"މާލޭ ޑިކްލަރޭޝަން" ގެ 17 ވަނަ ބައްދަލުވުމުގެ ތެރެއިން، ފޮޓޯ: އެންވައިރުމެންޓް މިނިސްްޓްރީ

"މާލޭ ޑިކްލަރޭޝަން" ގެ 17 ވަނަ ބައްދަލުވުން ބާއްވައިފި

ދެކުނު އޭޝިއާ ސަރަހައްދުގެ ވައިގެ ނުސާފުކަން ކުޑަކުރުމަށާއި، ބޯޑަރު ހުރަސްކޮށް އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެކުލަވައިލާފައިވާ "މާލޭ ޑިކްލަރޭޝަން" ގެ ސަރުކާރުތަކުގެ 17 ވަނަ ބައްދަލުވުން މާލޭގައި ބާއްވައިފިއެވެ.

ދެ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މި ބައްދަލުވުމަކީ ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް އަދި ރީޖަނަލް ރިސޯސް ސެންޓަރ ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް ގުޅިގެން އިންތިޒާމު ކުރި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤުސަދަކީ "މާލޭ ޑިކްލަރޭޝަން" އިތުރަށް ހަރުދަނާކޮށް، ވައި ނުސާފުވުމުގެ މައްސަލައަށް ސަރަހައްދީ ފެންވަރުގައި ދާއިމީ ޙައްލެއް ހޯދުމަށް ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދިން ގޮތުގައި، މި ބައްދަލުވުމުގައި ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ކަނޑައަޅާފައިވާ މަސައްކަތުގެ ތާވަލާ ބެހޭގޮތުން މެންބަރު ޤައުމުތަކުގެ މެދުގައި ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ. ބައްދަލުވުމުގައި ބައިވެރިވި ޤައުމުތަކުން ވަނީ ވައިގެ ނުސާފުކަމަކީ މުޅި ސަރަހައްދަށް އޮތް ބޮޑު ގޮންޖެހުމެއްކަން ފާހަގަކޮށް، މިކަން ހައްލުކުރުމަށް އެކުގައި މަސައްކަތް ކުރުމުގެ އަޒުމް އައު ކޮށްފައެވެ. އަދި ޒަމާނީ ވަސީލަތްތަކުގެ އެހީގައި ވައިގެ ފެންވަރު ބެލުމާއި، މަޢުލޫމާތު ހިއްސާކުރުން އިތުރު ކުރުމަށްވެސް މި ބައްދަލުވުމުގައި އެއްބަސްވެފައިވެއެވެ.

މިފަދަ މުހިންމު ބައްދަލުވުމެއް ދިވެހިރާއްޖޭގައި ބޭއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތް ކުރުމަށާއި، ސަރަހައްދީ ގުޅުންތައް ބަދަހިކުރުމަށް ދެއްވާ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއްކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ