ބޭރު ޤައުމުތަކުގައި ދިވެހިރާއްޖެ ތަމްސީލު ކުރައްވާއިރު، ޤައުމުގެ ރިވެތި ނަމާއި ޝަރަފު ދެމެހެއްޓެވުމަށް، ރާއްޖޭގެ ޤައުމީ ސީނިއަރ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެދިވަޑައިގެންފިއެވެ.
ޤައުމީ ސީނިއަރ ވޮލީބޯޅަ ޓީމު އިޢުލާނުކުރުމަށް ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި، ޤައުމީ ޓީމަށް ހިތްވަރު ދެއްވައި ކާމިޔާބީއަށް އެދިވަޑައިގެން އެމަނިކުފާނު ވިދާޅުވީ، ދިވެހިޤައުމީ ޓީމުތަކުން ކުޅިވަރުގައި ހޯއްދަވާ ކާމިޔާބީއަށް ދިވެހި ރައްޔިތުން ފަޚުވެރިވާކަމަށެވެ.
އަދި ވޮލީބޯޅަ ޓީމުވެސް މުބާރާތުގެ ތަށި ހޯއްދެވުމުގެ އުއްމީދުގައި ކުޅުއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. ވޮލީ އަކީ، ރާއްޖޭގައި މިހާރު ކާމިޔާބާއި ކުރިއެރުން ހޯދަމުން އަންނަ ކުޅިވަރެއްކަން ފާހަގަކުރައްވައި، ސަރުކާރުން ރާއްޖޭގައި ވޮލީ ކުރިއެރުވުމަށް މަސައްކަތް ކުރައްވާކަމަށާއި އަދި ކުރިއަށް އޮތް ތަނުގައިވެސް މިދާއިރާ ކުރިއެރުވުމަށް އެހީތެރިކަން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
Vice President Uz @HucenSembe attends Maldives National Volleyball senior men’s team squad announcement ceremony. Speaking at the event, the Vice President encouraged the players and wished them success as they prepare to compete in the CAVA Men’s Cup 2025 held in Dhaka,… pic.twitter.com/MVDeDt8rj3
— The President's Office (@presidencymv) October 9, 2025
މިއަދު އިޢުލާނުކުރި ރާއްޖޭގެ ޤައުމީ ސީނިއަރ ވޮލީބޯޅަ ޓީމަކީ، ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން، ކާވާ މެންސް ކަޕް 2025 ގައި، ރާއްޖެ ތަމްސިލުކުރާ ޓީމެވެ. ޖުމުލަ ހަ ޤައުމަކުން ބައިވެރިވާ މި މުބާރާތް ކުރިއަށް ދާނީ ބަންގްދަލޭޝްގެ ވެރިރަށް ޑާކާ ގައި، މިހިނގާ އޮކްޓޫބަރު މަހުގެ 22 އިން 28 އަށެވެ. މި މުބާރުގެ ތަމްރީނަށް ޓީމު މިއަދު ތައިލޭންޑަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީން ކުރިއަށް ދާނީ އޮކްޓޫބަރު 10 އިން 17 އަށެވެ.
ޤައުމީ ސީނިއަރ ވޮލީބޯޅަ ޓީމު އިޢުލާނުކުރުމަށް ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ޢަބްދުﷲ ރާފިޢު އަދި އެ މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ވޮލީ ބޯލް އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.