ސައުދީ އަރަބިއްޔާގައި ހުންނަ ޕްރިންސް ސުލްތާން އެއާ ބޭސްއަށް އީރާނުން ދިން ވަރުގަދަ ހަމަލާއެއްގައި އެމެރިކާގެ މަދުވެގެން 15 ސިފައިން ޒަޚަމްވެފައިވާ ކަމަށް ޚަބަރުތައް ބުނެފިއެވެ. އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް ދެ މަސް ފުރެން ދާއިރު، މި ހަމަލާ ދީފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާގައި އީރާނުން ވަނީ ހަ ބެލިސްޓިކް މިސައިލާއި 29 ޑްރޯން ބޭނުންކޮށްފައެވެ. ޒަޚަމްވި ސިފައިންގެ ތެރެއިން ފަސް މީހެއްގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތައް ބުނާއިރު، ވޯލް ސްޓްރީޓް ޖާނަލްއިން ބުނި ގޮތުގައި ސިފައިން ޒަޚަމްވީ އެއާބޭސްގެ އިމާރާތެއްގެ ތެރޭގައި ތިއްބާ އެތަނަށް ހަމަލާ އެރުމުގެ ސަބަބުންނެވެ.
އީރާނުގެ އަސްކަރީ މަރުކަޒީ ހެޑްކުއާޓާގެ ތަރުޖަމާނު އިބްރާހީމް ޒުލްފަގާރީ ހޮނިހިރު ދުވަހު ވިދާޅުވީ، މި ހަމަލާގައި ތެޔޮ އަޅާ ބޯޓެއް މުޅިން ހަލާކުވެފައިވާ ކަމަށެވެ. މީގެ އިތުރުން އިތުރު ތިން ބޯޓަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ބޭނުންނުކުރެވޭ ވަރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އީރާނުގެ ޕްރެސް ޓީވީން ވަނީ އެއާބޭސްއަށް ލިބިފައިވާ ގެއްލުންތައް ފެންނަ ސެޓެލައިޓް ފޮޓޯތައް ވެސް އާންމުކޮށްފައެވެ.
ސައުދީގެ ވެރިރަށް ރިޔާޒާ ގާތްގަނޑަކަށް 96 ކިލޯމީޓަރު ދުރުގައި އޮންނަ މި އެއާބޭސްއަކީ ސައުދީ ރޯޔަލް އެއާފޯސްއިން ހިންގާ ތަނެއް ނަމަވެސް، މިއީ އެމެރިކާގެ ފައުޖުތަކުން ވެސް ބޭނުންކުރާ މަރުކަޒެކެވެ. މި ހަފްތާގެ ތެރޭގައި މި ބޭސްއަށް ދިން އެހެން ހަމަލާއެއްގައި ވެސް އެމެރިކާގެ 14 ސިފައިން ޒަޚަމްވެފައިވެއެވެ.
އީރާނުން ބުނަމުންދަނީ ގަލްފުގެ ގައުމުތަކުން އެމެރިކާއަށް ހަމަލާދިނުމަށް ފުރުސަތު ދޭނަމަ، އެ ގައުމުތަކަށް ރައްދު ހަމަލާ ދޭނެ ކަމަށެވެ. ފެބްރުއަރީ 28 ގައި އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން މަސްލަހަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.


