ގައުމެއް ތަރައްގީވާނީ އާއިލާތައް ބަދަހިވެގެން: އަލައިކާ

ގައުމެއް ބިނާކުރުމާއި ތަރައްގީކުރުމަށް އެންމެ މުހިންމު އެއް ކަމަކީ އެ ގައުމެއްގެ ސިޓީތަކާއި އާއިލާތައް ތަރައްގީވުން ކަމަށް އާޝިޔަތު އަލައިކާ އަދުނާން ވިދާޅުވެއްޖެއެވެ. އަލައިކާ މިހެން ވިދާޅުވީ އޭނާގެ ކެމްޕެއިން ޖަގަހައެއް ހުޅުމާލޭގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އަލައިކާ ވިދާޅުވީ އޭނާގެ ކެމްޕެއިންގެ މައިގަނޑު ޝިއާރަކީ "ބަދަހި އާއިލާ" ކަމަށާއި، ސިޓީއަކަށް ނުވަތަ ރަށަކަށް އަންނަ ތަރައްގީއާ އެކުގައި އެ ތަނެއްގައި ދިރިއުޅޭ ރައްޔިތުން ވެސް ތަރައްގީވާން ޖެހޭ ކަމަށެވެ.

"އާއިލާތައް ތަރައްގީ ވާނީ އާއިލާތަކުގެ ގުޅުން ބަދަހިވެގެން. އާއިލާއެއްގެ ގުޅުން ބަދަހި ކުރުމަށް އެންމެ އިސް ދައުރެއް ބައްޕައެކޭ އެއްފަދައިން ނަގަނީ އަޅުގަނޑުމެން އަންހެނުން، މަންމައިން، އަނބިމީހާ އަދި ގޭގައި އުޅޭ އަންހެނުން،" އަލައިކާ ވިދާޅުވިއެވެ.

މާލެ ސިޓީގެ ރައްޔިތުން ތަހަންމަލު ކުރަމުންދާ ތޮއްޖެހުމަށް އިޝާރާތް ކުރައްވައި އަލައިކާ ވިދާޅުވީ، މިއީ އިންސާނީ ކަރާމަތަށް ނުފެތޭ ކުދިކުދި ގޮޅިތަކެއްގައި ބަންދުވެފައި ތިބެން ޖެހޭ ޖެހުމެއް ކަމަށެވެ. މިކަމަށް ހައްލެއް ގެނައުމަށް މާލޭގެ ހުރިހާ ހިސާބެއްގައި އާއިލީ މައިޒާންތަކެއް ހަދައި، އެ ތަންތަނަކީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ބޭނުންކުރެވޭ، ސާފުތާހިރު ތަންތަނަށް ހަދާނެ ކަމަށް އޭނާ ވައުދުވެވަޑައިގަތެވެ.

އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ އަޅާލުމެއް ދިނުމަށް "އޯލްޑް ކެއާ ފެސިލިޓީ" ތައް ގާއިމުކުރުމާއި، ވަޒީފާއަށްދާ މުވައްޒަފުންނަށް ލުއި ހޯދައިދިނުމަށް "ޗައިލްޑް ކެއާ" އަދި "އާފްޓާ ސްކޫލް" ޕްރޮގްރާމްތައް ހިންގުމަކީ އަލައިކާގެ މުހިންމު އަމާޒުތަކެކެވެ.

މީގެ އިތުރުން، އަންހެނުންގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި އަންހެނުންގެ ކޯޕަރޭޓިވްތައް އުފެއްދުމާއި، ގޭގައި ތިބެގެން އާމްދަނީ ހޯދޭނެ ރިމޯޓް ވޯކިން ޕްލެޓްފޯމްތައް ތައާރަފުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަލައިކާ އިތުރަށް ވިދާޅުވީ މަގުތަކުގެ ތަރުތީބު ބަދަލުކޮށް، އާންމުންނަށް ފަސޭހަކަމާއެކު ހިނގާބިނގާވެ އުޅެވޭނެ ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް އޭނާ އަޒުމް ކަނޑައަޅާފައިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު