ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ގެ ޓެކްނިކަލް ޑިވެލޮޕްމެންޓް ކޮމިޓީގެ މެންބަރުކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤް ހަމަޖައްސައިފިއެވެ. މިއީ ދިވެއްސަކު ފީފާގެ އެޑްވައިޒަރީ ކޮމިޓީއަކަށް އައްޔަނުކުރެވުނު ފުރަތަމަ ފަހަރެވެ.
ފީފާގެ ޓެކްނިކަލް ޑިވެލޮޕްމެންޓް ކޮމިޓީގެ މެންބަރުކަމަށް ޠާރިޤް އައްޔަން ކުރައްވާފައިވަނީ 2025 އިން 2029 އާއި ހަމައަށް ކުރިޔަށްދާ ދައުރަށެވެ. މި ކޮމިޓީއަކީ ޓެކްނިކަލް މިންގަނޑުތައް އެކުލަވާލާ ދުނިޔޭގެ ފުޓްބޯޅައިގައި އެ މިންގަނޑުތައް ހިފެހެއްޓުމަށް ބާރުއަޅާ ކޮމިޓީއެކެވެ. އަދި މި ކޮމިޓީ އެކުލެވިގެންވަނީ 5 މެންބަރުންގެ މައްޗަށެވެ.
އެފްއޭއެމްއިން ހާމަކުރައްވާފައިވާ ގޮތުން، މިއީ ރާއްޖޭގެ ފުޓްބޯޅައިގެ ހަޔާތުގައި ލިބިގެންދާ ތާރީހީ ކާމިޔާބީއެކެވެ. ފީފާގެ ސްޓޭންޑިންގ ކޮމިޓީއަކަށް ދިވެއްސަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރު ކަމަށްވުމާއެކު، މިއީ ރާއްޖޭގެ ފުޓްބޯޅައަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ.
ދާދިފަހުން، އެފްއޭއެމްގެ ރައީސް ޠާރިޤް ވަނީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ފުޓްބޯޅަ އިދާރާ އިސްލާހު ކުރެއްވުމަށް ކުރައްވާ މަސައްކަތްތަކާއި ފުޓްބޯޅައިގެ ތަރައްޤީއަށް ރޭވިފައިވާ ޕްލޭންތަކުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ.
ރާއްޖޭގެ ފުޓްބޯޅަ އަލުން ދިރުވާ އާލާކުރުމަށް ޠާރިޤްގެ ލީޑަރޝިޕްގެ ދަށުން ކުރިޔަށް ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، ފީފާގެ ރައީސް އިންފަންޓީނޯ ވަނީ ޠާރިޤަށް ޚާއްސަ ތައުރީފެއް ކުރައްވާފައެވެ. މި އައްޔަންކުރެއްވުމާއެކު ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަޤުބަލަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.