މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވެ، މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 22.4 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓަށް ބަލާއިރު، 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 20.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއަހަރުގެ އާމްދަނީ ވަނީ 2.1 ބިލިއަން ރުފިޔާ ނުވަތަ 10.4 އިންސައްތަ އިތުރުވެފައެވެ. އާމްދަނީ ރަނގަޅުވުމުގެ މައިގަނޑު ސަބަބަކީ ދައުލަތަށް ލިބޭ ޓެކްސްގެ އާމްދަނީ، ޚާއްޞަކޮށް ކޯޕަރޭޓް އިންކަމް ޓެކްސް އާއި ޖީއެސްޓީ އިތުރުވުމެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 9.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރޭގައި އާންމު ޖީއެސްޓީގެ ގޮތުގައި ލިބުނު 2.9 ބިލިއަން ރުފިޔާ އާއި، ޓީ-ޖީއެސްޓީގެ ގޮތުގައި ލިބުނު 6.6 ބިލިއަން ރުފިޔާ ހިމެނެއެވެ.
ޚަރަދުތަކަށް ބަލާއިރު، މިއަހަރުގެ މި މުއްދަތުގައި ޖުމްލަ 23.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ 19.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 4.2 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ޚަރަދު އިތުރުވުމުގެ އެންމެ ބޮޑު ސަބަބަކީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރި ޚަރަދު އިތުރުވުމެވެ. މުސާރައާއި ޕެންޝަނަށް ކުރި ޖުމްލަ ޚަރަދު ވަނީ 8.0 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ އިތުރުން، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލުމުން، އަސާސީ ތަކެއްޗާއި ޚިދުމަތްތަކުގެ އަގު ހިފެހެއްޓުމަށް ސަރުކާރުން ދޭ ސަބްސިޑީގެ ޚަރަދުތައްވެސް ވަނީ 1.4 ބިލިއަން ރުފިޔާއިން އުފުލިފައެވެ. ތަރައްޤީގެ މަޝްރޫޢުތަކަށް ކުރާ ކެޕިޓަލް ޚަރަދު ވަނީ 3.0 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
މާލީ ވުޒާރާއިން ވިދާޅުވި ގޮތުގައި، ޚަރަދުތައް އިތުރުވި ނަމަވެސް ދަރަނި އަދާކުރުމާއި އިންޓްރެސްޓް ނުހިމަނައި ދައުލަތުގެ ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ވަނީ ރެކޯޑުކުރެވިފައެވެ. މިއީ ދައުލަތަށް ލިބޭ އާމްދަނީން އާންމު ޚަރަދުތައް ހަމަޖެއްސޭނެކަން އަންގައިދޭ މިންގަނޑެކެވެ. ނަމަވެސް، ހުރިހާ ޚަރަދެއް ހިމެނުމުން ބަޖެޓުގެ އޯވަރޯލް ބެލެންސް ވަނީ 975.9 މިލިއަން ރުފިޔާއިން ޑެފިސިޓްވެފައެވެ.


