ދިވެހީންނަކީ ލޯތްބާއި ކުލުނާއި، ހިނިތުންވުމާއެކު އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރި ބައެއް ކަމަށާ، ދިވެހީންގެ ތެރޭގައި އިހުއޮތް އެކަކުއަނެކަކަށް އިޙްތިރާމްކުރުމުގެ އާދަކާދަ ދިރުވުމަށްޓަކައި އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢެއް ފައްޓަވަން ގަސްތުކުރައްވާކަމަށާއި، މިކަމުގައި ހުރިހާ ފަރާތްތަކުންވެސް ޝާމިލުވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން އެދިވަޑައިގެންފައި މި ވަނީ، އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މަހިބަދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.
ތަރައްޤީގެ ކަންކަން ކުރިއަށްދާއިރު މީހުންގެ ވިސްނުމާއި، އުޅުމާއި ގުޅުންތައްވެސް ތަރައްޤީވާންޖެހޭކަމަށާއި، މީގެ އަހަރުތަކެއް ކުރިން، ސިޔާސީ އޮއިވަރެއްގެ ތެރެއަށް ވަދެގެންދާން ފެށުމާއެކު، އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރުމުގެ އާދަކާދަ މިހާރު ވަރަށް ބޮޑަށް ނެތި ގޮސްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
President Dr @MMuizzu speaks with ADh. Mahibadhoo residents, outlining upcoming projects and reaffirming his Administration’s support for the community. #RayyithunGaathah #AlifuDhaaluAtollVisit pic.twitter.com/NYsc3vQOWw
— The President's Office (@presidencymv) October 7, 2025
ރައީސް ބޭނުންފުޅުވަނީ މިކަން ބަދަލުކުރައްވައި، އިހު އޮތް ގޮތަށް އަނބުރާ ވަޑައިގަތުމަށް ކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، ބިޔަ މަޝްރޫޢެއްގެ ގޮތުގައި، 2026 ވަނަ އަހަރުގެ ތެރޭގައި އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢެއް ފައްޓަވަން އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ. ކަމާބެހޭ ހުރިހާ ފަރާތްތަކާއި، ހުރިހާ ރައްޔިތުން އަދި ސިޔާސީ ޕާޓީތަކުންވެސް މިކަމުގައި ބައިވެރިވެވަޑައިގެން، އިހު އޮތް އިޙްތިރާމް އަދާކުރުމުގެ އާދަ އަށަގެންނެވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
ރައީސް ވިދާޅުވީ، މިކަމުގެ ޙަޤީޤީ ނަތީޖާ ފެންނާނީ، އެންމެންގެ ބައިވެރިވުން ލިބިގެންކަމުގައެވެ.. ޙަޤީޤީ މާނާގައި ދިވެހިރާއްޖެ ތަރައްޤީވެގެންދާނީ، މިފަދަ، ވަށާޖެހޭ ގޮތެއްގައި ތަރައްޤީ ޙާޞިލުކުރެވިގެންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި މިކަމުގައި ދިވެހި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބި، ކާމިޔާބު ހޯއްދެވޭނެކަމުގެ ޔަޤީންކަން އެމަނިކުފާނަށް އޮތްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.