މިދިޔަ 2 އަހަރުދުވަހު ފަލަސްޠީނުގެ ޣައްޒާގައި ކުރިއަށް ގެންދިޔަ އަނިޔާވެރި ހަނގުރާމަ ހުއްޓާލުމަށް ޔަހޫދީ ދައުލަތުން ޙަމާސް ޖަމާއަތާއެކު އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުއްވުމަކަށް ދެފަރާތުން އެއްބަސްވުމާ ގުޅިގެން ވެވުނު އެއްބަސްވުމެކެވެ.
މި އެއްބަސްވުމަކީ ސުލްޙައިގެ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާ ކަމަށްވާއިރު، މިކަން ރަސްމީކޮށް އިއުލާން ކުރައްވާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. 20 މާއްދާގެ މައްޗަށް އެކުލެވިގެންވާ މި އެއްބަސްވުމުގެ ދަށުން ޙަމާސުން ވަނީ އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ އަސީރުން މިނިވަން ކުރުމަށާއި، މަރުވެފައިވާ ޔަހޫދީ އަސީރުންގެ ހަށިތައް ޔަހޫދީންނާ ޙަވާލު ކުރުމަށް އެއްބަސްވެފައެވެ.
އެއްބަސްވުމުގެ ދަށުން ޔަހޫދީންވެސް ވަނީ ޔަހޫދީ ދައުލަތުގެ ޖަލުތަކުގައި އަނިޔާ ކުރަމުން ގެންދާ ފަލަސްޠީނުގެ 1،000 އަށްވުރެ ރައްޔިތުން މިނިވަން ކުރުމަށް އެއްބަސްވެފައެވެ. މީގެއިތުރުން، ޔަހޫދީ ފައުޖުތައް ޣައްޒާއިން ފައިބަންޖެހޭނެ ކަމަށްވެސް މި އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމު ހިންގަން ފެށީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުއެވެ. މި ޢުދުވާނީ ހަމަލާތަކުގައި މިހާތަނަށް 67،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، 158،000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ޝަހީދުންގެ ތެރޭގައި ގިނައީ ކުށެއްނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނެވެ.