ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގ

ޖޫން މަހު ޑެންގީއާއި އަރިދަފުސް ރޯގާގެ ކޭސްތައް ދަށްވެއްޖެ: އެޗްޕީއޭ

މިދިޔަ މެއި މަހާ އަޅާބަލާއިރު ޖޫން މަހު ރާއްޖޭގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު ދަށްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން މެއި މަހު ޑެންގީގެ 794 ކޭސް ރިޕޯޓްކޮށްފައިވާއިރު، ޖޫން މަހު ރިޕޯޓްކޮށްފައިވަނީ 652 ކޭހެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހު ރިޕޯޓްކުރި 168 ކޭހާ އަޅާބަލާއިރު މިއަހަރުގެ އަދަދުތައް އަދިވެސް އުޅެނީ މަތީގައެވެ.

ޑެންގީގެ އިތުރުން އަރިދަފުސް ރޯގާއާއި، އިންފްލުއެންޒާ އަދި ބޭރަށް ހިންގުމުގެ ކޭސްތައް ވެސް ޖޫން މަހު ވަނީ ދަށްވެފައެވެ. އެގޮތުން:

  • އަރިދަފުސް ރޯގާ: މެއި މަހު 40,457 ކޭސް ރިޕޯޓްކުރިއިރު، ޖޫން މަހު ވަނީ 34,877 ކޭހަށް ދަށްވެފައެވެ.

  • އިންފްލުއެންޒާ: ޖޫން މަހު ޓެސްޓްކުރި 451 މީހުންގެ ތެރެއިން ޕޮޒިޓިވްވީ 142 މީހުންނެވެ. (މެއި މަހު 681 މީހުން ޕޮޒިޓިވްވިއެވެ.)

  • ބޭރަށް ހިންގުން: މެއި މަހު 4,726 ކޭސް ރިޕޯޓްކުރިއިރު، ޖޫން މަހު ރިޕޯޓްކުރީ 4,442 ކޭހެވެ.

އެޗްޕީއޭއިން ވަނީ ރޯގާތަކުންނާއި ޑެންގީއިން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިރުޝާދު ދީފައެވެ. ވަގުތުން ޑޮކްޓަރަށް ދައްކަންޖެހޭ އަލާމާތްތަކުގެ ތެރޭގައި ބޭރަށް ހިންގުމާއެކު އާދަޔާ ޚިލާފަށް ކަރުހިއްކުން، ބޮލަށް އެނބުރުން އެރުން، ވަރުދެރަވުން، ކުޑަކަމުދެވޭ މިންވަރު މަދުވުން، ގިނައިން ހޮޑުލެވުން ނުވަތަ ހޮޑާއި ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުން ހިމެނެއެވެ. އަދި ބޭރަށް ހިންގާނަމަ މީހުން އެއްވެއުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ