ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަންގެ މަޤާމަށް ތިން ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ބުނި ގޮތުގައި މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހަވީރު 6:00 އަށް ހަމަވިއިރު، ތިން ބޭފުޅަކު ވަނީ ނަން ހުށަހަޅުއްވާފައެވެ.
އެމްޑީޕީން މިހާރު ވަނީ މި އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތަކާއި ކެންޑިޑޭޓް ނަންބަރުތައް ރަސްމީކޮށް އާންމުކޮށްފައެވެ. ޗެއަރޕާސަން ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހިމެނެއެވެ.
ކެންޑިޑޭޓުންގެ ތަރުތީބު
އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތަރުތީބަކީ:
1. މުޙައްމަދު ނަޝީދު، ގ.ކެނެރީގެ/މާލެ
2. އިބްރާހީމް މުޙައްމަދު، ހުދުވިލާގެ/ލ.ފޮނަދޫ
3. މީކާއީލު އަޙްމަދު ނަސީމް، ގ.ބަރޯސާ/މާލެ
މި ބޭފުޅުންނަކީ މަޤާމުގެ ޝަރުތު ހަމަވާ ކެންޑިޑޭޓުން ކަމަށް ޕާޓީން ވަނީ ކަނޑައަޅާފައެވެ. މި އިންތިޚާބަކީ ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް ބޭއްވޭ މުހިންމު އިންތިޚާބެއްގެ ގޮތުގައި ބެލެވެއެވެ.
އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ މި އިންތިޚާބު އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވަނީ އެމްޑީޕީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެންބަރުންނަށެވެ.


