ފުޓްބޯޅައިގެ ފޯރީގައި އުފާ ފާޅުކުރާއިރު އެހެން މީހުންގެ ޙައްޤުތަކަށް އިޚުތިރާމް ކުރުމަށާއި، އަމާންކަން ގެއްލިދާނެ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ. ފުލުހުން މިހެން އިލްތިމާސްކުރީ މިރޭ ކުޅޭ ފޯރިގަދަ މެޗު ބަލަން ސަޕޯޓަރުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
ފުލުހުން ވިދާޅުވީ، ދަންވަރުގެ ވަގުތަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތަކަށް ވުމުން، ޢާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމާއި، އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ އުނދަގޫވާނެ ކަންކަމުން ދުރުހެލިވާންޖެހޭނެ ކަމަށެވެ. އަދި ބޮޑު ސްކްރީންތަކުން މެޗު ބަލާއިރު މަގު ބޭނުންކުރާ އެހެން މީހުންނަށް ދަތިވާނެހެން ސައިކަލުތައް މަޑުކޮށްގެން ނުތިބުމަށާއި، މެޗު ނިމުމަށްފަހު ބައިބަޔަށް އެއްވެ ސައިކަލު ބުރުޖެހުން ފަދަ ކަންކަން ނުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުން ވަނީ މެޗުގެ ފޯރީގައި ބައިވެރިވާއިރު، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އަވައްޓެރިންގެ ޙައްޤުތަކަށް ޚާއްޞަ އިސްކަމެއް ދިނުމަށް އެދިވަޑައިގެންފައެވެ.


