ޅ. ނައިފަރުގެ ބިން ހިއްކުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުގެ ދަށުން އެރަށުން 45 ހެކްޓަރުގެ ބިން ހިއްކާ ނިންމާލައިފި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ނައިފަރަށް ކުރެއްވި ދަތުރުފުޅުގައި ފެއްޓެވި މަސައްކަތެކެވެ. ސަރުކާރުން ނައިފަރަކީ "އަރބަން ސެންޓަރެއް" ގޮތުގައި ތަރައްޤީކުރަން ނިންމުމާ ގުޅިގެން، އިތުރުވަމުންދާ އާބާދީއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި އިޤްތިޞާދީ ފުރުޞަތުތައް ފުޅާކުރުމަށްޓަކައި ކުރިން ހިއްކަން ނިންމި މިންވަރަށްވުރެ ބޮޑުކޮށް ބިން ހިއްކުމަށް ވަނީ ހަމަޖައްސާފައެވެ.
ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް: ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާއިރު، ހިއްކި ބިން ހިމާޔަތްކުރުމުގެ މަސައްކަތުގެ 24 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން:
-
1,813 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުން.
-
803 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ބާއްވުން.
-
474 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުން ހިމެނެއެވެ.
5,800 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ނައިފަރަކީ ކުރިން 55 ހެކްޓަރުގެ ރަށެކެވެ. ޖާގައިގެ ދަތިކަން ހައްލުކުރުމަށް 2004 ވަނަ އަހަރު ވެސް އެރަށުން 16 ހެކްޓަރުގެ ބިން ހިއްކައި، ބޯހިޔާވަހިކަމުގެ ހައުސިންގ ޔުނިޓުތައް ވަނީ ތަރައްޤީކޮށްފައެވެ.


