15 އޮކްޓޫބަރު 2025
މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާޠިމަތު ފިލްޒާ

މީޑިއާ ބިލުގައި ޤާނޫނުއަސާސީއާ ތަޢާރުޒުވާ އެއްވެސް ކަމެއް ނެތް: ފިލްޒާ

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ފާސްކުރި މީޑިއާ ރެގިއުލޭޝަން ބިލުގައި ޤާނޫނުއަސާސީއާ ތައާރުޒުވާ އެއްވެސް ކަމެއް ނެތް ކަމަށާއި، ޤާނޫނުއަސާސީން ލިބިދީފައިވާ އެއްވެސް ޙައްޤަކަށް އުނިކަމެއް ނާންނާނެ ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާޠިމަތު ފިލްޒާ ވިދާޅުވެއްޖެއެވެ.

އެ ބިލު އިއްޔެ ފާސްކޮށްފައި ވަނިކޮށް، އިތުރު މަޝްވަރާތަކެއް ކުރުމަށް މިއަދު މެންދުރުފަހު ކޮމިޓީގެ ބައްދަލުވުމެއް ބޭއްވިއެވެ. މިއަދު ހަވީރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލު ފާސްކުރުމަށް ވޯޓަށް އަހާނެ ކަމަށް ބެލެވެއެވެ.

ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޙަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލަށް، ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި އިޞްލާޙުތަކާއެކު މުހިންމު ބަދަލުތަކެއް ގެނެވިފައިވެއެވެ. މީގެ ތެރޭގައި މީޑިއާ ކޮމިޝަނަށް މެންބަރުން އައްޔަންކުރުމުގެ އުސޫލަށް ގެނެވުނު ބަދަލު ފާހަގަކުރެވެއެވެ. ކުރިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ތިން މެންބަރުން އައްޔަންކުރުމުގެ ބާރު، މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ބަދަލުކޮށްފައެވެ.

އަދި ވަކިވަކި ނޫސްވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބާރު އުނިކުރުމާއި، ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކާއި ކޮންޓެންޓް ކްރިއޭޓަރުންނާ ގުޅޭ މާއްދާތައް ވެސް ވަނީ ބިލުން އުނިކޮށްފައެވެ. ނަމަވެސް، ބިލަށް ގެނެވުނު އިޞްލާޙުތަކުގެ ފުރިހަމަ ތަފްޞީލު އަދި ވަނީ އާންމުކޮށްފައި ނުވާ ކަމަށް ފާހަގަކުރެވެއެވެ.

ބައެއް ނޫސްވެރިން ފާހަގަކުރާ ގޮތުގައި، ބިލު ފުރަތަމަ ހުށަހެޅުނު އިރު ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ ކަންކަން ހިމެނިފައިވީ ނަމަވެސް، މިހާރު ގެނެވުނު އިޞްލާޙުތަކާއެކު އެ ކަންބޮޑުވުންތައް ޙައްލުވެގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު