ތާރު އަޅައިގެން ތަރައްޤީކުރި އަމީނީ މަގުގެ ތާރުގަނޑު އުފުލި، މަގު ވަރަށް ބޮޑަށް ހަލާކުވެފައިވާތީ، އެ މަގު މަރާމާތު ކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.
ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިދިޔަ މަހުގެ 15 ގައި އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫޢުގެ ދަށުން، މަގު މަރާމާތު ކުރުމުގެ އިތުރުން ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
އަމީނީ މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ ކުރީގެ ސަރުކާރުން 84.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންގޮސް، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު ނިންމާލި މަޝްރޫޢެކެވެ. ނަމަވެސް، ތާރު އެޅުމަށްފަހު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމުގެ ސަބަބުން ކުރު މުއްދަތެއްގެ ތެރޭގައި ތާރުގަނޑު ހަލާކުވެ، ދުއްވާ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކަކާ ވަނީ ކުރިމަތިލާންޖެހިފައެވެ.


