15 އޮކްޓޫބަރު 2025
ބަންޑާރަނައިބުގެ އޮފީހުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

ޓްރޭޑްނެޓް މޯލްޑިވްސްގެ ނަން، މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑްއަށް ބަދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނެރުއްވި ޤަރާރަކުން ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ނަން މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑަށް ބަދަލުކުރައްވައިފިއެވެ. މިކަން އިޢުލާންކުރައްވާފައިވަނީ ނަންބަރު 2025/30 ޤަރާރުންނެވެ.

ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އޮންނަ މި ކުންފުނި އުފައްދާފައިވަނީ 2019 ވަނަ އަހަރުއެވެ. މި ކުންފުނި އުފެއްދެވި މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ވިޔަފާރިކުރުމާ ގުޅޭ އެކިއެކި ޚިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށް "ސިންގަލް ވިންޑޯ" އޮޕަރޭޓަރެއްގެ ގޮތުގައި މަސައްކަތްކުރުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ބަޔާންކުރައްވާފައިވާ ގޮތުގައި، ކުންފުނީގެ ނަން ބަދަލުކުރެއްވުމަށް ނިންމެވި މައިގަނޑު ސަބަބަކީ "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 – ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައެވެ.

މި ބަދަލާއެކު، ކުންފުނިން މިހާރު މަސައްކަތްކުރާނީ ސަރުކާރުގެ ޓެކްނޯލޮޖީ އަދި އިނޮވޭޝަންގެ މައި ކުންފުނީގެ ގޮތުގައެވެ. އަދި ދިވެހިރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތުގައި އިސް ދައުރެއް އަދާކުރާނެއެވެ.

މީގެއިތުރުން، ކުންފުނީގެ ކޯޕަރޭޓް އައިޑެންޓިޓީ "މޯލްޑިވްސް 2.0″ ގެ ތަޞައްވުރާ އެއްގޮތަށް ބައްޓަންކުރުމަކީ، އިސްތިރާޒީގޮތުން ކުންފުނީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާކަން ޤަރާރުގައި ފާހަގަކުރައްވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު