ފަލަސްޠީނުގެ ބިންތައް އިސްރާއީލުން އިސްތިޢުމާރުކޮށްފައި އޮތުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ބައިނަލްއަޤްވާމީ ކޯޓު (އައިސީޖޭ) އިން ކަނޑައަޅާފައިވާތީ، އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ތަފާތު ޕާޓީތަކަށް ނިސްބަތްވާ 80 އަށްވުރެ ގިނަ މެންބަރުން އެ ޤައުމުގެ ސަރުކާރަށް ބާރުއަޅަން ފަށައިފިއެވެ. މި މެންބަރުން މިކަމަށް އިލްތިމާސްކުރެއްވީ އިނގިރޭސި ޚާރިޖީ ވަޒީރު ޑޭވިޑް ލޭމީއަށް ފޮނުއްވި ރަސްމީ ސިޓީއެއްގައެވެ.
އެ ސިޓީގައި މެންބަރުން ފާހަގަކުރެއްވި ގޮތުގައި، އިސްރާއީލުން އައިސީޖޭގެ ޙުކުމަށް ޢަމަލުކުރުމަށް އިންކާރުކޮށް، ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ހިންގާ ޖަރީމާތައް ވަނީ އިތުރަށް ފުޅާކޮށްފައެވެ. އަދި ބައިނަލްއަޤުވާމީ މުޖުތަމަޢުން ހަރުދަނާ ފިޔަވަޅެއް ނާޅާނަމަ، ހަމައެކަނި އަނގަބަހުން ކުށްވެރިކުރާ ކުރުމަށް އިސްރާއީލުން ފަރުވާލެއް ނުބަހައްޓާނެ ކަމަށްވެސް މެންބަރުން ވިދާޅުވިއެވެ.
މެންބަރުން ހުށަހަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި:
-
ޤަވާއިދާ ޚިލާފަށް ހަދާފައިވާ ޔަހޫދީ އާބާދީތަކުން އުފައްދާ ތަކެތީގެ ވިޔަފާރި މަނާކުރުން.
-
އިސްރާއީލުގެ އިސް ވެރިންނާއި ޖަމާޢަތްތަކަށް ދަތިކުރުމުގެ ފިޔަވަޅު އެޅުން.
-
ދެ ޤައުމުގެ ދެމެދުގައިވާ ވިޔަފާރީގެ އެއްބަސްވުންތައް ސަސްޕެންޑްކުރުން.
-
އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ވަގުތުން ހުއްޓާލުން.
މި ސިޓީ ފޮނުވާފައިވަނީ ޣައްޒާގެ ޢުދުވާނުގައި ފަލަސްޠީނުގެ 73,000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައި، 173,000 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައިވާ ދަނޑިވަޅެއްގައެވެ. މެންބަރުން ވިދާޅުވީ ބައިނަލްއަޤުވާމީ ޤާނޫނަކީ ވަކި ބަޔަކަށް އިސްތިސްނާ ކުރެވޭނެ އެއްޗެއް ނޫން ކަމަށާއި، އިންސާނީ ޙައްޤުތަކަށް އަރައިގަންނަ އެހެން ޤައުމުތަކެކޭ އެއްފަދައިން އިސްރާއީލާ މެދުވެސް ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.


