މާލެ ސަރަޙައްދުގައި 7 ޕާކިން ބިލްޑިންގެ ފަރުމާ, ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ

މާލެ ސަރަޙައްދުގައި 7 ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ފެށުމަަށް ތައްޔާރުވެއްޖެ

މާލެ ސަރަޙައްދުގައި ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި 7 ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު މުޙައްމަދު އަމީން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލެ ސަރަޙައްދުގައި ދިމާވެފައިވާ ޕާކިންގެ ދަތިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ވަރަށް އަވަހަށް މި 7 ޕާކިން ބިލްޑިން އެޅުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި ބިލްޑިންތަކުގެ ކުރެހުންތައްވެސް ވަޒީރު ވަނީ އާންމުކުރައްވާފައެވެ.

މި މަޝްރޫޢުގެ ދަށުން ގާއިމުކުރާ ބިލްޑިންތަކާއެކު ހަތަރުފުރޮޅުލީ އުޅަނދުތަކަށް 2600 އަށްވުރެ ގިނަ ޖާގަ ލިބިގެންދާނެއެވެ. އަދި ދެ ފުރޮޅުލީ އުޅަނދުތަކަށް 1000 ޖާގަ މި ބިލްޑިންތަކުން ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެގުމާއެކު ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށެވެ. މީގެ ސަބަބުން ޕާކިންގެ ގޮންޖެހުންތަކަށް ހައްލު ލިބި، މަގުމަތީގެ ތޮއްޖެހުމާއި ގަވާއިދާ ޚިލާފަށް މަގުމަތީގައި ޕާކުކުރުން މަދުވެ، މަގުމަތީގެ ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ޕާކިން ބިލްޑިންތަކެއް ތަރައްޤީކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިން ވިދާޅުވެފައިވަނީ، މި މަޝްރޫޢު އިންޑިއާގެ ލައިން އޮފް ކްރެޑިޓްގައި ހިމަނާފައިވާ ކަމަށެވެ. މި ބިލްޑިންތަކުގެ ތެރެއިން 2 ބިލްޑިން މާލޭގައި ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭގެ އިތުރުން ވިލިމާލެއާއި ހުޅުމާލޭގައިވެސް ޕާކިން ބިލްޑިން ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި ވިލިމާލޭގައި ޕާކިން ބިލްޑިންގ ތަރައްޤީކުރާނީ ބްރިޖުން ވިލިމާލެއަށް ފައިބާ ހިސާބުގައެވެ. އަދި ހުޅުމާލޭގައި މި ބިލްޑިންގ ތަރައްޤީކުރާނީ ގިނަ ބަޔަކަށް ފަސޭހަވާނެ ފަދަ ސަރަޙައްދެއްގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު