މިއަހަރުގެ ފުރަތަމަ ހަމަސްދުވަހު އެކަނިވެސް 226 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ޑޮލަރު ނެތް ކަމަށް ބުނެ ފަތުރާ ވާހަކަތައް ދޮގުކުރައްވައި، މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އެކަނިވެސް 226 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައިވާ ކަމަށް އެ ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. "ޔޫތު އޮންޓްރަޕްރިނަރސް އެކްސްޕޯ" ގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، 2023 ގެ ނިޔަލަށް ދޫކުރި ޑޮލަރު ލޯނަށްވުރެ 2 ގުނަ އިތުރަށް، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް ލޯނު ދޫކޮށް، ޖުމްލަ ޢަދަދު 860 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ. ތަފާސްހިސާބުތަކަށް ބަލާއިރު 2021 އިން 2023 އަށް ދޫކުރީ 249 މިލިއަން ޑޮލަރެވެ. ނަމަވެސް 2024 ގައި 142 މިލިއަން، 2025 ގައި 284 މިލިއަން އަދި މިއަހަރުގެ މިހާތަނަށް 226 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ.

ޝަރީފް ފާހަގަކުރެއްވި ގޮތުގައި މިއަހަރުގެ ވޭތުވެދިޔަ 6 މަހަކީ ބޭންކުގެ ތާރީޚުގައިވެސް އެންމެ ގިނައިން ޑޮލަރު ވިއްކި މުއްދަތެވެ. ކާޑު މުޢާމަލާތްތަކާއި، ޓީޓީ، ތަޢުލީމް، ބޭސްފަރުވާ އަދި ނަގުދު ފައިސާ ހިމެނޭހެން 2021 ގައި މަހަކު އެވްރެޖްކޮށް 21 މިލިއަން ޑޮލަރު ވިއްކިއިރު، 2023 ގައި އެ ޢަދަދު ހުރީ 37 މިލިއަންގައެވެ. ނަމަވެސް މިއަހަރު ކޮންމެ މަހަކު ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު ބޭންކުން ދަނީ ވިއްކަމުންނެވެ.

މީގެއިތުރުން، 2020 އިން ފެށިގެން ޑެބިޓް ކާޑުތަކަށް ކަނޑައަޅާފައި އޮތް 250 ޑޮލަރުގެ ލިމިޓް، 2025 ވަނަ އަހަރުގެ ނޮވެންބަރުން ފެށިގެން ރާއްޖެއިން ބޭރުގެ މުޢާމަލާތްތަކަށް 1,000 ޑޮލަރަށް ވަނީ ބޮޑުކޮށްފައެވެ. އަދި ޓިކެޓް ގަތުމާއި، ހޮޓެލް ބުކިންގް އަދި ބޭސްފަރުވާއަށް 3,000 ޑޮލަރަށް ލިމިޓް ބޮޑުކޮށް، އެ ޚިދުމަތް މިއަދާ ހަމައަށްވެސް މެދުނުކެނޑި ދެމުން އަންނަކަން ސީއީއޯ ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ