ފޮޓޯ: ރޮއިޓަރސް

ބޮރޫޝިޔާ ޑޯޓްމަންޑަށް ކުޅެމުންދިޔަ ކަރީމް އަޑެޔޭމީ ބާސެލޯނާއަށް ސޮއިކޮށްފި

ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑަށް ކުޅެމުންދިޔަ އުމުރުން 24 އަހަރުގެ ކަރީމް އަޑެޔޭމީ 2031 ވަނަ އަހަރުގެ ނިޔަލަށް ބާސެލޯނާއަށް ސޮއިކޮށްފިއެވެ.

ރަސްމީކޮށް ޓްރާންސްފާ ފީ ހާމަކޮށްފައި ނުވި ނަމަވެސް، މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ ބާސެލޯނާއަށް ބަދަލުވީ 25.1 މިލިއަން އެމެރިކާ ޑޮލަރަށެވެ. 2022 ވަނަ އަހަރު ރެޑްބުލް ސާލްސްބަރގުން ޑޯޓްމަންޑަށް ގުޅުނު އަޑެޔޭމީ ވަނީ އެ ކްލަބަށް ކުޅެދިން 146 މެޗުގައި 36 ލަނޑު ޖަހާފައެވެ. ވަރަށް ހަލުވި ސްޕީޑެއްގައި ދުވާ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ އަޑެޔޭމީއަށް ބާސެލޯނާގެ މިހާރުގެ ކޯޗު ހެންސީ ފްލިކް ވަނީ މީގެ ކުރިން ޖަރުމަނުގެ ޒުވާން ޓީމުގައިވެސް ކޯޗުކަން ކޮށްދީފައެވެ.

އަޑެޔޭމީއަކީ ކުރިއަށް އޮތް ސީޒަނަށް ބާސެލޯނާ ވަރުގަދަކުރުމުގެ ގޮތުން މި ޓްރާންސްފާގައި އެ ކްލަބަށް ސޮއިކުރި ދެވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން އެ ކްލަބުން ވަނީ ނިއުކާސަލް ޔުނައިޓެޑްގެ އެންތަނީ ގޯޑަންވެސް ހޯދާފައެވެ.

ބާސެލޯނާއިން ކުރިއަށް ކުޅޭ އާ ކުޅުންތެރިން ހޯދާފައިވަނީ، މިދިޔަ ސީޒަނުގައި އެ ކްލަބަށް ކުޅުނު ރޮބަޓް ލެވަންޑޯސްކީ އެމެރިކާގެ ޝިކާގޯ ފަޔާއަށް ބަދަލުވުމާއި، ލޯނު އެއްބަސްވުން ހަމަވުމުން މާކަސް ރަޝްފޯޑް އަނބުރާ މެންޗެސްޓާ ޔުނައިޓެޑަށް ގޮސްފައިވާތީއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ