ކަރަންޓު ބިލް ކުޑަކުރުމަށް އޭސީ ކަނޑަކަނޑާފައި ޖެއްސުމަކީ ގޯހެއް؛ މިގޮތަށް އަމަލުކުރޭ!

ހޫނު މޫސުމުގައި ކަރަންޓު ބިލް ބޮޑުވިޔަނުދީ ހިފެހެއްޓުމަށާއި، ހަށިގަނޑަށް އަރާމު މިންވަރެއްގައި ގޭތެރޭގެ ފިނިހޫނުމިން ބެހެއްޓުމަށް އެންމެ އެކަށީގެންވާ މިންވަރަކީ 78°F (ގާތްގަނޑަކަށް 25.5°C) އެވެ. އިޤްތިޞާދީ އަދި އޭސީގެ ކަންކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި، ކަރަންޓު ބިލް ކޮންޓްރޯލް ކުރަން ބޭނުންނަމަ އޭސީގެ ފިނިހޫނުމިން 74°F (ގާތްގަނޑަކަށް 23.3°C) އަށްވުރެ ދަށްކޮށްގެން ނުވާނެއެވެ. ބޭރުގެ ފިނިހޫނުމިން ވަރަށް ބޮޑަށް މަތިވާ ސަރަހައްދުތަކުގައި، އޭސީ ބަހައްޓަންވީ އެންމެ އެކަށީގެންވާ މިންވަރަކީ 78°F އާއި 82°F އާ ދެމެދުގެ މިންވަރެކެވެ. އޭސީގެ ފިނިހޫނުމިން ދަށް ކުރާއިރު ކޮންމެ ޑިގްރީއަކަށް ކޮންމެ ފަހަރަކު، ކަރަންޓު ޚަރަދު 3 އިންސައްތަ އިތުރުވެގެންދެއެވެ.

ގޭގައި މީހަކު ނޫޅޭ ވަގުތުތަކުގައި، އާންމުކޮށް ބަހައްޓާ ފިނިހޫނުމިނަށްވުރެ 3 އިން 10 ޑިގްރީ މަތިކުރުމަށް މާހިރުން ލަފާދެއެވެ. ނަމަވެސް އޭސީ މުޅިން ނިއްވާލުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ސަބަބަކީ އޭސީ މުޅިން ނިއްވާލުމުން ގޭތެރެ މާބޮޑަށް ހޫނުވެ، އެނބުރި ގެއަށް އައިސް ކޮޓަރި ފިނިކުރަން އޭސީ ހުޅުވުމުން، ކޮޓަރި ފިނިކުރުމަށްޓަކައި އޭސީ މާ ބޮޑަށް މަސައްކަތްކުރަން ޖެހި، ކަރަންޓު ހިނގާ މިންވަރު އިތުރުވާތީއެވެ. މިކަމަށް އޮތް އެންމެ ފަސޭހަ ހައްލަކީ "ސްމާޓް ތާމޯސްޓެޓް" އެއް ބޭނުންކޮށްގެން، ގެއަށް އައުމުގެ ކުޑަވަގުތުކޮޅެއް ކުރިން ކޮޓަރި ފިނިވާނެހެން ވަގުތު ސެޓްކުރުމެވެ. ދިގު މުއްދަތަކަށް ފުރައިގެންދާއިރު، އާދައިގެ މޫސުމެއް އޮންނަ ތަނެއްނަމަ އޭސީ 85°F ގައި، އަދި ވަރަށް ހޫނު ގަދަ ތަނެއްނަމަ 89°F ގައި ބެހެއްޓުން ރަނގަޅެވެ. މިއީ ކަރަންޓު ޚަރަދު ކުޑަކޮށްދިނުމުގެ އިތުރުން، ގަދަ ހޫނާއި ތެތްކަމުގެ ސަބަބުން ގޭގައި ހުންނަ އިލެކްޓްރޯނިކްސް ސާމާނާއި، ލަކުޑި ފަރުނީޗަރާއި، އަދި ގޭގައި ހަދާފައި ހުންނަ ކުރެހުންތަކަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.

އޭސީގެ ބޭނުންކުރާއިރު ކަރަންޓު ބިލް ކުޑަކުރުމަށްޓަކައި އޭސީގެ ފޭން ސެޓިންގްސް "On" ގައި ބެހެއްޓުމުގެ ބަދަލުގައި "Auto" ގައި ބަހައްޓަންވާނެއެވެ. "On" ގައި ހުރުމުން އޭސީން ފިނިނުކުރާ ވަގުތުތަކުގައި ވެސް ފަންކާ މުޅި ދުވަހު ހުއްޓުމެއްނެތި ހިނގާނެއެވެ. އަދި ދުވަހުގެ އެންމެ ހޫނުގަދަ ވަގުތުތަކުގައާއި، ބޭރަށްދާއިރު ދޮރުފޮތި ދަމާލާފައި ބެހެއްޓުމުން ގޭތެރެއަށް ހޫނު ވަނުން މަދުކޮށްދޭނެއެވެ. މީގެ އިތުރުން ކޮޓަރީގެ ދޮރުތަކާއި ކުޑަދޮރުތަކުގެ ދޭތެރެއިން ބޭރުގެ ހޫނުވައި އެތެރެއަށް ނުވަދެވޭނެހެން "ވެދަރސްޓްރިޕިންގ" ބޭނުންކޮށްގެން ބަންދުކުރުމަކީ ފިނި ހިފެހެއްޓުމަށް އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅެވެ. ހަމައާއެކު ކޮންމެ 1 މަހަކާއި 3 މަހަކާ ދެމެދުގެ މުއްދަތެއްގައި އޭސީގެ ފިލްޓަރުތައް ބަދަލުކުރުން ނުވަތަ ސާފުކުރުން މުހިންމެވެ. އޭސީގެ ބޭރު ޔުނިޓުގައި ކުނިބުނި ހުންނަނަމަ ސާފުކޮށް، ކޮއިލްތައް ސާފުކޮށް ބެހެއްޓުމުން އޭސީގެ ހިންގުން ހަލުވިވެ ކަރަންޓު ޚަރަދު ކުޑަވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ