އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިއު ޔޯކަށް ހިނގައްޖެ ނަމަ، އޭނާ ހައްޔަރުކުރެވޭނެ ގާނޫނީ މަގެއް އޮތްތޯ ބެލުމަށް އެ ސިޓީގެ ލޯ ޑިޕާޓްމަންޓާ އެކު މަޝްވަރާ ކުރައްވަމުން އަންނަ ކަމަށް ނިއު ޔޯކް ސިޓީގެ މޭޔަރު ޒަހްރާން މަމްދާނީ ވިދާޅުވެއްޖެއެވެ. ނިއު ޔޯކް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި މަމްދާނީ ވިދާޅުވީ، ޣައްޒާގައި ހިންގާފައިވާ ޖަރީމާތަކާ ގުޅިގެން ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާ ނަތަންޔާހޫ އަކީ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށާއި، އޭނާ ހުންނަން ޖެހޭނީ ދަ ހޭގްގެ ބައިނަލްއަގުވާމީ ކޯޓުގައި ކަމަށެވެ.
މޭޔަރު ވިދާޅުވި ގޮތުގައި ނިއު ޔޯކް ސިޓީގެ ގާނޫނު ތަންދޭ އެންމެ ފުޅާ ދާއިރާއެއްގައި މިކަމުގައި ފިޔަވަޅު އެޅުމަށް މަސައްކަތް ކުރާނެއެވެ. މިކަމާ ގުޅިގެން ނަތަންޔާހޫ ބުނެފައިވަނީ މަމްދާނީ އަކީ ސިއްރިއްޔާތުގައި "އެމެރިކާ ދެކެ ރުޅިއަންނަ" ބޭފުޅެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އދ. ގައި ހުންނަ އިޒްރޭލުގެ ސަފީރު ޑެނީ ޑެނަން ވިދާޅުވީ، ހައްޔަރުކުރާނެ ކަމުގެ އިންޒާރުތައް ދިން ނަމަވެސް ސެޕްޓެމްބަރު މަހުގެ އާންމު މަޖިލީހަށް ނަތަންޔާހޫ ނިއު ޔޯކަށް ދާނެ ކަމަށެވެ.
މަމްދާނީ މޭޔަރުކަމަށް އިންތިހާބުވުމާއި ނަތަންޔާހޫއާ ދެކޮޅަށް ކުރައްވާ މަސައްކަތްތަކުން، އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ސަޕޯޓަރުންގެ މެދުގައި އިޒްރޭލަށް އޮތް ތާއީދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ހާމަވެއެވެ. ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި އެމެރިކާއިން އިޒްރޭލަށް ދޭ އެހީއާ ޑިމޮކްރެޓުންގެ ތިންބައިކުޅަ ދެބައި މީހުން މިހާރު ދެކޮޅެވެ.


