15 އޮކްޓޫބަރު 2025

އޭސީސީއަށް ޙާޟިރުކުރާ ކުރީގެ ތިން ވަޒީރުންނަކީ "ހުދު ކާފޫރުކޮޅެއްފަދަ" ބައެއްކަމަށް ޞާލިޙް ސިފަކުރައްވައިފި

އެމްޑީޕީގެ ސަރުކާރުގައި ތިއްބެވި ތިން ވަޒީރުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގަކަށް ހާޒިރުކުރަން އަންގާފައިވަނީ ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލިފައިވާ ދަނޑިވަޅެއްގައި ކަމަށް ވިދާޅުވެ، ކޮރަޕްޝަނާ ގުޅިގެން އޭސީސީއަށް ޙާޟިރުކުރާ ކުރީގެ ތިން ވަޒީރުންނަކީ "ހުދު ކާފޫރު" ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ސިފަކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލާއި، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އަދި ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އޭސީސީގެ ތަހުގީގަކަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅޭ ގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވީ، "ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިވަގުތު މިހިނގާ އިންސާފުން އެއްކިބާވެފައިވާ ކަންކަމަކީ ރައްޔިތުންގެ އަޑު ކަނޑުވާލައި އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ރޭވިގެން ހިންގާ ވަރަށް ނުރަނގަޅު ކަންކަން" ކަމަށެވެ.

އަދި މާޒީގައި މިފަދަ ކަންކަން ހިނގާދިޔަ ގޮތް ރައްޔިތުންނަށް އެނގޭ ކަމަށާއި، އިންސާފުން އެއްކިބާވެފައިވާ ތަހުގީގުތަކާއި ސިޔާސީ ހުކުންތަކުން މުޅި ގައުމު ކިލަނބުވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިފަދަ ކަންކަމުން ދުރުވެ، އިންސާފާއި ހަމަހަމަކަމާއި ގާނޫނުގެ ވެރިކަން އިސްކުރުމަށް ދައުލަތުގެ ވެރިންނަށް އިލްތިމާސްކުރައްވާ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު