ރޭ ކުޅުނު 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުއާޓަރ ފައިނަލް މެޗުގައި، ފްރާންސާ ދެކޮޅަށް މޮރޮކޯ ނުކުތީ ބޮޑެތި އުންމީދުތަކަކާ އެކުގައެވެ. މި މެޗުގައި 0-2 އިން މޮރޮކޯ ބަލިވި ނަމަވެސް، ޔާސީން ބޫނޫ ވަނީ އަނެއްކާވެސް އޭނާގެ ހުނަރު ދައްކުވައިދީފައެވެ.
ޚާއްޞަކޮށް، މެޗުގެ 25 ވަނަ މިނެޓުގައި ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ފޮނުވާލި ޕެނަލްޓީ، ބޫނޫ ވަނީ އޭނާގެ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ބޫނޫގެ ނަން އިތުރަށް ވިދާލި ހިތްވަރުގަދަ ސޭވްއެކެވެ.
މެޗުގެ ދެވަނަ ހާފުގައި ފްރާންސުން ލަނޑުތައް ޖަހައި ކުރި ހޯދި ނަމަވެސް، މޮރޮކޯގެ ޓީމުން ދެއްކި ހިތްވަރާއި ބޫނޫގެ ފަރާތުން ފެނުނު މޮޅު ކުޅުން، މުޅި މޮރޮކޯގެ ފުޓްބޯޅަ ތާރީޚުގައި އަބަދުވެސް ހަނދާންކުރެވޭނެއެވެ.
ޤަޠަރުގައި 2022 ވަނަ އަހަރު ބޭއްވުނު ވޯލްޑް ކަޕުން ފެށިގެން، މޮރޮކޯގެ ގޯލްކީޕަރު ޔާސީން ބޫނޫ އަކީ ހަމައެކަނި ޓީމުގެ ފަހަތް ބަލަހައްޓާ ފާރަވެރިއެއް ނޫނެވެ. އޭނާއަކީ މުޅި ޤައުމެއްގެ އުންމީދުތަކާއި ހުވަފެންތައް އޭނާގެ ކޮނޑުގައި އުފުލަމުންދިޔަ ހަގީގީ ބަތަލެކެވެ. މޮރޮކޯ މި އަހަރުގެ ވޯލްޑް ކަޕް މުބާރާތުން ވަކިވާން ޖެހުނު ދަނޑިވަޅުގައި، ބޫނޫގެ ލޮލުން އޮހޮރުނު ކަރުނަތަކުން މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުނެވެ.
2022 ވަނަ އަހަރުގެ ތާރީޚީ ކާމިޔާބީއަށްފަހު، ބޫނޫ ދައްކަމުން އައީ އާދަޔާޚިލާފު މޮޅު ކުޅުމެކެވެ. އެންމެ މުހިންމު އަދި ނާޒުކު ދަނޑިވަޅުތަކުގައި އޭނާ ވެގެންދިޔައީ ކޮންމެ ހަމަލާއެއް ދިފާއުކުރުމުގައި ޓީމަށް ޔަގީންކަންދިން އިތުބާރު ހިފޭ ކީޕަރަކަށެވެ. އަދި ޕެނަލްޓީތަކާއި ނުރައްކާތެރި ބޯޅަތައް ހުއްޓުވުމުގައި ދެއްކި ހުޝިޔާރުކަމާއެކު އޭނާ ވެގެންދިޔައީ ނިންމުންތެރި، އަދި ދަނޑުމަތީގައި މުޅި ޓީމަށް ހިތްވަރުދީ ގޮވައިގެން ކުރިއަށްދިޔަ ހަގީގީ ލީޑަރަކަށެވެ.
"ދުނިޔޭގައި ގޯލު ސޭވްކުރާ ކީޕަރުން އުޅެއެވެ. ނަމަވެސް، މުޅި ޤައުމެއްގެ ހުވަފެންތައް ކޮނޑުގައި އުފުލާ ކީޕަރުން އުޅެނީ ވަރަށް މަދުންނެވެ. ބޫނޫއަކީ އެފަދަ މަދު ކީޕަރުންގެ ތެރެއިން އެކަކެވެ."
ބޫނޫ ދަނޑުމަތީގައި ރޮއިގަތީ އެހެންވެގެންނެވެ. އޭނާ ޓީމަށާއި ޤައުމަށްޓަކައި އޭނާގެ ކިބައިގައި ހުރި ހުރިހާ ހަކަތައަކާއި ކުޅުމެއް ދިނެވެ. މިއަދު އޭނާގެ ލޮލުން އޮހޮރުނު ކަރުނައަކީ ބަލިވުމުގެ ކަރުނައެއް ނޫނެވެ. އެއީ ޤައުމީ ފަޚުރާއި، ކާމިޔާބީއާ ހަމައަށް ދިއުމަށް ކުރި ބުރަ މަސައްކަތުގެ އިހުސާސްތަކުން ފުރިގެންވީ ބަޔާންކުރަންދަތި ކަރުނަތަކެކެވެ. މޮރޮކޯގެ ފުޓްބޯޅަ ތާރީޚުގައި ޔާސީން ބޫނޫގެ ނަން އަބަދުވެސް ފަވައިލެވިފައި ހުންނާނީ ރަން އަކުރުންނެވެ.


