މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން، ކ. ހިންމަފުށީގައި ހުންނަ "އައްސޭރި ޖަލު" ބަލައި ފާސްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ.
ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަރެކްޝަންސްއާއި ފުލުހުން ގުޅިގެން ތާވަލުކޮށްގެންނާއި ކުއްލި ގޮތަކަށް (ޝެޑިއުލްޑް އަދި އަންޝެޑިއުލްޑް) ސާރޗް އޮޕަރޭޝަންތައް އަންނަނީ ހިންގަމުންނެވެ. ނަމަވެސް، މިހާރު ކުރިއަށްދާ އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްޞީލެއް އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެއެވެ. މީގެކުރިން ވެސް މިފަދަ ޚާއްޞަ އޮޕަރޭޝަންތައް މާފުށީ ޖަލާއި ހުޅުމާލޭ ޖަލުގައި ހިންގާފައިވެއެވެ.
ޖަލުތަކުގެ ބެލެހެއްޓުންތެރިކަން ހަރުދަނާކޮށް، މަނާތަކެތި ވެއްދުމާއި ޖަލުތަކުގައި ތިބެގެން ސްކޭމްގެ ބޮޑެތި ޢަމަލުތައް ހިންގާ މައްސަލައަށް ޙައްލެއް ހޯދުމަށް ސަރުކާރުން ދަނީ ޒަމާނީ ވަޞީލަތްތައް ޤާއިމުކުރަމުންނެވެ. އެގޮތުން، ޖަލަށް ވަންނަ މީހުން ސްކޭން ކުރުމަށްޓަކައި މިއަހަރުގެ ފެބުރުވަރީ މަހު ބޮޑީ ސްކޭނަރުތައް ބަހައްޓާފައިވާއިރު، މިދިޔަ މަހުގެ 15 ވަނަ ދުވަހު މާފުށީ ޖަލުގައި ވަނީ ބެގޭޖް ސްކޭނަރުވެސް ޤާއިމުކޮށްފައެވެ.
މިއީ ރާއްޖޭގެ ޖަލުތަކުގައި މިފަދަ ހަރުދަނާ ނިޒާމެއް ޤާއިމުކުރި ފުރަތަމަ ފަހަރެވެ. ކަމާބެހޭ އިދާރާތަކުން ޤަބޫލުކުރާ ގޮތުގައި، މި ޒަމާނީ ނިޒާމުގެ ސަބަބުން އޮޅުވާލައިގެން ޖަލަށް ވަގަށް މަނާ ތަކެތި ވެއްދުމުގެ މަގު އެއްކޮށް ބަންދުވެ، ޖަލުތަކުގެ ރައްކާތެރިކަން ބޮޑުތަނުން ވަރުގަދަވެގެންދާނެއެވެ.


