15 އޮކްޓޫބަރު 2025
އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ، ފޮޓޯ: އޮޑިޓަރ ޖެނެރަލުގެ އޮފީސް

އޮޑިޓް އޮފީހަށް 134.2 މިލިޔަން ރުފިޔާގެ ބަޖެޓެއް މަޖިލީހުން ފާސްކޮށްފި

އޮޑިޓަރ ޖެނެރަލް އޮފީހަށް އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 134.2 މިލިޔަން ރުފިޔާ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 51 މެންބަރުންގެ އިއްތިފާޤުން މި ބަޖެޓު ވަނީ ފާސްކުރައްވާފައެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާ ވަކިން މަޖިލީހަށް ހުށައަޅަންޖެހޭ ބަޖެޓެކެވެ. މި ބަޖެޓަކީ މިއަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 20 މިލިޔަން ރުފިޔާ އިތުރު ބަޖެޓެކެވެ.

މާލިއްޔަތު ކޮމިޓީގައި އޮޑިޓް އޮފީހުން މަޢުލޫމާތު ދެއްވިގޮތުގައި، އެކި ޑިޕާޓްމަންޓުތަކަށް ސީނިއަރ އޮޑިޓަރުން ނަގަންޖެހޭތީއާއި، މިހާރުވެސް 22 ޑިޕާޓްމަންޓެއްގެ ތެރެއިން ހަތް ޔުނިޓުގެ މަސައްކަތް ކުރަނީ ސީނިއަރ އޮޑިޓަރެއް ނެތިކަން ފާހަގަކުރެއްވިއެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އޮޑިޓް ފަންޑުގެ މުވައްޒަފުން ނޭޝަނަލް ޕޭ ފްރޭމްވަރކަށް ބަދަލުކުރުމާ ގުޅިގެން މުވައްޒަފުންގެ މުސާރައަށް 9.1 މިލިޔަން ރުފިޔާ އިތުރުވެފައިވާކަންވެސް ހާމަކުރެއްވިއެވެ.

މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވިގޮތުގައި މިއީ ރާއްޖޭގެ ތާރީޚުގައިވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފާސްކުރި އެންމެ ބޮޑު ބަޖެޓެވެ. އަދި މީގެއިން ހާމަވެގެންދަނީ ސަރުކާރުން އޮޑިޓް އޮފީސް ރަނގަޅަށް ހިންގުމަށް އަދި ސަރުކާރުގެ އޮފީސްތައް އޮޑިޓް ކުރުމަށް ދެއްވާ އަހަމިއްޔަތުކަމެވެ.

"މިހާރަކު އޮޑިޓަރ ޖެނެރަލަކަށް އެއްވެސް ފުރުސަތެއް ނޯންނާނެ އޮޑިޓް ކުރުމުގައި އެ ބޭފުޅުން ބޭނުންވާ ބަޖެޓު ނެތިގެން، ފައިސާ ނެތިގެން، އޮފީސް އިމާރާތެއް ނެތިގެން، ދަތިވެގެން އެއްވެސް ކަމެއް ނުކުރެވުމަށް. އެހެންވީމަ އަޅުގަނޑު ދަންނަވަން އޮތީ ކުރިއަށް އޮތްތަނުގައި އޮޑިޓް ރިޕޯޓުތައް ވަރަށް ފުރިހަމަވެގެން ނުކުމެގެންދާނެ," މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރު ވިދާޅުވިއެވެ.

އޮޑިޓް އޮފީހުގެ އައު އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އެއާއެކު ޖާގައިގެ ދަތިކަންވެސް ހައްލުވެގެންދާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު