ބޭހަށް ނުގުޑާ މައްސަލަ ނުވަތަ "އެންޓިބަޔޮޓިކްސް ރެސިސްޓަންސް" ހައްލުކުރުމަށްޓަކައި އެންޓިބަޔޮޓިކުގެ ހުރިހާ ރޭންޖެއް ރާއްޖޭގައި ލިބެން ހުންނަންޖެހޭ ކަމަށާއި، އެ ބޭސްތައް ހަމަކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޑރ. ޝާހު ވިދާޅުވީ، ބަލިމީހާއަށް ފުރަތަމަ ދޭ ބޭސް (ފަސްޓްލައިން) މަސައްކަތް ނުކޮށްފިނަމަ ދެން ދޭންޖެހޭ ބޭސްތައް (ސެކަންޑް ލައިން) ސްޓޮކްގައި ހުރުމުން ބަލި ފަސޭހަވުން އަވަސްވެ، ރެސިސްޓަންސްގެ މައްސަލަ ރާއްޖޭގައި މަދުވެގެންދާނެ ކަމަށެވެ.
ސްޓޭޓް ފާމާގެ އެންމެ ބޮޑު އިސްކަމަކީ ރާއްޖެއަށް ކޮންމެހެން ބޭނުންވާ ބޭހުގެ (އެސެންޝަލް ޑްރަގްސް) ލިސްޓުގައި ހިމެނޭ 1200 އެއްހާ ބޭސް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އަދި ޑޮކްޓަރުން އާންމުކޮށް ލިޔެދޭ ބޭސްތައް ދެނެގަނެ "އެޕްރޫވްޑް ޑްރަގް" ލިސްޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މީގެ އިތުރުން، ހޮސްޕިޓަލްތަކުގެ ފާމަސީތަކުން ބޭސް ސިޓީއަށް ލިޔާ ކޮންމެ ބޭހެއް ލިބޭނެކަން ކަށަވަރުކުރުމަކީ އެ ކޯޕަރޭޝަންގެ ބޮޑު އަމާޒެކެވެ.
ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށްޓަކައި، ރަށްރަށުގެ އާބާދީއަށް އާންމުކޮށް ބޭނުންވާ ބޭސްތައް ދެނެގަތުމަށް ރަށްރަށުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ ޑޮކްޓަރުންނާ މަޝްވަރާކުރަން މިހާރު ވަނީ ފަށާފައެވެ. ޑރ. ޝާހު ވިދާޅުވި ގޮތުގައި މި މަސައްކަތުގެ ސަބަބުން ރަށްރަށަށް ބޭނުންވާ ބޭސް އެ ރަށެއްގައި ރައްކާކުރެވި، ބޭސް އިސްރާފުވުން ވަރަށް ބޮޑަށް ކުޑަކުރެވޭނެއެވެ.


