ބޮލީވުޑްގެ ސުޕަރސްޓާރ ސަލްމާން ޚާން އަނެއްކާވެސް އިންޓަނެޓްގައި ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ. ނަމަވެސް މިފަހަރު މިއީ ފިލްމެއްގެ އިއުލާނަކާ ނުވަތަ އާ މަޝްރޫއަކާ ގުޅިގެންނެއް ނޫނެވެ. ދާދި ފަހުން އާންމުންގެ ތެރެއަށް އޭނާ ނުކުމެ އުޅުނުއިރު ފެނުނު ފެނުމަކުން ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސޯޝަލް މީޑިއާގައި އޭނާގެ ސިއްހަތާއި ސިފައަށް އައިސްފައިވާ ބަދަލުތަކާ ބެހޭގޮތުން ވަނީ ސުވާލުތައް އުފައްދާފައެވެ.
އުމުރުން 60 އަހަރުގެ މި އެކްޓަރު ބައިވެރިވީ މުމްބާއީގެ ސްލަމް ރިހެބިލިޓޭޝަން އޮތޯރިޓީ "އެސް.އާރް.އޭ" އިން އިންތިޒާމުކުރި ރަސްމީ ހަރަކާތެއްގައެވެ. އެތަނުގައި އޭނާ ވަނީ އެ އޮތޯރިޓީގެ އާ ޑޭޓާ ކަލެކްޝަން އެންޑް ވެރިފިކޭޝަން ސަޕޯޓް ސެންޓަރާއި އައިޓީ ސާވާ ރޫމް އިފްތިތާހުކޮށްދީފައެވެ. މި ޕްރޮގްރާމްގެ ތެރެއިން ސަލްމާން ވަނީ ބައެއް މީހުންނަށް ގޭގެ ތަޅުދަނޑިވެސް ހަވާލުކޮށްދީފައެވެ.
މި ހަރަކާތަކީ ބޯހިޔާވަހިކަމުގެ މަސައްކަތްތައް ފާހަގަކުރުމަށް ބޭއްވި ހަރަކާތެއް ނަމަވެސް، އެތަނުން ފެނުނު ވީޑިއޯތަކާއި ފޮޓޯތައް ވައިރަލްވީ މުޅިން ތަފާތު ސަބަބަކާ ހުރެއެވެ. ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ސަލްމާންގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުތަކަށެވެ. އެ ވީޑިއޯތަކުން އޭނާ ފެންނަ ގޮތުން ގިނަ ބަޔަކު ވަނީ ހައިރާންކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ވީޑިއޯތައް އާންމުވުމާއެކު، އެތައް އަހަރެއް ވަންދެން އޭނާއަށް ތާއީދުކުރަމުން އަންނަ ސަޕޯޓަރުން ވަނީ އަސަރުގަދަ ޝުއޫރުތައް ފާޅުކުރަން ފަށާފައެވެ. ބައެއް މީހުން ބުނެފައިވަނީ އެކްޓަރު ފެނުމުން ވަރަށް ބޮޑަށް ދެރަވި ކަމަށެވެ.
އެއް ސަޕޯޓަރަކު ކޮމެންޓްކޮށްފައިވަނީ "އޭނާ ފެންނަނީ ބަލިކޮށް، މާތްﷲ ސަލްމާނަށް ބަރަކާތް ލައްވާށި" މިފަދައިންނެވެ. އަދި އަނެއް މީހަކު ލިޔެފައިވަނީ "މަގޭ ބަތަލު މުސްކުޅިވަނީ" ކަމަށެވެ. ހިންދީ ބަހުން "ޔޭ ކިޔާ ހޯގަޔާ ބާއީ ކޯ؟" ނުވަތަ "ބާއީއަށް މިވީ ކިހިނެއް؟" އޭ ބުނެ ވެސް ގިނަ ބަޔަކު ވަނީ ސުވާލުކޮށްފައެވެ. ގިނަ ބަޔަކު ވަނީ އެމީހުންގެ އެންމެ މަގުބޫލު ތަރި މުސްކުޅިވަމުންދާ މަންޒަރު ބަލަން އުނދަގޫ ކަމަށް ބުނެފައެވެ.
ނަމަވެސް، ބައެއް ސަޕޯޓަރުން ވަނީ މުސްކުޅިވުމަކީ ގުދުރަތީ ކަމެއްކަން ހަނދާންކޮށްދީފައެވެ. އެގޮތުން ސަލްމާންގެ އުމުރުން މިހާރު 61 އަހަރުވާން ކައިރިވެފައިވާކަން ފާހަގަކޮށް، "ކޮންމެ މީހަކުވެސް މުސްކުޅިވާނެ، އެކަމަކުވެސް އަހަރެމެން ބާއީދެކެ ލޯބިވޭ" ކަމަށް ބުނެ އޭނާއަށް އޮތް ވަފާތެރިކަން ހާމަކޮށްފައިވެއެވެ.
އިންޓަނެޓްގައި މިފަދަ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ސަލްމާން ޚާން ނުވަތަ އޭނާގެ ޓީމުން ސިއްހީ އެއްވެސް މައްސަލައަކާ ގުޅޭގޮތުން ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ. އޭނާ އަދިވެސް އަންނަނީ ފިލްމީ މަސައްކަތްތަކުގައި ހަރަކާތްތެރިވަމުންނެވެ.
މަސައްކަތުގެ ދާއިރާއަށް ބަލާއިރު، ދާދި ފަހުން ރިތޭޝް ދޭޝްމުކް ޑައިރެކްޓްކުރި "ރާޖާ ޝިވާޖީ" އިން ސަލްމާން ވަނީ ފެނިގެން ގޮސްފައެވެ. ނެޓްފްލިކްސްއިން މިހާރު ސްޓްރީމްކުރާ މި ފިލްމުގައި ޖެނީލިއާ ޑިސޫޒާ، އަބީޝެކް ބައްޗަން، ސަންޖޭ ދަތު އަދި ވިދްޔާ ބާލަން ވެސް ހިމެނެއެވެ.
ދެން އެންމެ އަވަހަށް ސަލްމާން ފެންނާނެ ކަމަށް ބެލެވެނީ "މާތްރޫބޫމީ: މޭ ވޯ ރެސްޓް އިން ޕީސް" އިންނެވެ. އަޕޫރްވާ ލަކިއާ ޑައިރެކްޓްކުރާ މި ފިލްމުގައި ޗިތުރަންގަދާ ސިންގް، މުކޭޝް ރިޝީ އަދި އަންކުރް ބާޓިއާ މުހިންމު ރޯލުތަކުން ފެންނާނެއެވެ.
މިވަގުތަށް ބަލާއިރު، ސަލްމާން ޚާންގެ މި ވީޑިއޯއިން ހާމަވެގެން ދިޔައީ މި ސުޕަރސްޓާރާއި އޭނާގެ ސަޕޯޓަރުންނާ ދެމެދު އޮތް ވަރުގަދަ ގުޅުމެވެ. ސަޕޯޓަރުން އަދިވެސް އަންނަނީ އޭނާގެ ދިރިއުޅުމުގެ ކޮންމެ ވަގުތެއް ވަރަށް ގާތުން ބަލަމުންނެވެ.


