ސަރުކާރުން ތަޢުލީމާ ގުޅުންހުރި ސިޔާސަތުތަކަށް ގެނައި އިސްލާހުތަކާއެކު، ސައިންސާއި ޓެކްނޮލޮޖީ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރާ ކުދިންގެ އަދަދު ކުރިއަށް އޮތް ދެތިން އަހަރު ދުވަހުގެ ތެރޭގައި އިތުރުވާނެ ކަމަށް ތައުލީމާއި، މަތީ ތަޢުލީމާއި، މަސައްކަތްތެރިކަމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގެ 4 ވަނަ ދަންފަޅީގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގައި މިވަގުތު ހިލޭ ޑިގްރީ، ސްކޮލަރޝިޕް އަދި ލޯނު ޕްރޮގްރާމުތަކުގެ ދަށުން 28,000 ދަރިވަރުން މަތީ ތަޢުލީމު ހާސިލުކުރަމުންދާއިރު، ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ކިޔަވަނީ އެންމެ 11 އިންސައްތަ ދަރިވަރުން ކަމަށެވެ. މިއީ ކުރީގެ ސަރުކާރުން އޯލެވެލްގައި ހިސާބު މާއްދާ ދޫކޮށްލުމުގެ ފުރުސަތު ދިނުމުން ދިމާވި މައްސަލައެއްކަން ފާހަގަކުރައްވައި، އަދުގެ ސަރުކާރުން ހިސާބު މާއްދާ މަޖުބޫރު ކުރުމުގެ ހެޔޮ ނަތީޖާ ކުރިއަށް އޮތް ތަނުގައި ފެންނާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގްރޭޑް 10 ނިންމާ ކުދިންގެ ތެރެއިން މަތީ ސާނަވީއަށް ކިޔަވަނީ 34 އިންސައްތަ ކަމަށާއި، ނަމަވެސް ފާއިތުވި ދެ އަހަރެއްހާ ދުވަހު ކުރި މަސައްކަތުން އެ އަދަދު މިހާރު 48 އިންސައްތައަށް އުފުލިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި 2028 ވަނަ އަހަރާ ހަމައަށް މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުންގެ ނިސްބަތް 65 އިންސައްތައަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
President Dr @MMuizzu attends the fifth session of the High Achievers’ Award 2025 ceremony at CHSE, Hulhumalé, recognising students for their outstanding academic achievements in the secondary and higher secondary examinations. pic.twitter.com/pZ1zAwPNft
— The President's Office (@presidencymv) July 12, 2026
މީގެ އިތުރުން، ހުނަރާއި ޢިލްމުގެ އިތުރުން ރިވެތި އަޚްލާޤުގެ ޖީލެއް ބިނާކުރުމަށް ސަރުކާރުން ފައްޓަވާފައިވާ "ބިންގާ" ޕްރޮގްރާމުގެ 39,400 އަށްވުރެ ގިނަ ހަރަކާތްތައް މިއަހަރުގެ މިހާތަނަށް ހިންގާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ތަޢުލީމީ ވަޒީރު ވަނީ ދަރިވަރުން ކިޔަވާނެ ދާއިރާއެއް އިޚްތިޔާރުކުރުމުގެ ކުރިން ރާއްޖޭގެ ވަޒީފާގެ ބާޒާރު ހުރިގޮތް ބެލުމަށާއި، ރައްޔިތުންގެ ފައިސާއިން ކިޔެވުމަށްފަހު ޤައުމަށް ޚިދުމަތްކުރުމުގެ ވިސްނުން ބެހެއްޓުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި ކުދިންނަށް ގޭތެރެއިން ލިބެންޖެހޭ އެއްބާރުލުން ދިނުމަކީ ކާމިޔާބީއަށް މުހިންމު ކަމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


