ނިމިދިޔަ ޖުލައި މަހުގެ ތެރޭގައި އުރުދުންއާއި މެދުއިރުމަތީގެ އެހެން ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ދިން މިސައިލާއި ޑްރޯން ހަމަލާތަކުގައި އެމެރިކާގެ 12 ސިފައިންނަށް ސީރިއަސް އަނިޔާތަކެއް ލިބި، ގަލްފުގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ނިއުޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފިއެވެ.
އަނިޔާވި ސިފައިންނަށް ފަރުވާދިނުމަށް ޖަރުމަނުވިލާތުގެ އަސްކަރީ ހޮސްޕިޓަލަކަށް ގެންގޮސްފައިވާއިރު، ޖުލައި މަހުގެ ކުރީކޮޅުން ފެށިގެން ދެމުންދާ ހަމަލާތަކުގައި އެމެރިކާގެ އަސްކަރީ ހިދުމަތުގެ ޖުމްލަ 100 އެއްހާ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 50 މީހުންނަށް އަނިޔާވީ އުރުދުންގައި ހުންނަ މަރުކަޒުތަކަށް ދިން ހަމަލާތަކުގައެވެ.
މި ހަމަލާތަކުގައި ކުވެއިތުގެ އަހުމަދު އަލް ޖާބިރު އެއާ ބޭސްގައި ހުރި އާ ރާޑަރު ސިސްޓަމެއް މުޅިން ހަލާކުވެފައިވާއިރު، ބަހްރައިންގައި ހުންނަ ކަނޑުގެ ސިފައިންގެ މަރުކަޒެއްގެ ގުދަނަކަށާއި، ކުވެއިތުގެ އަލީ އަލް ސާލިމް އެއާ ބޭސްގެ އިތުރުން އިރާގުގެ އީރްބިލް އެއާޕޯޓުގައި ހުރި އެމެރިކާގެ އަސްކަރީ ފޭލިގެއަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އަދި އުރުދުންގެ މުވައްފަގު ސަލްތީ އެއާ ބޭސްއަށް ދިން ހަމަލާގައި އެމެރިކާގެ ތިން ސިފައިން މަރުވި ހާދިސާގެ ތަހުގީގު އަދިވެސް ކުރިއަށްދާކަމަށް އަސްކަރީ އޮފިޝަލުން ހާމަކުރައްވައެވެ.


