ފަލަސްޠީނުގެ ޣައްޒާގެ އިދާރީ ހިންގުން ބޭރުގެ އެއްވެސް ބާރެއްގެ އަތްމައްޗަށް ދޫކޮށްނުލާނެ ކަމުގައި ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ މުޖާހިދުންގެ ޖަމާޢަތްތަކުން ހާމަކޮށްފިއެވެ. މި އިޢުލާން ކޮށްފައިވަނީ ޣައްޒާގެ ރައްޔިތުންގެ މައްޗަށް ޔަހޫދީން ހިންގަމުންދިޔަ ޤަތުލުޢާންމު ހުއްޓުމަކަށް ގެނެވުނުތާ އެއް ދުވަސް ފަހުންނެވެ.
ޣައްޒާގެ އިދާރީ ހިންގުން ބޭރުގެ ބާރެއްގެ އަތްމައްޗަށް ދޫކޮށްލުމަށް އިންކާރުކޮށްފައިވާ ޖަމާޢަތްތަކުގެ ތެރޭގައި ޙަމާސް، ޕަލަސްޓީނިޔަން އިސްލާމިކް ޖިހާދު އަދި ޕޮޕިޔުލަރ ފްރަންޓް ފޯ ދި ލިބެރޭޝަން އޮފް ޕަލަސްޓަޔިން (ޕީއެފްއެލްޕީ) ހިމެނެއެވެ. "ބޭރުގެ ބައެއްގެ ބާރުވެރިކަން ޣައްޒާގައި ހިންގުމުގެ ފުރުޞަތު ދޭން އަޅުގަނޑުމެން ތަކުރާރުކޮށް އިންކާރު ކުރަން" މި ޖަމާޢަތްތަކުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ޣައްޒާ ޢުދުވާން ނިމުމަކަށް ގެނައުމަށް ޙަމާސާއި ޔަހޫދީންނާ ދެމެދު އެއްބަސްވުމެއް އެކުލަވައިލާފައިވަނީ އޮކްޓޫބަރު 9 ވަނަ ދުވަހުއެވެ. މި އެއްބަސްވުމަށް ވާސިލުވެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހުށަހެޅުމަކާ ގުޅިގެން ކުރެވުނު މަޝްވަރާތަކަކަށް ފަހުގައެވެ. މި މަޝްވަރާތައް ވިލަރެސްކޮށްފައިވަނީ ޤަޠަރާއި މިޞްރުންނެވެ.
ފަލަސްޠީނުގެ ޖަމާޢަތްތަކުން ބުނެފައިވަނީ ޣައްޒާގެ އިދާރީ ހިންގުން އިންތިޒާމުކުރުމަކީ ފަލަސްޠީނުގެ ރައްޔިތުންގެ ދާޚިލީ ކަމެއް ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ޤައުމީ ފެންވަރުގެ މަޝްވަރާތަކެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހަޅުއްވާފައިވަނީ ޣައްޒާގެ އިދާރީ ހިންގުން ވަގުތީގޮތުން 'ޞުލްޙައިގެ ބޯޑު' އަކާ ޙަވާލުކުރުމަށެވެ. އަދި މި ބޯޑުގެ ދަށުން ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް އެކުލެވޭ ފަންނީ މުޝީރުންގެ ކޮމިޝަނެއް އެކުލަވައިލުމަށެވެ. ނަމަވެސް ފަލަސްޠީނުގެ މުޖާހިދުންގެ ޖަމާޢަތްތަކުން މިކަމަށް ވަނީ އިންކާރުކޮށްފައެވެ.