރުނިއްޔާ އީތަން މަރާލަންވެސް ކެރޭނެ. ހެޔޮނުވާނެ މަޑުކުރޭ. އަހަރެމެން ބަލާނީ ކޮންމެވެސް އެހެން ގޮތެއް ފެނޭތޯ."
ނުހާއަށް ފެށުނީ ރޯށެވެ.ނުހާގެ ރުހުމުގައި އީތަންއަށް ނުދެވޭނެކަން އެނގުމުން އީތަން ހިފެހެއްޓީ ނުހާގެ ދެއަތުގައެވެ. އޭނާގެ ގައިން ނުހާގެ އަތް ނައްޓުވާލައިފިއެވެ. ނުހާ އީތަންއާ ހަތަރުކަޅިހަމަކުރީ އާދޭހާ އެކުގައެެވެ.
"މިރޭ އޭނަ މިގެއަށް އަންނާނެ. އަހަރެންގެ މަންމައަކީ ނުހާގެ ޒިންމާއެއް. މަންމަގެ ހާލު އެންމެ ގާތުން ބަލާދޭތި."
"ތިކަހަލަ ވާހަކަ ނުދައްކާ. އަހަރެމެން ދެމީހުން މަންމަ ބަލާނީ. ހެޔޮނުވާނެ ނުދޭ."
ނުހާ ރޮމުން ކުރަމުން ދިޔަ އާދޭސްތަކަށް އީތަންއަށް މަޖުބޫރުވީ ބީރުކަންފަތެއް ދޭށެވެ. ގަދަކަމުން ނުހާ ދުރުކޮށްލުމަށް ފަހު އީތަން ދެފަޔަށް ބާރުލަމުން ހިނގައިގަތީ އެެގެއިން ނުކުންނާށެވެ. ފަހަތުން ނުހާ އަންނަން ފެށުމުން އީތަން ދުއްވައިގެންފިއެވެ. އީތަންގެ ފަހަތުން ނުހާ ދިޔައީ ރޮމުންނެވެ. ނަމަވެސް އީތަން މަޑެއް ނުކުރިއެވެ. ބާރަށް ދުވެފައި ގޮސް އީތަން ލަނބާލީ އަތިރިމަގުން ތުނޑިއާ ދިމާއަށެވެ. ފަހަތުން ދުވެފައި ގޮސް ނުހާ އަތިރިއަށް ނުކުތްއިރު އީތަން ފެންނާކަށް ނެތެވެ. ގެންފައިވާ ބިރެއްގެ ސަބަބުން ނުހާ ހަތަރު އުދަރެސް ފެނުޖެހިގެން ހިނގައްޖެއެވެ. އެންމެންގެ ފުރާނައިގެ ބަދަލު އީތަން ޕަރީގެ އަތްދަށުވެގެން ދާން ނުހާ އެއްވެސް ހާލެއްގައި ބޭނުމެއް ނުވެއެވެ. އީތަން ދިޔައީ ކޮންތަނަކަށް ނޭނގުނަސް އީތަން ދިޔައީ ޕަރީ ހޯދަންކަން ނުހާއަށް އެނގެއެވެ. ދެލޯ ފޮހެމުން ނުހާ ދުއްވައިގަތީ އައިކޮޅަށެވެ. އީތަން ސަލާމަތްކުރަން ޕަރީގެ ހަގީގަތް ފުލުހުންނަށް ކިޔައިދޭން ވެސް މިވަގުތު ނުހާ ފަހަަކަށް ނުޖެހޭނެއެވެ. ދުވެފައި ގޮސް ނުހާއަށް ގެއަށް ވަދެވުނީ ކޮޓަރިން ނުކުތް ޝަފާގެ ކުރިމައްޗަށެވެ. އޭރު އާފުރެމުން އައިސް ޝާޔާވެސް ސޯފާގައި އިނެވެ. ކުދިވެރިން ވެސް ހާލައިގެން ނުކުމެ ސިޓިންރޫމްގައި ކުޅިވަރު ފަށައިފިއެވެ. ރޮވިފައި ހުރި ނުހާ މާނޭވާތަކެއް ލަމުން އައިސް ވަނުމުން ޝާޔާގެ ނަޒަރު ހުއްޓުނީ އެދިމާއަށެވެ.
"ނުހާ. މިއޮއްކަމެއް ބަލާބަލަ. ރާއްޖެއިން ފެނުޕަރީއެއް ހިފައިގެން އެބައުޅޭ."
ނުހާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ޝަފާ އަވަސް އަވަހަށް ހިނގައިގަތީ ނުހާއާ ދިމާއަށެވެ. އެންމެންގެ ނަޒަރު ހުއްޓިގެން ދިޔައީ ޝަފާގެ މޫނަށެވެ. ފޯނު ހިފައިގެން ގޮސް ޝަފާ ދައްކާލީ އޭނާގެ ފޯނުން ފެންނަމުން ދިޔަ ލައިވް ވީޑިއޯއެކެވެ.
"ބަލާބަލަ ބިރުވެރިކަން. ލައިވް މީ."
ޝަފާ ނުހާއަށް ދައްކާލި ވީޑިއޯ ބަލަން އަވަސް އަވަހަށް ޝާޔާއާއި ކުދިވެރިންވެސް ގާތްވެއްޖެއެވެ. ރަށެއްގެ ބަނދަރުމަތީގައި ހަނދާފައި އޮތް މަސްފެންގަނޑެއްގެ ތެރެއަށް ލާފައި އޮތް ޕަރީ ދިޔައީ ބިރުވެރި އަޑުތަކަކުން ހަޅޭއްލަވަމުންނެވެ. ފެންގަނޑުގެ ވަށައިގެން ފުލުހުން ގާރޑުކޮށްފައި އޮތްއިރު އެރަށުގެ އެތަށް ބަޔަކު އެއްވެފައި އޮތީ އެ ސަރަހައްދަށެވެ.
"ޔާ ރައްބީ. ތީ ޖެހިގެން މިއޮތް ރަށް. ސުބްހާނަ ﷲ. ކޮންތާކުން ހިފި އެއްޗެއް."
ޝާޔާއަށް އަތްއެޅުނީ މޭގައެެވެ. އޮތް ހުތުރު ސިފައެއްގެ ސަބަބުން އެއީ އެގޭތެރޭގައި ދިރިއުޅުނު ޕަރީ ކަމާމެދު ހިތަށް އަރުވާލަންވެސް ޝާޔާއަކަށް ނޭނގުނެވެ.
"ރޭ އެންހިފަން އުޅުނު ބަޔަކަށް ފެނުނީ. އޮޔާ ދަނިކޮށޭ. އެމީހުން ފުރަތަމަ ހީކުރީ އިންސާނެއްކަމަށް. އޭރު ސިފަވެސް ރީތިކަމަށް ވަނީ. ހެދުމެއްވެސް ލައިގެނޯ އޮތީ. ޓީވީއިން ވެސް އެބަ ދައްކާ މި ލައިވް."
ޝަފާ ބުނުމުން ޝާޔާ އަވަސް އަަވަހަށް ގޮސް ޓީވީ ހުޅުވާލައިފިއެވެ. ޗެނަލްތަކުން ދައްކަމުން ދިޔަ ފެނުޕަރީގެ ލައިވް ފެނުމުން ކުދިވެރިން ފޮނުވައިގެން ޝާޔާ އަވަސް އަވަހަށް ފާއިޒާމެނަށް ގޮވައި ހޭލައްވައިފިއެވެ. ޕަރީ ފެނުމުން ޝަހުލާ އަދި ފާއިޒާވެސް ދިޔައީ އަނގަހުޅުވިގެންނެވެ. އެއަށްވުރެން ބޮޑު ސިހުމެއް އެމީހުންނަށް ލިބިގެން ދިޔައީ ޓީވީގެ ތިރިއަށް އަރަމުން ދިޔަ ދެވަނަ އަވަސް ޚަބަރު ފެނުުމުންނެވެ. ސައްތާރު މަރާލާފައި އޮތް ޚަބަރު ފެނުމުން ފާއިޒާއަށް ދެއަތް އެޅުނީ އަނގަމަތީގައެވެ. ދެލޯ ބޮޑުކޮށްގެން އޭރުވެސް ނުހާ ބަލަން ހުރީ ބިރުން ތެޅި ފޮޅި ހަޅޭއްލަވަމުން ދިޔަ ޕަރީގެ މޫނަށެވެ. އެބިރުވެރި ސޫރަ ޕަރީއާ ވައްތަރުގޮތެއް އެބަ ހުއްޓެވެ. ޔަގީން ނުވިއަސް އެއީ ޕަރީކަމަށް ނުހާގެ ހިތް ބުނަން ފަށައިފިއެވެ. ޕަރީ އޮތް ބިރުވެރި ސިފަ ފެނުމުން ނުހާ ދައްކަން އައި ވާހަކަވެސް ހަނދާން ނެތިގެން ހިނގައްޖެއެވެ.
ދިޔަވަރު ހިކެމުން ދިޔަ ވަގުތުކަން އެއީ އީތަންގެ ނަސީބެވެ. ގަލާއި ހިިރިތަކުގެ ތެރެއިން އަވަސް ހިނގުމުގައި އީތަން ގޮސް ބޯހަރޭއަށް އެރިއިރު ހުރީ ނޭވާ ބޮޑުވެފައެވެ. ނަމަވެސް މަޑުޖެހިލާކަށް އީތަން ބޭނުމެއް ނުވިއެވެ. އެރަށަށް އެރުން މަނާކޮށްފައި އޮތަސް މިވަގުތު ޕަރީ ހޯދަން އަންނަން އެނޫންތަނެއް އީތަންއަކަށް ނުފެނުނެވެ. ދުވަމުން ގޮސް އީތަން މޫދަށް އެރުނީ ހިރިގަލާ ދިމާއިންނެވެ. ބާރަށް ހިނގާފައި ގޮސް ހިރިގަލަށް އަރައި ހިންދެމިލައިފިއެވެ. ނަމަވެސް ޕަރީގެ ހިލަމެއް އެތާކުން ނުވިއެވެ. އީތަން އެތަށް ފަހަރަކު ޕަރީއަށް ގޮވައި އަޑުގަދަ ކުރިއެވެ. ސައްތާރު މަރާލީ ކީއްެވެތޯ ސުވާލުކޮށް ހަޅޭއްލެވިއެވެ. އީތަން ޕަރީއަށް ގޮވުން ހުއްޓާލީ އެތަނުގައި ޕަރީ ނެތްކަމަށް ހިތް ބުނަން ފެށުމުންނެވެ. ބޯހަރޭގައި ޕަރީ ފިލާ ހުރެދާނޭކަމަށް ވިސްނައި އީތަން ދެން އެރީ ބޯހަރޭއަށެވެެ.
"ޕަރީ. ޕަރީ…"
އީތަން ވަލުތެރެއަށް ވަދެެގެން ދިޔައީ ޕަރީއަށް ބާރަށް ގޮވަމުންނެވެ. ނަމަވެސް ފަޅުކަމާއި އެކަނިވެރިކަން ނޫން އެއްެވެސް އެއްޗެއް އެވަލުތެރެއިން ވެސް އީތަންއަކަށް ނުފެނުނެވެ. އީތަން މަޑުޖެހުނީ ޕަރީއަށް ގޮވައި ގޮވައި ވަރުބަލިވެގެންނެވެ.
ރާއްޖެއިން މީހަކު މަރާލާފައި އޮތް ޚަބަރަށް ވުރެން ބާރަށް ފެތުރިގެން ދިޔައީ ރާއްޖެއިން ފެނުޕަރީއެއް ފެނުނު ވާހަކައެވެ. އިރުއަރައި އަލިވެގެން އައިއިރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެވާހަކަ ފެތުރިގެން ހިނގައްޖެއެވެ. މުރުޝިދާ ގެއަށް އައިއިރު ސައިހަދަން ބަދިގެއަށް ނުވަދެ ގޭގެ އެންމެން ތިބީ ޓީވީ ބަލާށެވެ.
"މާމާ ބަލާބަލަ. ދޮންބެ ބުނީ ހަމަ ތެދެއް. ފެނުޕަރީއަކީ އުޅޭ އެއްޗެއް."
މުރުޝިދާ ފެނުމާއެކު ލައިނީ ވަރަށް އުފާވެފައި މުރުޝިދާއަށް ޓީވީ ދައްކާލައިފިއެވެ. ޓީވީއިން ފެންނަމުން ދިޔަ މަންޒަރު ފެނުމުން މުރުޝިދާގެ މެއަށް ދިޔައީ ފިނިވެގެންނެވެ. ބިރުން ނޭވާ ހިފެހެއްޓިފައި ނުހާ އެމީހުން އުޅެމުންދިޔަ ގޮތް ބަލަން ހުއްޓެވެ. އެއީ ޕަރީކަން އެމީހުންނަށް އެނގިއްޖެނަމަ ގަންނާނެ ބިރު ނުހާއަށް ވިސްނެއެވެ.
"ޔާ ރައްބީ އެއީ ކޯއްޗެއް.؟"
"އަހަރެމެންވެސް މިތިބީ ކިޔާނެ އެއްޗެއް ނޭނގިފަ. މިރަށް ކައިރިން ހިފައިގެން އުޅެނީވެސް. މަށަށް މިހާރު ހީވަނީ ކުޑައިރު އީތަން ހިރިގާ މަތިން ވެއްޓުނު ވާހަކައެއް ދެއްކިއެއްނު. އެއީވެސް ތެދު ވާހަކައެއް ހެން."
ފާއިޒާ އެދުވަސް ހަނދާން ކޮށްލަ ދިނުމުން މުރުޝިދާ ގަތީ ބިރެވެ. އެންމެ ފުރަތަމަވެސް މުރުޝިދާގެ ހަނދާނާ ކުޅެލީ ޕަރީއެވެ. ޕަރީއާމެދު ކުރިންވެސް މުރުޝިދާއަށް އޮތީ ޝައްކުވެފައެވެ. ނަމަވެސް މަހުލޫގެއް އިންސާނަކަށް ވެގެން އައިސް ގެއެއްގެ ތެރޭ އުޅެދާނޭ ކަމަކަށް އޭރު މުރުޝިދާގެ ބުއްދި ގަބޫލެއް ނުކުރިއެވެ. ޓީވީއާ ގާތަށް ޖެހެމުން މުރުޝިދާ ފަރުވާތެރިކަމާއެކު ހުތުރު ސިފައެއްގައި އޮތް އެ ފެނުޕަރީއަށް ބަލަން ފަށައިފިއެވެ.
"މަންމާ ސައްތާރުބެ ވާހަކަ އަޑު އެހިންތަ.؟"
މުރުޝިދާއަށް އެއްޗެއް ވިސްނާނުލެވިގެން އުޅެނިކޮށް ޝާޔާ އަހާލިއެވެ. މުރުޝިދާ ބަލާލީ ޝާޔާގެ މޫނަށެވެ.
"މަންމަ މިއައީ އެތަނަށް ގޮއްސަ. ބައިވަރު މީހުން އެއްވެފަ އެބައޮތް. ސައްތާރު މާލެ ގެންދަން އުޅެނީ. ނޭނގެ ކާކުކަމެއް ވެސް ސައްތާރަށް އެެހެން ހެދީ. އެންމެންވެސް ބުނަނީ ހާލިދަށް ވެސް ހަދާފަ އޮތް ގޮތަށޭ ސައްތާރަށް ވެސް ހަދާލާފަ އޮތީ."
މުރުޝިދާ އައިސް ސޯފާގައި އިށީނދެއްޖެއެވެ.
"މަޑުކޮށްބަލަ. ސައްތާރުބެ ވެސް މީ ފެނުޕަރީއެކޭ އަބަދު ކިޔާ މީހެއް. މަށަށް ހީވަނީ ދަންވަރު އަލިގުޅަތަކެއްހެން ބޯހަރޭއަށް އަރަނީ މީގެ އެއްޗެހިތަކެއް ހެން."
ފާއިޒާ ޓީވީއަށް އިޝާރާތް ކޮށްލަމުން ޝައުގުވެރިކަމާއެކު ބުނެލިއެވެ. އެއީ ތެދަކަށް ވެދާނެކަން މިހާރު އެންެމެންނަށް ވެސް ގަބޫލުކުރެވިއްޖެއެވެ.
"ތިހެންވިއްޔާ ހާލިދާއި ސައްތާރަށް ހަމަލާ ދީގެން އެއުޅެނީ މީގެ އެއްޗެއް."
ޝަހުލާ ބުނެލީ ޔަގީންކަމާއެކުގައެވެ.
"އާނ. ގައިމު ހާލިދަށް މީހަކު ހަމަލާދިންކަމުގެ ހެއްކެއްވެސް ނުފެނުނެއްނު. ކުރީ ރޭގަ ބުޅަލެއް ވެސް އޮތް މަރާލާފަ. އޭގެ މާނައަކީ އެއެއްޗެހިތަށް މިރަަށަށް ވެސް އަރަން ފެށީއޭތަ.؟"
ފާއިޒާ އަހާލީ ކަންބޮޑުވެފައެެވެ.
"އާނ. ޔަގީން ސައްތާެރުބޭގެ ކިބައިން ބަދަލެއް އެ ހިފާލީ."
ޝާޔާ އެވާހަކައާ ވިއްދައި ބުނެލިއެވެ.
"އެކަމަކު ދޮންބެ ބުނި ފެނުޕަރީއަކީ ނުލާހިކު ރީތި އެއްޗެކޭ. ދޮންބެ ދައްތަވެސް ކިހާ ރީތި. ދޮންބެ ބުންޏެއްނު ދޮންބެދައްތަ އަކީ ފެނުޕަރީއެކޭ."
އެމީހުންގެ ވާހަކައިގެ ތެރެއަށް ވަންނަމުން އަމާނީ ހަނދާންކޮށްލަ ދިނެވެ.
"ހޫރު ޕަރީއެއްނު އެއީ. އެެހެންނޫނަސް ކޮން ދޮންބެ ދައްތައެއްތަ. ދެން ނާންނާނެ ތިބުނާ ދޮންބެ ދައްތައެއް."
ޝަހުލާ މޫނަށް ހަދާލީ ފޫހި ގޮތެކެވެ. ނަމަވެސް އަމާނީގެ ވާހަކައާ މެދު މުރުޝިދާއަށް މަޖުބޫރުވީ ފުންކޮށް ވިސްނާލާށެވެ.
"މަޑުކޮށްބަލަ. ސައްތާރުބެ އަބަދުވެސް ކިޔާނެ އެއީ ސިފަ ބަދަލުކުރާ ބައެކޭ. ބޯހަރޭއިން ޖިންނި މޮޔަވާ މީހުންވެސް ދައްކަނީ ރީތި އަންހެން ކުދިން ފެންނަ ވާހަކަ. އެންމެން ހަނދާން އެބަހުރިތަ ޕަރީ މިގެއަށް އައި ފުރަތަމަ ދުވަހު އުޅުނުގޮތް. ބޯހަރޭގައި ދަންވަރު އުޅެއުޅެފަ އީިތަން މިގެއަށް ޕަރީ ގެނައީ."
ޝާޔާ ވިސްނަމުން ދައްކަމުން ދިޔަ ވާހަކަތަށް އަޑުއަހަން އެންމެން ތިބީ ހާސްވެފައެވެ.
"އޭނަ މިގެއަށް އައިއިރު ކާންވެސް އޭނައަށް ނޭނގެ. އޭނަ ކަނީ މަސް. ދެން އެހެރަ ބޯ ފެންތަކެއް.އެދުވަހު އީތަން ކުދިން ކައިރީ ދެއްކީ ތެދު ވާހަކައެއް ނޫންބާ.؟"
"ނޫނީ އެހެނެއް ނުވާނެ. ޕަރީއަކީ އެކަަހަލަ އެއްޗެއްނަމަ އަހަރެމެންނަށް ނޭނގި ނުދާނެއްނު."
ފާއިޒާއާ ދެކޮޅުހެދީ ޝަހުލާއެވެ.
"މަންމައަށް ކުރިންވެސް ޕަރީއާ މެދު ޝައްކު."
ޝަހުލާގެ ވާހަކަ މެދުކަނޑާލީ މުރުޝިދާއެވެ. އެންެމެނަށް ބަލާލެވުނީ މުރުޝިދާގެ މޫނަށެވެ. ޓީވީއަށް ނަޒަރު ހުއްޓިފައި އިން މުރުޝިދާގެ މޫނުމަތިން ފެންނަމުން ދިޔައީ ބިރުވެރިކަމާއި އިންތިހާއީ ހާސްކަމުގެ ކުލަވަރެވެ. ނުހާއަށް ކުރެވުނުހާ ވެސް ކަމަކީ ނޭވާ ހިފަހައްޓާލައިގެން އިނުމެވެ. ގޭތެރޭގައި ދެކެވެމުން ދިޔަ މޮޔަ ވާހަކަ އަޑު އަހަން ޝަފާ ހުރީ ހައިރާންވެ ހިނިއައިސްފައެވެ. ހެޔޮ ބުއްދި ލިބިފައިތިބި އަންހެނުންތަކެއް އެކަހަލަ މޮޔަ ވާހަކަތަކެއް ދެއްކުމުން ހައިރާންނުވާނީވެސް ކާކު ހެއްޔެވެ.
"ޕަރީއާ މެދު ޝައްކުކުރެވިގެން މަންމައާއި ހަސީނާއްތަ ދިޔައިން ގަނީމްބެ ކައިރިއަށްވެސް. އެކަމަކު އަހަރެމެންނަށް ގަނީމުބެ ކައިރީގަ އެއްޗެއް ނުބުނެވި އުޅެނިކޮށް ދެން ފެނުނީ ޕަރީ އައިސް އެގޭ ދޮރުމަތީގަ ހުއްޓިގެން ހުއްޓާ. އޭނަ ބަލަން ހުރިގޮތުން މަންމައަށް އެނގުނު އަހަރެމެން ދައްކާ ވާހަކަ ކިތަންމެ ދުރުގައި ހުއްޓަސް ޕަރީއަށް އަޑު އިވޭކަން."
މުރުޝިދާގެ ވާހަކައިން ފާއިޒާމެން ތިބީ ދެލޯ ބޮޑުވެފައެވެ. އެހާ ގާތުގައި އުޅުނުއިރުވެސް އެމީހުންނަށް އެކަހަލަ ޝައްކެއްވެސް ޕަރީއާ މެދު ކޮށްލެވިފައި ނެތެވެ.
"ދެން އެއްދުވަހު މަންމައަށް އެނގުނީ އީތަން ޕަރީ ގޮވައިގެން ސައްތާރާއި ބައްދަލު ކުރަން ދިޔަކަން. ފަހުން ސައްތާރުގެ ކުއްޖެއް އައިސް އީތަން ކައިރީ މިބުނަނީ ބައްޕަ އެބަކިޔައޭ އެމަންޖެ ފޮނުވާލާށޭ. އެއީ ނުރައްކާތެރި ބައެކޭ. އެކަަމަކު މިޒަމާނުގަ އެގޮތަށް އައިސް އިންސާނުންގެ ތެރޭގަ މަހުލޫގެއް އުޅެދާނޭ ކަމަކަށް މަންމައަށް ގަބޫލެއް ނުކުރެވުނު. މިރަށު ތެރޭގަ ބުޅަލެއް މަރާލާފަ އޮތްރޭ ޕަރީ އީތަންގެ ކޮޓަރިއަށް ކުޑަދޮރުން ވަންނަނިކޮށް ވެސް މަންމަ ދުށިން. ހެނދުުނު މަންމައަށް ފެނުނީ ދޮރު ތަޅުގަ ލޭ އުނގުޅިފަ ހުއްޓާ. މަންމަ ހީކުރީ ލާމިއުމެންގެ ކަމެއްކަމަށް އެއީ. އޭގެ ފަހުން ދެވަނަ ރޭ ވެސް ޕަރީ ބޭރަށް ނުކުތް ދަންވަރު. އެކަމަކު މަންމަ ފާރަލާކަން އޭނައަށް އެނގިއްޖެ. ތިންވަނަ ރޭ މަންމައަށް ހޫނު ވައިރޯޅިއެއްހެން އަލިގުޅައެއް ދިޔަތަން ފެނުނީ. މަންމަ ގައިގާ ޖެހޭހާ ގާތުން އޭތި ދިޔައީ. އެރޭ މަންމަ ހަޅޭއްލަވައިގަތީ. މަންމައަށް މިހާރު ހީވަނީ އެއީ ބޯހަރޭއަށް އަރާ ކަހަލަ އަލިގުޅައެއް ހެން."
މުރުޝިދާގެ ވާހަކަތަކުން ހަމަ ރަނގަޅަށް އެ ވާހަކަތަށް އަޑު އަހަން ތިބި އެންމެން ބިރުގަންނުވާލައިފިއެެވެ.
"ބޭކާރު ވާހަކަ ތީ. އޭނަ އެއީ އިންސާނެއް ނޫންނަމަ މަށެއް ނުހުންނާނެ މިހާރު ދުނިޔޭގަ."
ޝަހުލާ މުރުޝިދާގެ ވާހަކަތަކާއި މުޅިން ދެކޮޅެވެ. މުރުޝިދާ ބަލާލީ ޝަހުލާގެ މޫނަށެވެ.
"އެންމެ ރަނގަޅު. ތިކަހަލަ ކަމެއް އުޅެންޏާ ހަމަ ޔަގީނުންވެސް ނުހާއަށް އެނގޭނެ. އީތަން އަހަރެމެންނަށް އޮޅުވާލައިގެން އުޅެދާނެ. އެކަމަކު ނުހާއަށް އޮޅުވައެއް ނުލާނެ."
ޝަހުލާ ކޮޅަށް ތެދުވަމުން އެނބުރުނީ ނުހާއާ ދިމާއަށެވެ. ނުހާގެ މެއަށް ހީވީ މީހަކު ދުންޏެެއް ހަރާލިހެންނެވެ. ބިރުން ނިއްކުރިން ވޮށްދާ ހިއްލާލަފައި ހުރި ނުހާގެ މޫނަށް އެންމެން ބަލާލީ އެކުގައެވެ.
"ބުނެބަލަ. އީތަން އެކަހަލަ އެއްވެސް ވާހަކައެއް ދެއްކިތަ. ޕަރީއަކީ އިންސާނެއް ނޫނޭ އޭނަ ނުހާ ކައިރީގަ އެއްފަހަރުވެސް ބުނިތަ.؟"
ޝަހުލާ އައިސް ހުއްޓުނީ ނުހާގެ ކުރިމަތީގައެވެ. އޭރު ނުހާގެ އަތްފައި ދިޔައީ ފިނިވެ ތުރުތުރު އަޅަމުންނެވެ. ދޮގު ހެދުމަކީ ނުހާ ކުރަން ދަންނަކަމެއް ނޫނެވެ. ނަމަވެސް އީތަންގެ އާއިލާގެ ކުރިމަތީގައި އެވަރުގެ ވާހަކައެއް ދައްކަން ނުހާ އަނގަ ހުޅުވާލާނީ ކިހިނެއް ހެއްޔެވެ. ނުހާއަށް ވަމުންދިޔަ ގޮތްތަން ފެނުމުން އެންމެންނަށް ވަމުން ދިޔަ ޝައްކު ޔަގީނާއީ ގާތްވެގެން ހިނގައްޖެއެވެ. ނުހާ ހުރި ހާލު ފެނުމުން ޝަފާ ގަބޫލުކުރަން ދަތިވެފައި ހިފީ ނުހާ އަތުގައެވެ.
"އެއީ ތެދެއްްތަ. ޕަރީ އަކީ ފެނު…"
ޝަފާ ކުރަން އުޅުނު ސުވާލު މެދުކަނޑާލީ އީތަން އައިސް ގެއަށް ވަންތަން ފެނުމުންނެވެ. އެންމެންގެ ނަަޒަރު ހުއްޓުނީ އީތަންގެ މޫނަށެވެ. ތެމިފޯވެފައި ހުރި އީތަންގެ ފިޔަވަޅުތަަށް އަވަހެެވެ. އަވަސް ހިނގުމެއްގައި އީތަން ދިޔައީ ކޮޓަރިއާ ދިމާއަށެވެ.
"އީތަން ޓީވީ ބަލާބަލަ."
ޝަޔާގެ އަޑު އިވުމުން އީތަންއަށް ޓީވީއާ ދިމާއަށް ބަލާލެވުނީ ބޭއިހުތިޔާރުގައެވެ.
"ރޭޭ މިރަށާއި ދިމާއިން ހިފި ފެނުޕަރީއެއް އެއޮތީ."
ޝަޔާ ބަލަން ހުރީ އީތަންގެ މޫނަށެވެ. ފުރަަތަމަ ނަޒަރުން އެއްޗެއް ނުވިސްނުނަސް ދެވަނަ ހިނދުން އީތަން ދިޔައީ ހުއްޓުން އަރައިގެންނެވެ.ދެލޯ ތަންމިނަށް ބޮޑުކޮށްލެވުނީ ބޭއިހުތިޔާރުގައި ޓީވީއާ ދިމާއަށް ހިނގައިގަންނަމުންނެވެ. ބާރަށް ހަޅޭއްލަވާ އަޑުގަދަ ކުރަމުން ދިޔަ ޕަރީ ފެނުމުން އީތަންއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އެންމެ ފުރަތަމަވެސް އީތަންއަށް ދެއަތް އެޅުނީ ބޮލުގައެެވެ. ކޮންމެ ސިފައެއްގައި އޮތަސް އީތަންއަށް ޕަރީއެއް ނޯޅުނެވެ. އެންމެ ހިނދުކޮޅަކުވެސް މަޑުކުރަން ނަހަދައި އީތަން ދުއްވައިގަތީ ގެއިން ނުކުންނާށެވެ.
"އީތަން.. އީތަން މަޑުކުރޭ. އީތަން"
އީތަން ހިފަހައްޓަން މުރުޝިދާ ދުއްވައިގަތީ ރޮއެގަންނަމުންނެވެ. އެއީ ޕަރީ ނޫންނަމަ އީތަންއަށް އެހާ ވަރެއް ނުވާނެއެވެ. މުރުޝިދާގެ ފަހަތުން ގޭގެ އެންމެން މަގަށް ނުކުމެއްޖެއެވެ. ނަމަވެސް އީތަން މަޑެއް ނުކުރިއެވެ. އެއްވެސް ހާލެއްގައި ޕަރީ ބައެއްގެ އަތްދަށުވާން އީތަން ބޭނުމެއް ނޫނެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ އީތަންގެ ފުރާނައެވެ. މިއަދު އީތަންގެ އެހީތެރިކަން އިންތިހާއަށް ޕަރީއަށް އެވަނީ ބޭނުންވެފައެވެ. އެމީހުންގެ އަތްދަށުން ޕަރީ ސަލާމަތް ކުރުމަކީ އީތަންގެ ޒިންމާއެކެވެ. ބާރަށް ދުވަމުން ގޮސް އީތަން ވަނީ ލާމިއުގެ އައްޑާއަށެވެ. އީތަންގެ ނަސީބު ރަނގަޅެވެ. ލާމިއުއާއި ޒިދާން ވެސް ސައިކަލުގައި އައިސް އެތަނަށް މަޑުކޮށްލީ ހަމަ އެވަގުތުއެވެ.
"ކަލޭ ބައްޕަ ޑިންގީ ތަޅުދަނޑި ކޮބާ؟"
އަވަސް އަރާފައި ހުރި އީތަން ދުވެފައި ގޮސް ހިފެހެއްޓީ ޒިދާން ގައިގައެވެ.
"ކަލޭ ހަމަތަ. ގަޔަށް އަތްނުލާ ހުރޭ."
ޒިދާން ވަގުތުން އީތަން ފޮޅުވާލައިފިއެވެ.
"ޖެހިގެން އޮތް ރަށަށް ނުދެވިގެން އެތެޅެނީ. މިގޮލާ އާއިލާ މީހަކު ހިފައިގެން އެބަ އުޅޭނު."
ހިނިގަނޑެއް ޖަހާލަމުން ޒިދާނަށް ޖަވާބު ދިނީ ލާމިއުއެެވެ. އީތަން ލާމިއުއަށް ބަލާލީ ދެލޯ ބޮޑުކޮށްލަމުންނެވެ.
"ކަލޭ ނަސީބު ވަރަށް ރަނގަޅު. އަހަރެމެން ވެސް މިއައީ ހަމަ އެތަނަށް ދާންވެގެން. އާދޭ މިކޮޅަށް."
އީތަންގެ ކޮނޑުގައި ޖަހާލަމުން ލާމިއު ކުރިއަށް ހިނގައިގެންފިއެވެ. އެދެމީހުންގެ ފަހަތުން ގޮސް އީތަން ޑިންގީއަށް އެރިއިރު ބާރު ބާރަށް އީތަންގެ ހިތް ދިޔައީ ތެޅެމުންނެވެ. ލަހެއް ނުވެ ޑިންގީ ކަނޑަށް ނުކުމެ ދުއްވާލައިފިއެވެ. އީތަންއަށް އިނދެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ.
"މަ އަދިވެސް ހަނދާންވޭ ކަލޭ ކުޑައިރު ދެއްކި ވާހަކަ. ފެނުޕަރީއެއް ފެނިގެން. އެ ހަމަ ތެދު ވާހަކައޭދޯ."
ލާމިއު އެވާހަކަ ދެއްކުން ހުއްޓައެއް ނުލިއެވެ. އީތަން ހާސްވެފައިވާ ވަރު ފެނުުމުން ލާމިއު ގާތަށް އަންނަނީ ހިންޏެވެ. ލާމިއުގެ ސުވާލަށް އެއްވެސް ޖަވާބެއް އީތަންއަކަށް ނުދެވުނެވެ.
"ކަލޭ ފަހުން ބޯހަރޭގަ އުޅުނީވެސް އެމީހުންނާއެކުގަތަ.؟"
ލާމިއު ސުވާލުކޮށްލުމުން އީތަން ބަލާލީ ލާމިއުގެ މޫނަށެވެ.
"އެމީހުން ހިފައިގެން އެއުޅެނީ ޕަރީ. ކަލޭމެން އަތުގަ ވަޅި އެބަހުރިތަ.؟"
ސިއްރު ކޮށްގެން ވާނޭ ފައިދާއެއް ދެން ނެތެވެ. ކުއްލިއަކަށް ޒިދާން ޑިންގީ މަޑުކޮށްލައިފިއެެވެ.
"ތިބުނީ ކީކޭ.؟"
"އަހަރެންގެ ޕަރީ އެއީ. ރޭ ޕަރީ ހިފައިގެން އެމީހުން އެއުޅެނީ. މަމި އަހަނީ ކަލޭމެން އަތުގަ އެއްވެސް ހަތިޔާރެއް އެބަހުރިހޭ. މަ ބޭނުމެއް ނޫން އެމީހުން ޕަރީ މަރުވަންދެން ކޮއްޓެއްގަ ބަންދުކޮށްގެން ފާޑު ފާޑުގެ ދިރާސާތަށް ކުރަން. ކަލޭމެން ދެމީހުންގެ އެހީތެރިކަން ލިބިގެން މަށަށް ޕަރީ ސަލާމަތް ކުރެވޭނީ."
އީތަން މަސައްކަތްކުރީ އެ ދެމީހުންނަށް ވިސްނައިދޭށެެވެ. އީތަން އެކުރަނީ ސަމާސާއެއް ނޫންކަން އީތަންގެ ހާލު ފެނުމުންވެސް އެނގޭހާވެއެވެ. ގަބޫލުކުރަން ދަތިވެފައި ލާމިއުއާއި ޒިދާނަށް ބަލާލެވުނީ އެކަކު އަނެކެއްގެ މޫނަށެވެ.
އީތަން ހޯދަން ރަށުތެރޭގައި އެނބުރެމުން ދިޔަ މުރުޝިދާ ހިފެހެއްޓީ ފަހަތުން ގޮސް ފާއިޒާއެވެ.
"އޭނަ ނުފެންނާނެ. މަންމަ ހިނގާ ގެއަށް."
"ކަނލާންގެ ރަސްކަންފުޅަށްޓަކާ މަގޭ ދަރި ހިފަހައްޓަން ދޭ. އެއޮތީ އެއެތި އޮތް ސިފަ. ހެޔޮވާނެތަ އޭގެ ފަހަތުން ދާން."
ގެންފައިވާ ބިރެއްގެ ސަބަބުން މުރުޝިދާގެ އަޑު ތުރުތުރު އަޅަމުން ދިޔައެވެ.
"މަންމަ ކޮންމެ ވާހަކައެއް ދެއްކިއަސް އީތަން ދާނެ އެރަށަށް. މިހާރު ނޭނގެ ނުފުރާކަމެއް ވެސް އޭނަ. ހިނގާބަލަ ޓީވީ ކައިރިއަށް."
ފާއިޒާ މުރުޝިދާ ގެއަށް ގެނައީ އާދޭސް ކޮށްގެންނެވެ. އެދެމީހުންގެ ފަހަތުން އެހެން މީހުންވެސް ގެއަށް ވަދެއްޖެއެވެ. އޭރުވެސް ޓީވީއިން ދިޔައީ އެ މަންޒަރު ލައިވް ކުރަމުންނެެވެ. އެތަށްއިރަކު ތެޅިތެޅިފައި ޕަރީ ކުރުގެޅިގެން އޮތެވެ ކަނެއްގެ ތެރޭ ބޮނދައި އޮތެވެ.
ޑިންގީ ބަނދަރު ކުރުމާއެކު އީތަން ޑިންގީއިން ފުންމާލައިގެން ދުއްވައިގަތީ މީހުންތަށް ޖަމާވެފައި އޮތް ދިމާއަށެވެ. އޭރު ފެނުޕަރީގެ ކަންކަން ދިރާސާ ކުރުމަށް މާލެއިން ފޮނުވި ވަފުދު އެރަށަށް ފައިބައިގެން އުޅެއެވެެ. ކައިރި ރަށްރަށުން އެތަށް ބަޔަކު ފެނުޕަރީ ބަލާލުމުގެ ނިޔަތުގައި އެރަށް ޖަމާވަމުން ދިޔައެވެ. މުޅި ބަނދަރުމަތި އޮތީ މީހުންތަކުން ފުރިފައެވެ. އެމީހުންގެ އަޑުފަށްގަނޑު ވަނީ ގުގުމާލާފައެވެ. އީތަން އެރަށަށް އެޅި ފުރަތަމަ ފިޔަވަޅާއިއެކު ޕަރީއަށް އީތަންގެ އިހުސާސް ކުރެވިގެން ހިނގައްޖެއެވެ. ދެލޯ ބޮޑުކޮށްލަމުން ޕަރީ ވަށައިގެން ބަލާލައިފިއެވެ. އެ އެންމެންގެ ތެރެއިން އީތަން ފެންނަން ނެތަސް އީތަން އެރަށަށް ފައިބައިފިކަން ޕަރީއަށް ޔަގީންވެއްޖެއެވެ. ޕަރީ ތޫލިއަޑެއް ނެރެ ހަޅޭއްލަވައި ތެޅެން ފެށިގޮތުން އެއްވެފައި ތިިބި މީހުންގެ އަޑުފަށްގަނޑުވެސް ބާރުވެގެން ހިނގައްޖެއެވެ.
އެންމެން ފޫއަޅުވަމުން އީތަން އެ މައިދާނަށް ނުކުމެވުނީ އެތަށް ހާލަކުންނެވެ. އީތަން ފެނުމާއެކު ޕަރީ ރޮއެގަންނަމުން އެދިމާއަށް ދާން ތެޅިގެންފިއެވެ. އަތްގުޅައިގެން ތިބި ދެ ޕޮލިހުންގެ އަތްދަށުން ދެމިގަނެގެން އީތަން ދުއްވައިގަތީ ޕަރީއާ ދިމާއަށެވެ. އެމަންޒަރު ފެނުމުން އެންމެނަށް ވެސް ލިބިގެން ދިޔައީ އިތުރު ސިހުމެކެވެ. ބިރެއް ސިހުމެއްނެތި އީތަން ފެންގަނޑަށް އެރުނުތަން ފެނުމުން މުރުޝިދާއަށް ވެސް ލަވައިގަނެވުނީ ހަޅޭކެވެ. ދުވެފައި ގޮސް އީތަން އޮޅުލައިގަތީ ޕަރީ ގައިގައެވެ. ޕަރީ އީތަންގެ ގައިގާ ބައްދައިގަތީ އަޑުން އަޑުނަގައި ރޮމުންނެވެ. އެއްވެސް ހާލެއްގައި ޕަރީ ބައެއްގެ އަތްދަށުވެގެން ދާން އީތަން ނޭދެެއެވެ. އެއި އިންސާނެއް ނޫން ކަމުގައި ވިޔަސް އެއީ އީތަންގެ ލޯތްބެވެ. އީތަންގެ މުޅި ދިރިއުޅުން ބަދަލުކޮށްލި އީތަންގެ ހިތުގެ ވިންދެވެ. އެފަދަ ސިފައަކަށް އޮތް އެއްޗެއްގެ ގައިގާ އިންސާނަކު ބިރެއް ސިހުމެއްނެތި ގޮސް ބައްދައިގަތުމުން އެމަންޒަރު ބަލަން ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި އެތަށް މިލިއަން ބަޔަކު ދެލޯ ތަންމިނަށް ބޮޑުވެ އަނގަ ހުޅުވިފައި ތިއްބެވެ.
އީތަންގެ ހިމާޔަތް ލިބިގެން ދިއުމުން މަޑުމަޑުން ޕަރީގެ ހުތުރު ސިފަ ބަދަލު ވާން ފަށައިފިއެވެ. އެންެމެން ބަލަބަލައި ތިއްބައި ޕަރީގެ އުނަގަނޑުން މަތި އިންސާނެއްގެ ސިފަ ޖެހިގެން ހިނގައްޖެއެވެ. އޭރުވެސް ޕަރީ ދިޔައީ އީތަންގެ މޭގައި މޫނު ފޮރުވައިގެން އޮވެ ރޮމުންނެވެ. ޕަރީގެ ހަށިގަނޑަށް ލިބިފައި ހުރި އަނިޔާ އީތަންއަށް ފެނުނީ ޕަރީގެ ހަންގަނޑު އޮމާންވެގެން ދިއުމުންނެވެ. ޕަރީގެ ދެއަތާއި ހަށިގަނޑުން ލޭކޮށިފައި ހުރި ތަންތަން ފެނުމުން އީތަންގެ ހިތަށް ކުރި އަސަރު މާބޮޑެވެ. ނަމަވެސް ހިތާމަކުރަން އެތަނުގައި އިނދެވޭކަށް ނެތެވެ. އީތަން އަވަސް އަވަހަށް އަތުގެ ނުފުށުން ލޯ ފޮހެލަމުން ޕަރީ އޭނާގެ ހަށިގަނޑާއި ދުރުކޮށްލައިފިއެވެ. އަދި އަވަސް އަވަހަށް އީތަން ލައިގެން ހުރި ޓީޝާޓު ބާލައި ޕަރީގެ ބޮލަށް މަހާލައިފިއެވެ.
"ބިރު ނުގަންނާތި މަށާއެކު ދުއްވައި ގަންނަން ތައްޔާރުވޭ."
އީތަން ބުނުމާއެކު ގިސްލަމުންވެސް ޕަރީ ބޯޖަހާލައިފިއެވެ. ޕަރީގެ ގަޔަށް ޓީޝާޓު މަހާލުމަށް ފަހު އީތަން ފެންގަނޑުން ތެދުވެ އަތްދަށިމައްޗަށް ޕަރީ އުރާލައިފިއެވެ. އީތަން ފެންގަނޑުން ބޭރަށް ނުކުތީ ޕަރީ އުރާލައިގެންނެވެ. ދާދި އަވަހަށް އެންމެންގެ ކުރިމަތީގައި ޕަރީގެ ވަރުގަދަ ފިނދުފަތްގަނޑު އިންސާނެއްގެ ދެފަޔަށް ބަދަލުވެގެން ހިނގައްޖެއެވެ. ބަލަން ތިބިހާ ބަޔަކަށް ލިބިގެން ދިއައީ އިތުރު ހައިރާންކަމެކެވެ. މިވަރުގެ ބޮޑު އަޖައިބެއް މީގެ ކުރިން އެއިން އެކަކުވެސް ނުދެކޭ ކަހަލައެވެ. ބިންމަތީގައި ޕަރީ ބަހައްޓައި ޕަރީގެ އަތުގައި ހިފައި ހިނގައިގަންނަމުން އީތަން ބަލާލީ ބޮލުގައި ދެއަތް އަޅައިގެން ހުރި ލާމިއުގެ މޫނަށެވެ. ލާމިއުގެ އެހީތެރިކަމަށް އީތަން އެނދުނީކަން ލާމިއުއަށް ވިސްނިއްޖެއެވެ. އީތަން ޕަރީ ގޮވައިގެން ހިނގައިގަތުމާއެކު އެތަނުގައި ތިބި ޕޮލިހުންނަށް ހަރަކާތް އައިސްފިއެވެ.
"ނިމުނީ ހިފަހައްޓައިފިއްޔާ. މިގޮލާ ވައިނޮޅި ބުރިކޮށްލާނަން."
ޖެހިލުމެއްނެތި ލާމިއު ހިފީ އެތަނުގައި ހުރި ފުލުހެއްގެ ގައިގައެވެ. އެމީހާގެ ކަރުގައި ލާމިއު ވަޅި ޖެއްސުމާއެކު ޒިދާންވެސް ނެގީ ވަޅިއެވެ. ކުރިއަށް ހިނގައިގަތް ފުލުހުންގެ ފިޔަވަަޅަަށް ހުއްޓުން އެރިއިރު ކައިރީގައި ތިބި މީހުން ހަޅޭއްލަވަމުން ދުރަށް ޖެހިގެންފިއެވެ. އީތަން ބަލާކަށް ނުހުރެ ޕަރީ ގޮވައިގެން ދުއްވައިގެންފިއެވެ. ތަނުގެ މާހައުލު ބަދަލުވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ޕަރީދެކެ ގެންފައި ހުރި ބިރެއްެގެ ބޮޑުކަމުން އީތަން ދުއްވައިގަތުމާއެކު ކުރިމަތީ ތިބި މީހުން ކޮޅުކޮޅަށް ދުއްވައިގެންފިއެެވެ. އީތަން ޕަރީ ގޮވައިގެން ބަނދަރާއި ދިމާއަށް ދުއްވައިގަތްތަން ފެނުމުން ފުލުހުންވެސް ދުއްވައިގަތީ އީތަންގެ ފަހަތުންނެވެ. ބަނދަރުމަތީގައި ތިބި ބަޔަކުވެސް ދިމާކުރީ އީތަންއާއި ޕަރީ ހިފަހައްޓާށެވެ. އެ މަންޒަރު ފެނުމުން އެދެމީހުން ހިފަހައްޓަން ގިނަ ބަޔަކު ދުއްވައިގެންފިއެވެ. ނަމަވެސް އީތަން ހުށިޔާރުކަމާއެކު ޕަރީ ގޮވައިގެން ބާރަށް ދުވެފައި ގޮސް އެރީ ބޭރުތޮއްޓަށެވެ.
"އީތަން މަޑުކުރޭ. އީތަން."
އީތަންއާ އަރައި ހަމަކުރަމުން ދިޔަ އިންސްޕެކްޓަރ ފާރިޝް ދިޔައީ ބާރަށް ގޮވަމުންނެވެ. ނަމަވެސް އެމީހުންގެ އަތުގައި ނުޖެހި އީތަން ޕަރީ ގޮވައިގެން އެދިޔަ ބާރުމިނުގައި ބޭރުތޮށީގެ ކޮޅުން ފުންމާލައި އަޑިއަށް ގޮސް އޮބާލައިފިއެވެ. ބާރަށް ދުވެފައި ދިޔަ ފާރިޝަށް މަޖުބޫރުވީ ހުރި ފިޔަވަޅުމައްޗަށް ހުއްޓޭށެވެ. އޭނާގެ ފަހަތުން އައިހާ މީހަކަށްވެސް މަޖުބޫރުވީ ހުއްޓޭށެވެ. އެމީހުންގެ އެންމެ ކުރީގައި ލާމިއުއާއި ޒިދާންވެސް ތިއްބެވެ. ފާރިޝްގެ އަތްދަށުން ސަލާމަތްވެގެން އީތަން ޕަރީ ގޮވައިގެން ފިލައިގެން ދިޔަތަން ފެނުމުން ބޭއިހުތިޔާރުގައި ލާމިއުއަށް ހީނގަނެވިއްޖެއެވެ. އެންމެން ކައިރީގައި ތިބިހާ ބަޔަކު ބަލާލީ ލާމިއުގެ މޫނަށެވެ.
"ކަލޭމެން ހަމަތަ.؟ ކަލޭމެންގެ ފަހަރިއޭ އެއީ.ތަނަކުން ކޮންމެ އެއްޗެއް ފެނުނަސް ކަލޭމެނަށް އެނގެނީ ހިފައި ހައްޔަރުކުރަންދޯ. ދެން ކަލޭ އެދެމީހުން ހޯދަބަލަ."
ލާމިއު މަލާމާތް ކޮށްލީ ފާރިޝަށެވެ. ހުރިހާ ރުޅިއެއް ފާރިޝް އައީ ލާމިއުއާއި ޒިދާންދެކެއެވެ.
ނުނިމޭ.
ކިޔުންތެރިންގެ ޚިޔާލުތައް:
ވަރަށް ރީތި..ކިޔަން އިންނަން ޖެހުނީ ނޭވާ ހިފާޓާލައިގެން
ކޮބާތަ އަޅެ؟
މިބައި ވެސް ވަރަށް ފުރިހަމަ.. އެކަމަކު ކޮންމެ އެޕިސޯޑެއް ވެސް ކިޔަން ލިބޭލެއް މާ ލަސް. މިހާރު ވެސް ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ވެއްޖެއެންނު
ވާހަކަ ލިޔުން ހުއްޓާލަން ފެނޭ. އެހާ ލަހުން . ފޫހި