މާލޭ ނޯތު ހާބަރު ސަރަހައްދުން ވިޔަފާރި އުސޫލުން ބޯޓުފަހަރަށް މުދާ ދޫކުރުމުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް ޖާގަ (ސްލޮޓް) ދޫކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.
މިއީ ނޯތު ހާބަރުގެ ޚިދުމަތްތައް ހަރުދަނާކޮށް، މުދާ އުފުލާ އުޅަނދުފަހަރަށް ފަސޭހަ މާހައުލެއް ގާއިމުކުރުމަށް އެމްޕީއެލުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ނިންމި ނިންމުމެކެވެ.
އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އަޙްމަދު ޢައްޒާމް ޝަރީފް ވިދާޅުވީ، ވިޔަފާރި އުސޫލުން ޚިދުމަތް ދިނުމަށް މިހާރުވެސް އެސްޓީއޯ، އެމްޑަބްލިއުއެސްސީ އަދި މިފްކޯ ފަދަ ކުންފުނިތަކަށް ޖާގަ ދޫކޮށްފައިވާ ކަމަށެވެ. އަދި ހާބަރުގައި ކުރިން ހިންގި ކެފޭގެ ތިރީބައި ވިޔަފާރި ބޭނުންތަކަށް ޚާއްސަކޮށް، ބިޑް އުސޫލުން އިތުރު 6 ސްލޮޓް ދޫކުރުމަށް މިހާރު އިއުލާން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސްލޮޓްތައް ދޫކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ހޯލްސޭލް ވިޔަފާރިކުރާ ފަރާތްތަކަށެވެ. މި ބަދަލުގެ ސަބަބުން ވިޔަފާރިވެރިންނަށް ބަނދަރު ސަރަހައްދުގައި މުދާ ގުދަންކޮށްގެން ބޯޓުފަހަރަށް ފަސޭހަކަމާއެކު ޑެލިވަރީ ކުރެވޭނެއެވެ. އަދި ދުރުގައި ހުންނަ ފިހާރަތަކުން މުދާ ހޯދުމުގެ ބަދަލުގައި، ކައިރިން މުދާ ލިބެން ހުރުމުން އޮޑިދޯނިފަހަރަށް ވީހާވެސް އަވަހަށް އަދި ހެޔޮ އަގުގައި މުދާ ލިބި، ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެމްޕީއެލުން ފާހަގަކުރެއެވެ.


