15 އޮކްޓޫބަރު 2025
ޣައްޒާގެ ކުދިންތަކެއް އިސްރާޢީލުގެ ޖަލެއްގައި،

ފަލަސްޠީނުގެ 154 މީހުން ޖަލުން މިނިވަންކޮށް އަނބުރާ ނާދެވޭގޮތަށް އަރުވައިލަން ނިރުބަވެރި ޔަހޫދީން ނިންމައިފި

ޣައްޒާއަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމަށް މި ހަފްތާގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މިނިވަންކުރަން ހަމަޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން 154 މީހުން، ދުވަހަކުވެސް ފަލަސްޠީނަށް އަނބުރާ ނާދެވޭ ގޮތަށް އެހެން ޤައުމުތަކަށް އަރުވައިލަން ޔަހޫދީން ނިންމައިފިއެވެ.

ފަލަސްޠީނިއަން ޕްރިސަނަރސްގެ މީޑިއާ އޮފީހުން ޔަޤީންކޮށްދީފައިވާ ގޮތުގައި، އެއްބަސްވުމުގެ ދަށުން ހޯމަ ދުވަހު ޔަހޫދީ ޖަލުތަކުން މިނިވަންވި 250އެއްހާ މީހުންނާއި ދެ އަހަރުގެ ޢުދުވާނުގެ ދުވަސްވަރު ޔަހޫދީންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ފަލަސްޠީނުގެ 1،700 މީހުންގެ ތެރެއިން ބަޔަކު އަނބުރާ ނާދެވޭ ގޮތަށް އެހެން ޤައުމަކަށް ފޮނުވައިލާނެއެވެ. ނަމަވެސް އެ މީހުން ފޮނުވާލަނީ ކޮން ޤައުމަކަށްކަން އަދި ސާފުވެފައެއް ނުވެއެވެ.

މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ވެސް ޙަމާސްއާއި ޔަހޫދީންނާ ދެމެދު އަސީރުން ބަދަލުކުރި އިރު، ފަލަސްޠީނުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ތޫނިސްއާއި އަލްޖަޒާއިރާއި ތުރުކީވިލާތް ހިމެނޭ ގޮތަށް އަނބުރާ ޤައުމަށް ނާދެވޭނޭހެން ސަރަޙައްދީ ޤައުމުތަކަށް އަރުވާލާފައިވެއެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި މިއީ މިނިވަންވި ފަލަސްޠީނުގެ ރައްޔިތުންގެ ރަށްވެހިކަމުގެ ހައްޤުތަކާ ޚިލާފު އަމަލެކެވެ.

ޔަހޫދީންގެ މި ނިންމުމާއެކު، މިނިވަންވި ޣައްޒާގެ ޤައިދީންނާއި އަސީރުންގެ ޢާއިލާތަކަށް ވަނީ އިތުރު ހިތާމައާއި މޮޅިވެރިކަން ކުރިމަތިވެފައެވެ. ސަބަބަކީ ބޭރު ޤައުމުތަކަށް ޤައިދީންނާއި އަސީރުން އަރުވައިލުމުން ޢާއިލާތަކާ ބައްދަލުކުރުމަށް އިތުރު ހުރަސްތައް ކުރިމަތިވާނެތީއެވެ.

ފަލަސްޠީނުގެ ޤައިދީންނާމެދު ޔަހޫދީން މި ގޮތަށް އަމަލުކުރުމުގެ މައިގަނޑު މަޤްޞަދަކީ ޙަމާސްއަށް އެއްވެސް ރަމްޒީ ކާމިޔާބީއެއް ލިބުމުގެ ފުރުޞަތުން މަޙްރޫމްކުރުމާއި، އަރުވައިލެވޭ ޤައިދީން އެއްވެސް ސިޔާސީ ނުވަތަ އެހެނިހެން ޙަރަކާތްތަކުގައި ބައިވެރިވުމުން މަނާކުރުމެވެ. ބައެއް ފަރާތްތަކުން މި ނިންމުން ސިފަކުރަނީ "ކުޑަ ގޮޅިއަކުން ނެރެ، ބީރައްޓެރި ބޮޑު ގޮޅިއަކަށް ލުން" ކަމުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު