15 އޮކްޓޫބަރު 2025
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ފޮޓޯ: ޕީއެސްއެމް ނިއުސް

ހަރަކާކްތެރިނުވާ ކުންފުންޏެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކުންފުނިތަކަށް އިތުރު ފުރުޞަތެއް

ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން އުވާލުމަށް ރަޖިސްޓްރާރ ކަނޑައަޅައިފައިވާ ކުންފުނިތަކާ ގުޅޭގޮތުން ޢަމަލުކުރާނެ އިޖުރާތުތައް ބަޔާންކުރުމުގެ ގަވާއިދުގެ ދަށުން، އުވާލުމަށް ކަނޑައަޅާފައިވާ ކުންފުނިތަކުގެ ލިސްޓް އާންމުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިޢުލާނުގައި ބުނެފައިވާ ގޮތުން މި ލިސްޓު ރަޖިސްޓްރާރގެ ގެޒެޓު އާއި މިނިސްޓްރީގެ ވެބްސައިޓް https://trade.gov.mv ގައި ޝާއިޢުކުރެވިފައިވާނެއެވެ.

މި އިޢުލާނުގައިވާ ގޮތުން އުވާލުމަށް ރަޖިސްޓްރާރ ކަނޑައަޅުއްވާއިފައިވާ ކުންފުނިތަކުގެ ލިސްޓުގައި ހިމެނޭ އެއްވެސް ކުންފުންޏަކުން އަލުން ޙަރަކާތްތެރިވުމަށް ނުވަތަ ހިންގުމަށް އެދޭ ނަމަ 30 ޑިސެމްބަރު 2025 ގެ 14:00 ގެ ކުރިން، ކުންފުނި ހިންގަން ބޭނުންވާކަން އަންގައިދިނުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ޤަރާރު މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް https://business.egov.mv މެދުވެރިކޮށް ހުށަހަޅުއްވަންވާނެ ކަމަށް އިޢުލާނުގައިވެއެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، ހުށަހަޅާ ކުންފުނިތައް އަލުން ޙަރަކާކްތެރިވުމަށް ފުރުސަތުދެވޭނީ، ކުންފުނިތަކުން، ގަވާއިދު ނަންބަރު 2025/R-83 "ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން އުވާލުމަށް ރަޖިސްޓަރާރ ކަނޑައަޅައިފައިވާ ކުންފުނިތަކާ ގުޅޭގޮތުން ޢަމަލުކުރާނެ އިޖުރާތުތައް ބަޔާންކުރުމުގެ ގަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަކުރުމުމަށްފަހު ތިރީގައިވާ ލިޔުންތަކާއެކު މިނިސްޓްރީއަށް ހުށަހެޅުމުންނެވެ.

  • ކުންފުނި ހިންގަން ބޭނުންވާކަން އަންގައިދިނުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ޤަރާރު
  • 2023 ޑިސެންބަރު 31 އާ ހަމަޔަށް ކުންފުނިން ދައްކަންޖެހޭ އަހަރީފީއާއި ޖޫރިމަނާ ނުދައްކާއޮތް ކުންފުންޏެއްނަމަ، އެ ފައިސާ ޚަލާސްކުރުމަށްފަހު، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ރަސީދު
  • އަހަރީ ހިސާބުތަކާއި، ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި، އޮޑިޓަރުގެ ރިޕޯޓު
  • އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓު ހުށަނޭޅުމުގެ ސަބަބުން ޖޫރިމަނާ ދައްކަން ޖެހޭ ކުންފުންޏެއްނަމަ، ޖޫރިމަނާ ފައިސާ ޚަލާސްކުރިކަން އެނގޭނެ ރަސީދު

އަދި، މި ލިސްޓުގައި ހިމެނޭ ކުންފުންޏެއްގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ދަޢުވާއެއް އޮތްނަމަ ގަވާއިދު ނަންބަރު 2025/R-83 "ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫން) ގެ 75 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން އުވާލުމަށް ރަޖިސްޓަރާރ ކަނޑައަޅައިފައިވާ ކުންފުނިތަކާ ގުޅޭގޮތުން ޢަމަލުކުރާނެ އިޖުރާތުތައް ބަޔާންކުރުމުގެ ގަވާއިދު" ގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަންނަނިވި ލިޔެކިޔުން 30 ޑިސެމްބަރު 2025 ގެ 14:00 ގެ ކުރިން މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް https://business.egov.mvމެދުވެރިކޮށް ހުށަހެޅުއްވުމަށް އިޢުލާނުގައި ބުނެފައިވެއެވެ.

  • ދަރަނި ނުވަތަ ދަޢުވާގެ ތަފުސީލު ހިމެނޭ ލިޔުން.
  • ދަރަނި ނުވަތަ ދަޢުވާއާ ގުޅޭގޮތުން ކޯޓުން ނިންމުމެއް ނިންމައިފައިވާ ނަމަ، އެ ނިންމުން.
  • ދަރަނި ނުވަތަ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާ އެހެނިހެން ލިޔުން.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި، އަލުން ހަރަކާތްތެރި ވުމަށް ބޭނުންވާ ޙަރަކާކްތެރިނުވާ ކުންފުނިކަމުގައި ކަނޑައަޅައި އުވާލުމަށް ރަޖިސްޓްރާރ އިޢުލާން ކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން އަލުން ޙަރަކާތްތެރިވުމަށް ނުވަތަ ހިންގުމަށް ބޭނުންވާ ކުންފުނިތަކުން މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ރެޖިސްޓްރާރ އަށް ހުށަހެޅޭނެއެވެ.

އަދި 30 ޑިސެމްބަރު 2025 ގެ 14:00 ގެ ނިޔަލަށް، އަލުން ޙަރަކާތްތެރިވުމަށް އެދި ހުށަހަޅާފައިނުވާ ކުންފުނިތަކާއި އަދި ކުންފުންޏެއްގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ދަޢުވާއެއް އޮތްކަން ބަޔާންކޮށް އެ މުއްދަތުގެ ނިޔަލަށް ހުށަހަޅާފައިނުވާ ކުންފުނިތައް، ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 246 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނި އުވާލުމަށް ކަނޑައަޅާފައިވާ އިޖްރާއާތު ފުރިހަމަކުރުމަށްފަހު ރަޖިސްޓްރާރ ކުންފުނި އުވާލައި، ކުންފުންޏާއި ބެހޭ ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނީގެ ނަން ދަފްރަތުން އުނިކުރެވޭނެ ކަމަށްވެސް  ބުނެފައިވެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް، އެ މިނިސްޓްރީގެ ހޮޓްލައިން 1500 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ވަނީ އެދިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު