ހިލޭ އެހީގެ ގޮތުގައި ދައުލަތަށް މި އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާ (މިނިސްޓްރީ އޮފް ފައިނޭންސް) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މާލީ ވުޒާރާއިން ވަނީ ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި، ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، "މަންތްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް" އާންމުކޮށްފައެވެ.
އެ ވުޒާރާއިން މިއަހަރަށް ހުށަހެޅި ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 373.6 މިލިޔަން ރުފިޔާއެވެ. ނަމަވެސް، ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުން ދައްކާގޮތުގައި، މި މަހުގެ 4 ވަނަ ދުވަހާ ހަމައަށް ހިލޭ އެހީގެ ގޮތުގައި 393.6 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. އެހެންކަމުން އަންދާޒާއަށްވުރެ ލިބުނު ހިލޭ އެހީގެ އަދަދު ވަނީ 5.3 އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 128.7 މިލިޔަން ރުފިޔާއެވެ.
އަހަރުގެ މިހާތަނަށް ޓެކްސް އާމްދަނީއާއި ޓެކްސްނޫން އާމްދަނީ، އަދި ހިލޭ އެހީގެ ގޮތުގައި މި އަހަރު ޖުމްލަ 40.3 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، "ވީކްލީ ފިސްކަލް ރިޕޯޓް" ދައްކާގޮތުން މިހާތަނަށް 19 ބިލިޔަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 17.3 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 10 އިންސައްތައިގެ އިތުރުވުމެކެވެ.
ދައުލަތަށް ލިބޭ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބޭ ފައިސާއެވެ. އެގޮތުން ޖުމްލަ އާމްދަނީގެ 78 އިންސައްތައަކީ ޓެކްސް އާމްދަނީއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސްގެ ގޮތުގައި 13.2 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ ޖޫން މަހުގެ 4 ގެ ނިޔަލަށް އެ އަދަދު ވަނީ 14.8 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ 12.4 އިންސައްތައިގެ ކުރިއެރުމެކެވެ.
މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީއެވެ. 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 5 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު އެ އަދަދު ވަނީ 6 ބިލިޔަން ރުފިޔާއަށް އަރައިފައެވެ. މިއީ 7.6 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން، އާންމު މުދަލާއި ޚިދުމަތުގެ ޓެކްސް (ޖީ.އެސް.ޓީ) ގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 2.2 ބިލިޔަން ރުފިޔާއިން 2.5 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ.


