ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އާޖެންޓީނާ ބަލިކޮށް ސްޕެއިނުން ހޯދި ތާރީޚީ ކާމިޔާބީ، ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ވަރަށް ފޯރިއާއެކު ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. ޔަހޫދީ ފައުޖުގެ ޤަތުލުޢާންމުގައި ސުންނާފަތިކޮށްފައިވާ އިމާރާތްތަކުގެ ކުނިބުނީގެ ތެރޭގައާއި މަގުތަކުގައި، އެހީދޭ ޖަމުޢިއްޔާތަކުން ޖަނަރޭޓަރު ބޭނުންކޮށްގެން ދެއްކި މެޗު ބެލުމަށްފަހު ޣައްޒާގެ އެތައް ސަތޭކަ ރައްޔިތުންނެއް ވަނީ އުފާފާޅުކުރަން މަގުތަކަށް ނުކުމެފައެވެ. ޣައްޒާގެ ރައްޔިތުން ސްޕެއިންގެ ކާމިޔާބީ މިހާ ބޮޑަށް ފާހަގަކުރީ، ސްޕެއިނަކީ ފަލަސްޠީނުގެ މިނިވަންކަމަށް ބައިނަލްއަޤުވާމީ މައިދާނުގައި ހަރުއަޑުން ވަކާލާތުކުރާ ޤައުމަކަށް ވާތީއެވެ.
ސްޕެއިންގެ މި ކާމިޔާބީއާއެކު އެ ޤައުމުގެ މަގުތަކުގައި އުފާފާޅުކުރި އެތައް ހާސް ރައްޔިތުންނެއް ވެސް ވަނީ ފަލަސްޠީނުގެ ދިދަ ވިހުރުވައި، ފަލަސްޠީނުގެ ޙައްޤުގައި އަޑުއުފުލާފައެވެ. މިއީ ނިކަމެތިކޮށްލާފައިވާ ޣައްޒާގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.
މިއީ ސްޕެއިންގެ ފުޓްބޯޅައާ ފަލަސްޠީނާ ގުޅުނު ފުރަތަމަ ފަހަރެއް ނޫނެވެ. 2025/2026 ވަނަ އަހަރުގެ 'ލަ ލީގާ' ގެ ޗެމްޕިޔަންކަން ބާސެލޯނާއިން ހޯދި ހަފުލާގައި، އެ ކުލަބުގެ ޒުވާން ތަރި ލަމީން ޔަމާލް ވެސް ވަނީ ފަލަސްޠީނުގެ ދިދަ ވިހުރުވާލާފައެވެ. އެކަމާ ގުޅިގެން ޔަހޫދީންގެ ފާޑުކިޔުން އަމާޒުވި ނަމަވެސް، ފަލަސްޠީނުގެ ރައްޔިތުން އޭނާގެ އެ ހިތްވަރުގަދަ ޢަމަލު ބަލައިގަތީ ވަރަށް ފުން ލޯތްބަކާއެކުގައެވެ.


