15 އޮކްޓޫބަރު 2025
އަލްއަޤްޞާ މިސްކިތަށް އިސްރާއީލު އޮފިޝަލުން ވަދެގަތުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އަލްއަޤްޞާ މިސްކިތަށް އިސްރާއީލު އޮފިޝަލުން ވަދެގަތުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާ ބެން ގްވީރާއި އިސްރާއީލުގެ ވަޒަންވެރިންގެ ގްރޫޕަކުން ހިފާފައިވާ އިރުމަތީ ގުދުސްގައި ހުންނަ އަލްއަޤްޞާ މިސްކިތުގެ ކޮމްޕައުންޑަށް ވަދެގަތުމާ ގުޅިގެން، އެ ޢަމަލު ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ޔަހޫދީންގެ ސުއްކޮތު ދުވަސްވަރާ ދިމާކޮށް ހިންގި މި ޢަމަލާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިފަދަ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާ ފާޅުކަން ބޮޑު ގޮތެއްގައި ޚިލާފު ޢަމަލުތަކެއް ކަމަށެވެ. އަދި އަލްއަޤްޞާ މިސްކިތުގެ މުޤައްދަސްކަމާއި، ޤާނޫނީ ޙާލަތާއި، ތާރީޚީ އަދި ދީނީ މުހިންމުކަން ގެއްލުވައިލަން އަމާޒުކޮށް ހިންގާ ނަފުރަތުގެ ޢަމަލެއްކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިފަދަ ޢަމަލުތައް ތަކުރާރުކޮށް ހިންގުމަކީ ހަމައެކަނި ފަލަސްތީނުގެ ރައްޔިތުންގެ ދީނީ ޙައްޤުތަކަށް އަރައިގަތުމެއް ނޫންކަމަށާއި، "މުޅި ދުނިޔޭގެ މުސްލިމުންނަށް ކުރާ ސީދާ ފުރައްސާރައެއް" ކަމަށެވެ.

އިސްރާއީލުން އިންސާނީ ޙައްޤުތަކާ ޚިލާފަށް ހިންގާ ޢަމަލުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ފިޔަވަޅު އެޅުމަށް ދިވެހި ސަރުކާރުން ގޮވައިލައި، ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެ ދެމިހުންނާނެކަން ތަކުރާރުކޮށް އަންގައިދީފައިވެއެވެ.

މީގެއިތުރުން، އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވެފައިވާތީ، އެފަރާތް ޖަވާބުދާރީ ކުރުވުމަށާއި، ފަލަސްތީނުގެ ރައްޔިތުންގެ ކަރާމާތާއި ޙައްޤުތައް ހޯދައިދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ މައްޗަށް އޮތް ޒިންމާ އަދާކުރުމަށްވެސް ދިވެހި ސަރުކާރުން ގޮވައިލައިފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު