15 އޮކްޓޫބަރު 2025
ރާއްޖޭގެ މަރުކަޒީ ބޭންކުގެ މައި އިދާރާ

މިދިޔަ މަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރީ 860 މިލިޔަން ޑޮލަރު؛ މިއީ 6 އިންސައްތައިގެ ކުރިއެރުމެއް

މިދިޔަ މަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރީ 860 މިލިޔަން ޑޮލަރު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.  މިއީ އޯގަސްޓް މަހާ އަޅާބަލާއިރު 6 އިންސައްތައިގެ ކުރިއެރުމެކެވެ.

މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އޯގަސްޓް މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުރީ 810.05 މިލިޔަން ޑޮލަރެވެ. އަދި ރަސްމީ ރިޒާވްގައި ނުހިމެނޭ ސެކިއުރިޓީސް އިންވެސްޓްމަންޓާއި ބޭރު ފައިސާގެ އެހެނިހެން އެސެޓުގެ ގޮތުގައި 116.64 މިލިޔަން ޑޮލަރު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިކަން ފާހަގަކޮށްފައިވެއެވެ.

ނަމަވެސް ކުރު މުއްދަތުގައި ދައްކަންޖެހޭ އިލްތިޒާމުތަކުގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. މިގޮތުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރު މުއްދަތުގެ ބޭރުފައިސާގެ އިލްތިޒާމުތަކުގެ އަދަދު 781.75 މިލިޔަން ޑޮލަރަށް އަރާފައިވާއިރު، އޯގަސްޓް މަހު މި އަދަދު ހުރީ 738.63 މިލިޔަން ޑޮލަރުގައެވެ.

ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް 194.35 މިލިޔަން ޑޮލަރު ހުރިކަމަށް އެމްއެމްއޭއިން ހާމަކޮށްފައިވެއެވެ. މިއީ އޯގަސްޓް މަހާ އަޅާބަލާއިރު 3 އިންސައްތައިގެ ކުރިއެރުމެކެވެ.

ރާއްޖޭގެ ރިޒާވް ހަރުދަނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ބޭރުފައިސާގެ އައު ޤާނޫނުގެ ދަށުން ބޭންކުތަކަށް ލިބޭ ޑޮލަރުގެ 60 އިންސައްތަ ރިޒާވް ހަރުދަނާކުރުމަށް ބޭނުންކުރެވެމުންދެއެވެ. އަދި "ސާރކް ފްރޭމްވޯރކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާއާއެކު ސޮއިކޮށްފައިވާ 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕަކީވެސް މިއަހަރު ރިޒާވަށް ހެޔޮ ބަދަލެއް އައި ސަބަބެއް" ކަމަށް އެމްއެމްއޭއިން ވިދާޅުވެފައިވެއެވެ.

އަންނަ އަހަރަކީ ރާއްޖެއިން އެންމެ ބޮޑު އަދަދެއްގެ ދަރަނި އަދާކުރަންޖެހޭ އަހަރުތަކުގެ ތެރެއިން އަހަރެއް ކަމަށްވާއިރު، ރިޒާވް ހަރުދަނާވުމަކީ ދަރަނިތައް އަދާކުރުމަށް ލިބިގެންދާނެ ލުޔެއްކަމަށް މަރުކަޒީ ބޭންކުން ފާހަގަކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު