15 އޮކްޓޫބަރު 2025

ހަންކެޑެއާއި ނަލަންދޫގައި ރިސޯޓު ތަރައްގީކުރަން ހުޅުވާލައިފި

އައްޑޫ ސިޓީ ހަންކެޑެއާއި ށ. ނަލަންދޫގައި ރިސޯޓު ތަރައްގީކުރުމަށް ސަރުކާރުން ހުޅުވާލައިފިއެވެ.

އައްޑޫސިޓީގެ ހަންކެޑެގައި ފަތުރުވެރިކަމުގެ އައު މަޝްރޫއެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މި މަހުގެ ފުރަތަމަ ދުވަހުއެވެ. އެގޮތުން، ހަންކެޑެ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރުމުގެ މަސައްކަތް އަވަސްކުރުމުގެ މަޤުސަދުގައި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅައި، ހަންކެޑެ، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ކުއްޔަށް ދިނުމަށް 2 ޑިސެންބަރު 2021 ގައި އެކަށައެޅުއްވި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު، ވަނީ އުވައިލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއެކު ފަތުރުވެރިކަމުގެ އައު މަޝްރޫއެއް ހިންގުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއާ ވަނީ ހަވާލުކުރައްވާފައެވެ.

މިކަމާ ގުޅިގެން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ނެރުއްވި އިއުލާނެއްގައި ވިދާޅުވީ ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދުގެ ދަށުން އައްޑޫ ސިޓީ ހަންކެޑެ ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ އިންޓަރގްރޭޓަޑް ޓޫރިސްޓް ރިސޯޓެއް ކަމަށެވެ. އެގޮތުން މަދުވެގެން 1000 އެނދުގެ ރިސޯޓެއް ތަރައްގީ ކުރުމަށް ވަނީ ހުޅުވާލާފައެވެ.

ހަންކެޑެގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ފަތުރުވެރިކަމާބެހޭ ވުޒާރާއަށް އީމެއިލް މެދުވެރިކޮށް އިތުރު މައުލޫމާތު ސާފު ކުރުމަށް އެ ވުޒާރާއިން އެދެއެވެ.

އަދި ށ. ނަލަންދޫގައި ރިޒޯޓް ތަރައްގީ ކުރުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހުޅުވާލާފައިވަނީ ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށުގެ ތެރެއިންނެވެ. އެގޮތުން ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 12ވަނަ ދުވަހުގެ ހެނދުނު 10:00އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

މި މަޝްރޫއުގެ ބީލަން ފޮތް އަންނަ އަންގާރަ ދުވަހުން ފެށިގެން އަންނަ މަހުގެ 10ވަނަ ދުވަހާ ހަމައަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު