ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ހާއްސަ ފެއަރއެއްގެ ދަށުން ކޮޗިން އަދި ޓްރިވެންޑްރަމަށް ކުރާ ދަތުރުތަކުގެ އަގު ވަނީ ބޮޑުތަނުން ދަށްކޮށްފައެވެ. މި ކަން އެއަރލައިނުން އިއުލާނު ކުރީ އިއްޔެ ނެރުނު ބަޔާނެއްގައެވެ.
މި އަގު ދަށްކުރުމާއެކު، ކޮޗިންއަށް ކުރާ ދަތުރުތަކުގެ އަގު ފެށޭނީ 176 އެމެރިކާ ޑޮލަރުން ކަމަށާއި، ތިރުވަނަންތަޕުރަމްއަށް ކުރާ ދަތުރުތަކުގެ އަގު ފެށޭނީ 232 އެމެރިކާ ޑޮލަރުން ކަމަށް މޯލްޑިވިއަންއިން ބުނެފައިވެއެވެ. އަދި ހަނިމާދޫއިން ތިރުވަނަންތަޕުރަމްއަށް ކުރާ ދަތުރުތަކުގެ އަގު ފެށޭނީ 337 އެމެރިކާ ޑޮލަރުންނެވެ.
މި ދަތުރުތަކުގައި ފަސިންޖަރުންނަށް ލިބޭ ޚިދުމަތްތަކުގެ ތެރޭގައި އޭ320 ފްލައިޓްގެ އިކޮނޮމީ ކްލާހުގައި 20 ކިލޯގެ ހިލޭ ބެގޭޖް އެލަވަންސްއާއި، ހޮޓް މީލްސް އަދި ބުއިންތައް ހިމެނެއެވެ. އަދި ޕްރިމިއަމް އިކޮނޮމީ ކްލާހުގައި 30 ކިލޯގެ ބެގޭޖް އެލަވަންސްއާއި، އަވަސް ޗެކް-އިން ޚިދުމަތް، އިތުރު ލެގްރޫމް އަދި ރިކްލައިނަބަލް ސީޓްތައް ލިބޭނެއެވެ.
މޯލްޑިވިއަންގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުހައްމަދު މިހާދު ވިދާޅުވި ގޮތުގައި މި އަގު ދަށްކުރުމަކީ ހަމައެކަނި ވިޔަފާރީގެ ގޮތުން ފައިދާވާނެ ކަމެއް ނޫނެވެ. އެއީ މުޅި ޤައުމަށް، ޚާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެކެވެ.
މޯލްޑިވިއަންއިން ބުނާ ގޮތުގައި މި ބަދަލާއެކު ދެކުނު އިންޑިއާއިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، އެކި ބޭނުންތަކުގައި ދަތުރުކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި ރާއްޖެއާއި ދެކުނު އިންޑިއާއާ ދެމެދު ދަތުރުކުރުމަށް އިސްކަންދޭ އެއަރލައިނެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.