ރާއްޖޭގެ ސަރަހައްދީ ތަރައްޤީގެ މަސައްކަތްތައް تަންފީޒުވެ ނިމުމުން، މާލޭގެ ކާރުބާރު ބޮޑުވުމުގެ މައްސަލައަށް ދާއިމީ ލުޔެއް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލޭގެ މަގުތައް ތޮށްޖެހެން މެދުވެރިވި އަސްލު ސަބަބަކީ ގެދޮރުވެރިކަމާއި، ވަޒީފާއާއި، ތައުލީމު ހޯދުމަށް ރަށްރަށުން މީހުން މާލެއަށް ބަދަލުވާން ޖެހުން ކަމަށެވެ.
މިކަމަށް ވަށާޖެހޭ ހައްލެއް ގެނައުމަށްޓަކައި ރާއްޖެ 7 ސަރަހައްދަކަށް ބަހާލައިގެން، އުތުރާއި ދެކުނު ހިމެނޭހެން އެންމެ މަތީ ފެންވަރުގެ ޚިދުމަތްތަކާއެކު 7 އާބަން ސެންޓަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢެއް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަސައްކަތް ނިމުމުން މާލެއިން އެ ސަރަހައްދުތަކަށް މީހުން ބަދަލުވާން ފަށާނެ ކަމަށް ވެސް ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ޖުމްލަ އާބާދީގެ 40 އިންސައްތަ މިހާރު ދިރިއުޅެނީ މާލެ ސަރަހައްދުގައެވެ.
ސަރަހައްދީ ތަރައްޤީގެ އިތުރުން، މާލެއަށް މިހާރު ދިމާވެފައިވާ ކަންކަމަށް ލުޔެއް ހޯދުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މާލޭގެ ޕާކިން މައްސަލަ ހައްލުކުރުމަށްޓަކައި މިއަހަރުގެ ތެރޭގައި މަދުވެގެން ޕާކިންގ 2 ބިލްޑިންގއެއްގެ މަސައްކަތް މާލޭގައި ފަށާނެ ކަމަށާއި، ހުޅުމާލޭގައި ވެސް ޕާކިންގ އިމާރާތްތަކެއްގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢުތަކާއެކު މާލޭގެ ހަނި ގޯޅިތަކަށް ދިމާވެފައިވާ މައްސަލަތަކަށް ވަގުތީ ހައްލެއް ލިބިގެންދާނެއެވެ.


