ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 2 ސިނގިރޭޓު ކޮންޓޭނަރު ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި މިފްކޯގެ ޖެނެރަލް މެނޭޖަރު މުޢާޒު ޢަލީ، 30 ދުވަހުގެ މުއްދަތަށް ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ.
މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މުޢާޒުގެ މައްސަލަ ތަޙުޤީޤީ އިދާރާތަކުން ބަލަމުންދާއިރު، އޭނާގެ މައްސަލަ އިދާރީގޮތުން އެކުންފުނިން ވެސް ތަޙުޤީޤުކުރަމުންދާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އޭނާ ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މުޢާޒު ސަސްޕެންޑްކުރުމާ ގުޅިގެން ކުންފުނީގެ މަސައްކަތްތަކަށް ބުރޫނާރާނެކަން ކަށަވަރުކުރުމުގެ ގޮތުން، އޭނާގެ ދަށުން ހިނގަމުންދިޔަ މަސައްކަތްތައް އެހެން މުވައްޒަފުންނާ ހަވާލުކޮށްފައިވާ ކަމަށް މިފްކޯއިން މަޢުލޫމާތު ދީފައިވެއެވެ.
މިފްކޯއިން އިތުރަށް ފާހަގަކޮށްފައިވަނީ، އެކުންފުނީގެ ޒިންމާދާރު މަޤާމުތަކުގައި ތިބޭ ފަރާތްތަކުގެ ނަޒާހަތްތެރިކަމާ ގުޅުންހުރި ކޮންމެ މައްސަލައެއްވެސް ޚާއްސަ ސަމާލުކަމެއް ދީގެން ބަލަމުންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި، ކޯޕަރޭޓް ގަވަރނެންސްގެ އުސޫލުތަކާއި، ކުންފުނީގެ ސިޔާސަތުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިއަށް އޮތްތަނުގައިވެސް އަޅަމުންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މުޢާޒަކީ ނިމިދިޔަ ސަރުކާރުގައި ކަސްޓަމްސްގެ އިސް މަޤާމެއް އަދާކުރި ފަރާތެއް ކަމާއި، އެ މަޤާމުގައި ހުރި ދުވަސްވަރު ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލައެއްގައި އޭނާގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އޭސީސީން މި މަހުގެ 12 ވަނަ ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމެވެ.