ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބީ މަޤާމުތަކަށް އިންތިޚާބުވި މެންބަރުންނާއެކު، ޕާޓީގެ ރަށު ސްޓިއަރިން ކޮމެޓީތައް އަލުން އެކުލަވާލައި ރަސްމީކޮށް އިޢުލާންކޮށްފިއެވެ. މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގެ 131 ރަށެއްގައި އެއްފަހަރާ ކުރިއަށްގެންދިޔަ މި އިންތިޚާބުގައި 2,500 އަށްވުރެ ގިނަ މަޤާމަށް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ.
ޕާޓީގެ އަސާސީ ޤަވާއިދުގެ ދަށުން އެކުލަވާލި މި ކޮމެޓީތަކުގައި އިންތިޚާބުވި ފަރާތްތަކުގެ އިތުރުން މަޤާމުގެ ގޮތުން ހިމެނޭ މެންބަރުން ތިބޭނެއެވެ. ޕީއެންސީގެ ހިންގާ ޤަވާއިދުގައިވާ ގޮތުން، އެ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރުންނަކީ އެ ދާއިރާއެއްގެ ޕާޓީ ރައީސުންނެވެ. އެހެންކަމުން ދާއިރާތަކުގެ ރައީސުން ހޮވުމަށް ވޯޓުލުން ކުރިއަށްދިޔައީ މަޖިލިސް މެންބަރުން ނެތް ދާއިރާތަކުގައި އެކަންޏެވެ. އަލުން އެކުލަވާލި ކޮމެޓީތަކުގެ ތަފްސީލު މިހާރު ޕާޓީގެ އިލެކްޝަން ޕޯޓަލްއިން ބަލާލެވޭނެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރު ފެށުނުއިރު ދަފްތަރުގައި 74,048 މެންބަރުންނާއެކު ޕީއެންސީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ.


