ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ޤައުމަށް އެންމެ ފައިދާހުރި ގޮތް ކަމަށާއި، ޤައުމަށް ހެޔޮއެދޭ އެއްވެސް މީހަކު އެކަމާ ދެކޮޅު ނުހަދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. މިއީ އިގްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބެލިނަމަވެސް ދައުލަތުގެ ޚަރަދުތައް ކުޑަވެ، ޤައުމުގެ މަސްލަހަތު ހިފެހެއްޓޭނެ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ޕީއެސްއެމް އިން ގެނެސްދޭ "ހޭލުން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، ޤާސިމް ވިދާޅުވި ގޮތުގައި މިހާރު ކަންކަން އޮތްގޮތުން އިންތިޚާބުތަކާ ގުޅިގެން ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިނގައެވެ. ނަމަވެސް ދެ އިންތިޚާބު އެއްކޮށްލުމުން އެފަދަ ދޮރުތައް ބަންދުވެ، ޤައުމުގެ އަމާންކަން ދެމެހެއްޓުމަށް ފުރުސަތު ލިބިގެންދާނެއެވެ. މިއީ ޤާނޫނުއަސާސީއަށް ގެންނަންޖެހޭ، މާ ކުރިންވެސް ކުރަންވެފައި އޮތް މުހިންމު އިސްލާހެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މިހާރު އޮތް ނިޒާމުގެ ސަބަބުން އިންތިޚާބުވާ ރައީސަކަށް ވެރިކަމުގެ ފުރަތަމަ ހަ މަސްދުވަހު މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ސިޔާސީ މަސައްކަތްތަކެއް ކުރަންޖެހޭކަން ޤާސިމް ފާހަގަކުރެއްވިއެވެ. ދެ އިންތިޚާބު އެއްކޮށް ބާއްވައިފިނަމަ، ވެރިކަމުގެ ކުރީކޮޅު އެ ވަގުތުތައް ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ހޭދަކުރުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ނިންމަވާލައްވަމުން ޤާސިމް ވިދާޅުވީ ޤައުމަށް ހަގީގީ ކުރިއެރުން ލިބޭނީ ހަމައެކަނި ޤާނޫނުތަކަށް ގެންނަ ބަދަލަކުން ނޫން ކަމަށާއި، އެކަމަށްޓަކައި އަމާނާތްތެރި، ތެދުވެރި އަދި ދުރުވިސްނޭ ވެރިއަކު ޤައުމުގެ އިސްސަފުގައި ހުރުން މުހިންމު ކަމަށެވެ.


