ގާނޫނުއަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވި ޝާހީން ހަމީދު

ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން އިންތިޚާބަށް ނުފޫޒާއި ބާރު ފޯރުވުން ކުޑަވާނެ: ޝާހީން

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަ އިސްލާހުގެ ސަބަބުން، އިންތިޚާބުތަކަށް ނުފޫޒު ފޯރުވުން ކުޑަވާނެ ކަމަށް ގާނޫނުއަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވި ޝާހީން ހަމީދު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން ބާ ކައުންސިލުން ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން، އޭނާ ފާހަގަކުރެއްވި ގޮތުގައި ދެ އިންތިޚާބު ދެމެދު އޮންނަ ހަ މަސް ދުވަހުގެ މުއްދަތު ނެތިދިއުމަކީ ބާރާއި ނުފޫޒު ބޭނުންކުރުން މަދުވެ، ރަނގަޅު ނަތީޖާއެއް ނުކުންނާނެ ކަމެކެވެ.

މި އިސްލާހުގެ ސަބަބުން ރައްޔިތުންގެ އިންތިޚާބީ ހައްގުތަކަށް އުނިކަމެއް ނާންނާނެ ކަމަށާއި، ސަރުކާރު ޖަވާބުދާރީކުރުވުމުގެ ނިޒާމަށް ވެސް ބަދަލެއް ނާންނާނެ ކަމަށް ޝާހީން ވިދާޅުވިއެވެ. އަދި މީގެ ކުރިން ގެނެވުނު ބައެއް އިސްލާހުތަކާ ޚިލާފަށް، އިންތިޚާބުތައް އެކުގައި ބޭއްވުމުގެ މި އިސްލާހުގައި ގާނޫނީ ގޮތުން ކަންބޮޑުވާންޖެހޭ ފަދަ މައްސަލަތަކެއް ނެތް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.

ނަމަވެސް، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު ވަނީ ގާނޫނުއަސާސީއަށް ވަކިވަކިން އިސްލާހުތައް ގެނައުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވިދާޅުވެފައެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި މިފަދަ ބަދަލުތަކުގެ އަސްލު ނަތީޖާ އެނގޭނީ ހުރިހާ އިސްލާހުތަކެއް އެއްކޮށް ގެނައުމުންނެވެ. އަދި މި ބަދަލުން ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށް ބަދަލެއް އަންނާނެތޯ ދަންނަވަން ދަތި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ގާނޫނީ ވަކީލު ޝަމްސުއް ފަލާހު ވަނީ މި އިސްލާހަކީ ޣައިރު ދުސްތޫރީ އިސްލާހެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި އިސްލާހު ފާސްކުރުމުގައި މަޖިލީހުން އަމަލުކުރި އަވަސް ގޮތާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި ހިމެނޭ ސުވާލުތަކުގައި މައްސަލަތަކެއް އެބަހުއްޓެވެ. މި އިސްލާހާ މެދު ރައީސުލްޖުމްހޫރިއްޔާ ގޮތެއް ނިންމަވާނީ ކުރިއަށް އޮތް ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ފަހުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އިންތިހާބު ބާއްވާއިރު ސަރުކާރު އެއްވެސް ޕާޓީ އަކަށް ނުދޭނަވީ. ސަރުކާރު ހިންގާ ޕާޓީން ހުރިހާ ގޮތަކުން ވެސް މާ ބާރުގަ އޮންނާތީ މްޮޅުވުލުގެ ފުރުސަތު ބޮޑު ދޯ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު