ސްޕެއިން އިން ގިނަ އަހަރުތަކަކަށްފަހު ފީފާ ވޯލްޑް ކަޕް 2026 ކާމިޔާބުކުރުމުން ލިބުނު އުފާވެރިކަމަށް، މެޗު ނިމުނު ފަހުން ހިނގި ބިރުވެރި އަނިޔާވެރި އަމަލުތަކުގެ ސަބަބުން ހިޔަނި އެޅިއްޖެއެވެ. މެޗަށްފަހު ހިނގި ވަރުގަދަ ކުރިމަތިލުންތަކާ ގުޅިގެން، އާޖެންޓީނާގެ ބައެއް ކުޅުންތެރިންގެ އަމަލުތައް ފީފާ އިން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ނިއުޔޯކުގައި ކުޅުނު މި ފައިނަލް މެޗުގެ އިތުރު ވަގުތުގައި ފެރާން ޓޮރޭޒް 106 ވަނަ މިނެޓުގައި ޖެހި ލަނޑާއެކު، 1-0 އިން އެންމެ ފަހުގެ ވޯލްޑް ކަޕް ޗެމްޕިއަން އާޖެންޓީނާ ބަލިކޮށް، 2010 ގެ ފަހުން ސްޕެއިން އިން ވަނީ ދެވަނަ ފަހަރަށް ވޯލްޑް ކަޕް ތަށި އުފުލާލާފައެވެ. ނަތީޖާގެ ފަރަގު ކުޑަވި ނަމަވެސް، މުޅި މެޗުގައި ބޯޅަ ހިފަހައްޓައިގެން ކުޅުން ކޮންޓްރޯލް ކުރީ ސްޕެއިން އިންނެވެ.
ނަމަވެސް، ރެފްރީ މެޗު ނިމުނުކަމުގެ ފަހު ފުމެލުމާއެކު، އުފާފާޅުކުރުންތައް ބަދަލުވެގެން ދިޔައީ ހަމަނުޖެހުންތަކަށެވެ.
ޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި އާޖެންޓީނާގެ މިޑްފީލްޑަރު ލިއަންޑްރޯ ޕަރޭޑޭސް ހުރީ މި ހަމަނުޖެހުންތަކުގެ މެދުގައެވެ. އޭނާ ސްޕެއިންގެ ޑިފެންޑަރު އެރިކް ގާސިއާގެ ކަރުގައި ހިފި މަންޒަރު ފެނިފައިވާއިރު، އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ވަނީ ކުޅުންތެރިން ދުރުކުރުމަށް މަސައްކަތް ކޮށްފައެވެ.
މީގެ އިތުރުން، ޕަރޭޑޭސް ވަނީ ސްޕެއިންގެ މިޑްފީލްޑަރު ގާވީ ބިންމައްޗަށް ވައްޓާލައި، އޭނާގެ މޫނުމަތީގައި ކޮއްޕައި، އަދި 21 އަހަރުގެ އެ ކުޅުންތެރިޔާއާ ދިމާލަށް ބޫޓުން ކަނޑާލަން މަސައްކަތް ކޮށްފައެވެ. ހަމައެއާއެކު، އާޖެންޓީނާގެ ޑިފެންޑަރު ނަހުއެލް މޮލީނާ ސްޕެއިންގެ ކުޅުންތެރިއެއްގެ ބަނޑުގައި ބޮލުން ޖެހި ކަމަށް ތުހުމަތު ކުރެވޭއިރު، ފަހުން އޭނާ ސްޕެއިންގެ ކެޕްޓަން ރޮޑްރީއާ ދިމާލަށް އަތް މަޅާލި މަންޒަރު ފެނި، އިތުރު ހަމަނުޖެހުންތަކެއް އުފެދުނެވެ.
ސްކައި ނިއުސްގެ ރިޕޯޓްތަކާ ހަވާލާދީ ބުނާގޮތުގައި، ފައިނަލަށްފަހު އާޖެންޓީނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު އަމަލުތައް ފީފާ އިން ތަހުގީގު ކުރަން ފަށާފައިވާއިރު، މިކަމުގައި ބައިވެރިވި ކުޅުންތެރިންނަށް އަދަބު ދިނުމާ މެދު ގޮތެއް ނިންމާނެއެވެ.
ބީބީސީގައި ވާހަކަ ދައްކަމުން އިންގްލެންޑްގެ ލެޖެންޑް އެލަން ޝިއަރާ ވަނީ މި އަމަލުތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.
"ޕަރޭޑޭސް މީހެއްގެ މޫނުމައްޗަށް ދެތިން ފަހަރު ހަމަލާދޭން މަސައްކަތް ކުރި. އޭނާ ދިޔައީ އެމީހުންނާ ދިމާލަށް. ފުޓްބޯޅައިގައި މިފަދަ ކަންކަމަށް ޖާގައެއް ނެތް،" ޝިއަރާ ބުންޏެވެ. "މިއީ އެމީހުންނަށް ކިހާ މުހިންމު މެޗެއްކަން އަދި ބަލިވުމުން ވާނެ ދެރަ އަހަރެމެންނަށް އެނގޭ. އެކަމަކު ބަލިވުމުގައިވެސް އަދަބުވެރި ގޮތެއް އޮންނަންވާނެ. އާޖެންޓީނާގެ ފަރާތުން މިފަދަ ކަންކަން މާ ގިނައިން ފެނިއްޖެ. މެޗު ނިމުމުން އެމީހުންގެ ފަރާތުން ފެނުނު އަމަލުތައް ވަރަށް ގޯސް."
ސްޕެއިން އަށް ތަށި ހަވާލުކުރި ރަސްމިއްޔާތުގައި އާޖެންޓީނާގެ ކުޅުންތެރިން އަމަލުކުރި ގޮތަށްވެސް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ޓޯކްސްޕޯޓުން ރިޕޯޓްކުރި ގޮތުގައި، ސްޕެއިން އިން ވޯލްޑް ކަޕް ތަށި އުފުލާލި ވަގުތު އާޖެންޓީނާގެ ބައެއް ކުޅުންތެރިން ގަސްތުގައި ފުރަގަސްދީގެން ތިއްބެވެ.
އިންގްލެންޑްގެ ކުރީގެ ޑިފެންޑަރު ސްޓޫއާޓް ޕިއާސް ބުނިގޮތުގައި، މުޅި އާޖެންޓީނާ ޓީމުން ޗެމްޕިއަނުންނަށް އިހުތިރާމް އަދާކުރަން ދެކޮޅު ހެދި ކަމަށާއި، މިއީ ވަރަށް މާޔޫސްވާ ކަމެއް ކަމަށެވެ.
މި ހިތްނުތަނަވަސް ހާދިސާތަކުގެ ސަބަބުން، ސްޕެއިންގެ ތާރީޚީ ކާމިޔާބީއާއި ޓޮރޭޒްގެ ލަނޑުގެ ވާހަކައަށްވުރެ ބޮޑަށް ދެކެވެނީ މި ހަމަނުޖެހުންތަކުގެ ވާހަކައެވެ. ފީފާ އިން މިހާރު ވީޑިއޯ ފުޓޭޖްތަކާއި މެޗު ރިޕޯޓްތައް ބަލަމުންދާއިރު، ދުނިޔޭގެ އެންމެ ބޮޑު މެޗުން ބަލިވުމުގެ އިތުރުން، އާޖެންޓީނާއަށް ހަރުކަށި އަދަބުތަކަކާ ކުރިމަތިލާން ޖެހިދާނެއެވެ.



ކިޔުންތެރިންގެ ޚިޔާލުތައް:
ހަމަ އިޒުރޭލްގެ ސިފަ އާޖެން ޓީނާ ގައި ޖެހި ހާމަ ވެއްޖެ. ޙެހެ