15 އޮކްޓޫބަރު 2025
ބަންކަރިންގެ ދާއިރާއަށް ވަނުމަކީ ސަރުކާރުން ނިންމެވި ހިކުމަތްތެރި ނިންމެވުމެއް: ވިޓޯލް، ފޮޓޯ: ސޯޝަލް މީޑިޔާ

ދިވެހި ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކާއެކު، އިންވެސްޓްމަންޓް ޝަރުތުތައް އިޢުލާނުކޮށްފި

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން "ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމެންޓްސް" މިއަދު ވަނީ ޝާއިޢުކޮށްފައެވެ. މި އައު ޝަރުތުތަކުގައި ހަމައެކަނި ދިވެހިންނަށް ވިޔަފާރިކުރެވޭނެ އިތުރު ދާއިރާތަކެއް ވަނީ ކަނޑައަޅާފައެވެ.

މި އައު ޝަރުތުތައް ޝާއިޢުކޮށްފައިވަނީ މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވި އައު ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުންނެވެ. އިޤްތިޞާދީ ވުޒާރާއިން ބުނާ ގޮތުގައި މި ޝަރުތުތައް ކަނޑައެޅިފައިވަނީ ސަރުކާރުގެ ވުޒާރާތަކާއި، އެކި ސިނާޢަތްތަކުގެ ފަރާތްތަކާއި އަދި އިންވެސްޓަރުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެންނެވެ.

އައު ޝަރުތުތަކުގެ ދަށުން ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ލޮޖިސްޓިކްސް، އާންމު ކަނޑު ދަތުރުފަތުރުގެ ޚިދުމަތް، ބަންކަރިންގ ޚިދުމަތުގެ އިތުރުން 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫޢުތަކާއި 100 މިލިއަން ޑޮލަރުން ދަށުގެ ރިއަލް އެސްޓޭޓް މަޝްރޫޢުތައް ހިމެނޭގޮތަށް ވަނީ ދިވެހިންނަށް ޚާއްސަކޮށްފައެވެ.

އިޤްތިޞާދީ ވުޒާރާއިން ފާހަގަކުރާ ގޮތުގައި މިހާރުވެސް މި ދާއިރާތަކުގައި އިންވެސްޓްކޮށްފައިވާ ބޭރުގެ ފަރާތްތަކަށް ގެއްލުން ނުވާނެހެން، އެ ދާއިރާތަކުން ނިކުތުމަށް ނުވަތަ ޓްރާންސިޝަން ވުމަށް އެކަށީގެންވާ މުއްދަތެއް ދެވޭނެއެވެ. އަދި ބައެއް ދާއިރާތަކުގައި ދިވެހި ހިއްސާދާރަކާ ނުލައި ވިޔަފާރި ނުކުރެވޭ ގޮތަށް ނުވަތަ ޖޮއިންޓް ވެންޗަރ އުސޫލުން ވިޔަފާރިކުރެވޭ ގޮތަށްވެސް ފުރުސަތު ދެވިފައިވެއެވެ.

2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރާ އެއްގޮތަށް، ދިވެހިންގެ ތަޖުރިބާ މަދު ދާއިރާތަކުން ބޭރުގެ ފަރާތްތަކަށްވެސް ފަހި ފުރުސަތުތަކެއް މި އައު ޝަރުތުތަކުގެ ތެރެއިން ލިބިގެންދާނެ ކަމަށް އިޤްތިޞާދީ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު