ފަލަސްތީނުގެ ޣައްޒާގައި ދެ އަހަރު ވަންދެން ދެމުންދިޔަ ހަމަލާތައް މިއަދު ހުއްޓާލައިފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހުށަހެޅުމަކަށް ހަމާސް އާއި އިޒްރޭލު އެއްބަސްވެ، ހަނގުރާމަ ދާއިމީކޮށް ނިމުމަކަށް ގެނައުމަށް ދެފަރާތުން ވަނީ އެއްބަސްވެފައެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި ރާއްޖޭ ގަޑިން މެންދުރުފަހު 2:00 ގައި ހަމަލާތައް ވަނީ ހުއްޓާލާފައެވެ. އެއްބަސްވުމުގެ ދަށުން އިޒްރޭލު ސިފައިން އެންމެ ފުރަތަމަ ފަހަތަށް ޖެހެންޖެހޭ ހިސާބަށް ފަހަތަށް ޖެހުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. އެމެރިކާގެ ޕެންޓަގަނުން ވަނީ އިޒްރޭލު ސިފައިން އެއްބަސްވި ހިސާބަށް ފަހަތަށް ޖެހިފައިވާކަން ކަށަވަރުކޮށްދީފައެވެ.
އެއްބަސްވުމުގެ ދަށުން، ހަމާސްއިން އަސީރުކޮށްފައި ތިބި އަނިޔާވެރި އިޒްރޭލުގެ ބަޔަކު މިނިވަންކުރުމަށް 72 ގަޑިއިރު ދީފައިވެއެވެ. އޭގެ ބަދަލުގައި އިޒްރޭލުން ވަނީ އެ ޤައުމުގެ ޖަލުތަކުގައި ތިބި، އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކުރާ ފަލަސްތީނުގެ 250 މީހުންނާއި، ޣައްޒާގެ ހަމަލާތައް ފެށި ފަހުން ހައްޔަރުކޮށްފައިވާ 1،700 މީހުން މިނިވަންކުރުމަށް އެއްބަސްވެފައެވެ.
"އަހަރެމެން އެނބުރި މި ދަނީ ޒަހަމްތަކާއި ހިތާމަތަކުން ފުރިފައި ތިބެގެން. އެކަމަކު މި ދުވަސް ދެއްކެވިކަމަށްޓަކައި ﷲ އަށް ހަމްދުކުރަން،" އުމުރުން 32 އަހަރުގެ އަމީރު އަބޫ ލިޔާދާ ބުންޏެވެ.
މި ހަނގުރާމަ ފެށުނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސްއިން އިޒްރޭލަށް ދިން ހަމަލާއާ ގުޅިގެންނެވެ. މިހާރު ހަނގުރާމަ ހުއްޓާލުމާ އެކު، އެތައް ހާސް ފަލަސްތީނު ރައްޔިތުންނެއް ވަނީ އެނބުރި އަމިއްލަ ގެދޮރަށް ދާން ފަށާފައެވެ. ނަމަވެސް އިޒްރޭލުގެ ހަމަލާތަކުގައި ގިނަ ގެދޮރު ވަނީ ވީރާނާވެފައެވެ.