42 ރަށެއްގެ ފިޓްނަސް ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމަށް އެއްބަސްވުމެއްގައި ސޮއިކުރުން، ފޮޓޯ: ފޮރިން މިނިސްޓްްރީ

ރާއްޖޭގެ 42 ރަށެއްގެ ފިޓްނަސް ސެންޓަރުތަކަށް ބޭނުންވާ ސާމާނު އިންޑިއާ ފޯރުކޮށްދެނީ

ރާއްޖޭގެ 42 ރަށެއްގައި ޤާއިމުކުރާ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމަށްޓަކައި، ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ރާއްޖެއާއި އިންޑިއާއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަންއެވެ. އަދި މަޝްރޫޢު ތަންފީޒުކުރާ މުއައްސަސާގެ ފަރާތުން ސޮއިކުރެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިއުއެވެ.

ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، މި މަޝްރޫޢަކީ ރަށްރަށުގެ ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށާއި، މީގެ ސަބަބުން އަންހެނުން ބާރުވެރިކުރުވުމަށާއި އިޖުތިމާއީ ބައިވެރިވުން އިތުރުކުރުމަށް ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. ވަޒީރު ޢަބްދުﷲ ރާފިއު ފާހަގަކުރެއްވި ގޮތުގައި، މި ސެންޓަރުތަކަކީ އިޖުތިމާއީ ގުޅުން ބަދަހިކޮށްދޭ މަރުކަޒުތަކަކަށް ވެގެންދާނެއެވެ. އަދި ހުރިހާ އުމުރުފުރައެއްގެ މީހުންނަށް، ޚާއްޞަކޮށް އަންހެނުންނާއި ޒުވާނުންނަށް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފުޅާވެގެންދާނެއެވެ.

އިންޑިއާ ސަފީރު ޖީ. ބާލަސުބްރަމާނިއަން ވިދާޅުވީ، މި އެއްބަސްވުމުން ދައްކުވައިދެނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ކަމަށެވެ. އަދި ކުޅިވަރުގެ ދާއިރާއިން ހިންގާ މިފަދަ މަޝްރޫޢުތަކުގެ ސަބަބުން އަތޮޅުތެރޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެކަމަށް ވެސް ސަފީރު ވިދާޅުވިއެވެ. ރަސްމިއްޔާތުގައި ދެ ވަޒީރުން ވަނީ އިންޑިއާ ސަރުކާރުން ދެއްވާ ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ